ޚަބަރު

ދިވެހި ހުރިހާ ޙާޖީން އަރަފާތުގައި، އެންމެންގެ ހާލުވެސް ރަނގަޅު


  • މިނާ ހޮސްޕިޓަލުގައި ފަރުވާދިން ޙާޖީވެސް ފަރުވާއަށްފަހު އަރަފާތަށް ވަނީ ގެންގޮސްފައި

  • ދިވެހި ޙާޖީންނަށް އަރަފާތަށް ދެވުނީ ރާއްޖޭގެ ގަޑިން ފަތިހު 5:00 ޖެހިއިރު

ދިވެހި ހުރިހާ ޙާޖީން މިހާރު ތިބީ އަރަފާތުގައި ކަމަށާއި ހުރިހާ ޙާޖީންގެ ހާލުވެސް ރަނގަޅުކަމަށް އިސްލާމީ ކަންތައްތަކާ އަޢުޤާފާ ބެހޭ ވަޒީރު ޑރ.މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ. ވަޒީރު ވިދާޅުވީ މިނާ ހޮސްޕިޓަލުގައި ރޭގެ ވަގުތެއްގައި އެޑްމިޓްކުރި ޙާޖީގެ ހާލުވެސް މިހާރު ރަނގަޅުކަމަށާއި ޙައްޖު ކޯޕަރޭޝަނުން އޭނާ ވެސް އަރަފާތަށް ގެންގޮސްފައިވާކަމަށެވެ.

އަރަފާތަށް އައުމަށް ޙައްޖުވެރިން މިނާއިން ދަތުރުފެށީ ރާއްޖެގަޑިން ރޭ 11:00ގައެވެ. ދިވެހިން އަރަފާތު ބިމަށް ގެންދިއުމަށް 22 ބަސް ބޭނުންކުރިއެވެ. އެންމެ ފަހު ބަހުގެ ޙާޖީންނަށް އަރަފާތަށް ދެވުނީ ރާއްޖެ ގަޑިން ފަތިހު 05:00 ހާއިރުއެވެ.

ބަލިވުމުގެ ސަބަބުން މިނާގެ ހޮސްޕިޓަލްގައި އެއްޙާޖީއަކަށްވަނީ ފަރުވާދީފައެވެ. އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ މިނާ ހޮސްޕިޓަލުގައި ރޭގެ ވަގުތެއްގައި އެޑްމިޓްކުރި ޙާޖީގެ ހާލުވެސް މިހާރު ރަނގަޅު ކަމަށެވެ. އަދި ޙައްޖު ކޯޕަރޭޝަނުން އޭނާ ވެސް މިހާރު އަރަފާތަށް ގެންގޮސްފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ. އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން ވިދާޅުވީ ހުރިހާ ޙާޖީންގެ ހާލުވެސް ރަނގަޅު ކަމަށެވެ.

ޙާޖީންނަށް އަރަފާތުގައި އެންމެހާ އިންތިޒާމުތައް ވަރަށް ފުރިހަމައަށް ހަމަޖައްސާފައިވާކަން ފާހަގަކޮށްލެވެއެވެ. އެގޮތުން އަރަފާތުގައި ތިބުމާއި ކެއިންބުއިމުގެ އިންތިޒާމުތައްވެސް ވަރަށް ފުރިހަމައަށްވަނީ ހަމަޖައްސާފައެވެ.

އަރަފާތު ދުވަހަކީ ޙައްޖުގެ އަޅުކަމުގެ އެންމެ މާތް ދުވަހެވެ. މިއަދުގެ އިރު އޮއްސުމާއި ހަމައަށް ޙާޖީން މަޑުކުރާނީ އަރަފާތުގެ މަޝާއިރުގައި ޙައްޖުގެ މަނާސިކުތަކުގައި މަޝްޢޫލުވެގެންނެވެ. ޙައްޖު މަހުގެ 9ވަނަ ދުވަހަށް އިރުއެރުމާ ހަމައިން ފެށިގެން އަރަފާތު ދުވަސް ފެށުނީއެވެ. އަރަފާތު ދުވަހުގެ އެންމެ މާތް ވަގުތަކީ މެންދުރު ނަމާދުގެ ވަގުތުން ފެށިގެން އިރުއޮއްސެންދެންނެވެ.

ޙައްޖުވެރިންނަށް ދޭ ދިވެހި ޚުތުބާ އަރަފާތުގައި މިއަދު ދެއްވާނީ، މިއަހަރު ރާއްޖެއިން ޙައްޖުގެ އަޅުކަމުގައި އިސް ޝައިޚުގެ ގޮތުގައި ވަޑައިގެންނެވި، ޝައިޚް އިލްޔާސް ޙުސައިންއެވެ.

ޙައްޖުވެރިން އަރާފާތުގައި މަޑުކުރުމަށްފަހު، މުޒްދަލިފާއަށް ދާން ދަތުރުފަށާނީ މިރޭ އިރުއޮއްސުމުންނެވެ. އަދި މާދަމާ މިނާއަށްގޮސް، ޖަމްރަތުލް އަޤަބާއަށް ހިލައުކާ ދެން ހިމެނޭ ވާޖިބުތައް އަދާކުރުމުން ފުރަތަމަ ތަޙައްލުލު (އިހުރާމު ކެނޑޭނެ)އެވެ.