ޚަބަރު

އިސްމާޢީލް ފަތުޙީ އަވަހާރަވުމާ ގުޅިގެން ރައީސް ތަޢުޒިޔާ ވިދާޅުވެއްޖެ


ސަރުކާރަށް ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވައިފައިވާ ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ، އިސްމާޢީލް ފަތުޙީ އަވަހާރަވުމާ ގުޅިގެން އޭނާގެ ޢާއިލާއަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.

ކޯވިޑު ބަލީގެ އާލާސްކަންފުޅުގައި އިސްމާޢީލް ފަތުޙީ، އަވަހާރަވި ޚަބަަރު އެއްސެވީ ވަރަށް ފުން ހިތާމައާ އެކުގައި ކަމަށާއި، އިސްމާޢީލް ފަތުޙީއަކީ، ރާއްޖޭގެ އޮޑިޓް ދާއިރާއާއި މާލީ ދާއިރާގެ ތަރައްޤީއަށާއި ކުރިއެރުމަށް ވަރަށް އިޚްލާޞްތެރި ޚިދުމަތްތަކެއް ކޮށްދެއްވި ބޭފުޅެއްކަން ރައީސުލްޖުމްހޫރިއްޔާވަނީ ފާހަގަކުރެއްވިއެވެ.

46 އަހަރަށްވުރެ ދިގު މުއްދަތެއްގައި ސަރުކާރަށާއި ރައްޔިތުންނަށް އިޚްލާޞްތެރި ޚިދުމަތްތަކެއް އެމަނިކުފާނު ކޮށްދެއްވާފައިވާކަން ފާހަގަކުރައްވައި ރައިސް އޮފީހުން ވިދާޅުވީ އެމަނިކުފާނާ ހަވާލުކުރެއްވި ކޮންމެ މަޤާމެއް ފުރުއްވާފައިވަނީ، ވަރަށް ތެދުވެރިކަމާއި ވަފާތެރިކަމާއެކުގައިަކަމަށެވެ.

އަލްމަރުޙޫމް އިސްމާޢީލް ފަތުޙީއަކީ ފިނޭންސްގެ ދާއިރާގައިވެސް 15 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އަދި އޮޑިޓަރ ޖެނެރަލް ކަމުގެ މަޤާމުގައި 14 އަހަރަށްވުރެ ގިނަ ދުވަހު ހުންނެވިއެވެ. ދައުލަތަށް ގިނަދުވަހު ޚިދުމަތް ކުރެއްވި ޢިއްޒަތްތެރިއެއްގެ މަޤާމަށް 16 ޖެނުއަރީ 2008 ގައި އިސްމާޢީލް ފަތުޙީ ހަމަޖެއްސެވިއިރު، އެމަނިކުފާނު ހުންނެވީ އޮޑިޓަރ ޖެނެރަލް އަދި މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފިނޭންސް ކަމުގެ މަޤާމުގައެވެ.

1981ވަނަ އަހަރު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އުފެއްދެވުމުގައިވެސް އަލްމަރްޙޫމް އިސްމާޢީލް ފަތުޙީ މުހިންމު ދައުރެއް އަދާކުރައްވާފައިވެއެވެ. އަދި އިސްމާޢީލް ފަތުޙީ އަކީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ފުރަތަމަ ވައިސް ގަވަރުނަރެވެ.

1 ޖުލައި 1981 އިން 10 ނޮވެންބަރު 1993 އާ ހަމައަށް އިސްމާޢީލް ފަތުޙީ މަރުކަޒީ ބޭންކަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާކަން ފާހަގަކުރައްވައި މަރުކަޒީ ބޭންކް އެމްއެމްއޭއިންވެސްވަނީ ތަޢުޒިޔާ ފޮނުއްވާފައެވެ. އިސްމާޢީލް ފަތުޙީއަކީ ރާއްޖޭގެ މާލީ ދާއިރާގެ ތަރައްގީގެ ބާނީއެއްގެ ގޮތުގައި ފާހަގަކުރެވޭ ބޭފާކަން އެމްއެމްއޭއިން ފާހަގަކުރެއްވިއެވެ.

އިސްމާޢީލް ފަތުޙީ އަވަހާރަވީ ކޯވިޑު ބަލީގެ އާލާސްކަންފުޅުގައި ފަރުވާދެމުންދަނިކޮށް މިއަދު ހަވީރު ދަރުމަވަންތަ ހޮސްޕިޓަލުގައެވެ. އަވަހާރަވިއިރު ޢުމުރުފުޅަކީ 80 އަހަރެވެ.