ވިޔަފާރި

އެކްސްޕޯ 2015 އަށް ހީކުރި ވަރަށްވުރެ ބޮޑު ތަރުހީބެއް..!!


ޑިސެމްބަރު މަހު ބާއްވާ
ދިވެހިއުފެއްދުންތެރިކަމުގެ މައުރަޒު ނުވަތަ އެކްސްޕޯ 2015 އަށް ހީކުރި
ވަރަށް ވުރެ ބޮޑު ތަރުހީބެއް ލިބެމުންދާކަމަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވޮލޮޕްމެންޓުން ވިދާޅުވެއްޖެއެވެ.

އެ މިނިސްޓްރީން ވިދާޅުވީ، އެކްސްޕޯގައި ބައިވެރިވުމަށް ގިނަ ބަޔަކު ހުށައަޅަމުންދާކަމަށާއި އަދި މިހާރު ބައެއްފަރާތްތަކުން އެކްސްޕޯގައި ބައިވެރިކުރާ ތަކެތިވެސް
ހުށައަޅަމުންދާކަމަށެވެ.

މިފަހަރު ބާއްވާ
އެކްސްޕޯ 2015 އަކީ ކުރިން ބާއްވަމުން އަންނަ ދިވެހިންގެ އުފެއްދުންތެރިކަމުގެ
މައުރަޒުތަކާއި ޚިލާފަށް ދިވެހި ކޮންމެ ވައްތަރެއްގެ އުފެއްދުމަކަށްވެސް ޖާގަދެވޭނެ
އެކްސްޕޯއެއްކަމަށް މައުރަޒު އިންތިޒާމްކުރައްވާ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވޮލޮޕްމެންޓުން ވިދާޅުވެއެވެ.



ރާއްޖޭގެ
މަސައްކަތްތެރިންގެ މައުރަޒު މިހާތަނަށް 32 ފަހަރު ބާއްވާފައިވާއިރު މިފަހަރު
ބައްވާ އެކްސްޕޯ 2015 އަކީ މިފަދަ މައުރަޒެއް ބާއްވާ 33 ވަނަ ފަހަރެވެ. މިފަހަރު މައުޒަރު
މި ބޭއްވެނީ ބާރަ ވަރަކަށް އަހަރުގެ މެދުކެނޑުމަކަށް ފަހުގައެވެ.



މީގެ
ކުރިން ބާއްވާފައިވާ މައުރަޒުތަކުގައި މުޅިންހެން ފެނިގެންގޮސްފައިވަނީ ވަޑާމުގެ
މަސައްކަތްތަކާއި، ލިޔެލާޖެހުން ފަދަ އަތްތެރިކަމުގެ މަސައްކަތްތަކާއި، ފަށުވިން
މާޖެހުންފަދަ މަސައްކަތްތަކެވެ. ނަމަވެސް އެ ހުރިހާ މައުރަޒުތަކާއި ޚިލާފަށް
މިފަހަރުގެ މައުރަޒުގައި މިހުރިހާ މަސައްކަތްތަކުގެ އިތުރުން ދިވެހި ރާއްޖޭގައި އުފައްދާ ކޮންމެވައްތަރެއްގެ އުފެއްދުމަކަށްވެސް
ޖާގަލިބިގެންދާނެތީ ގިނަ ބަޔަކު މިހާރުދަނީ މައުރަޒުގައި ބައިވެރިކުރާނެ ސަމާނުތައް ތައްޔާރުކުރުމުގެ މަސައްކަތް
އަވަދިނެތި ކުރަމުންނެވެ.



އެކްސްޕޯ އިންތިޒާމްކުރާ
ފަރާތުން ވިދާޅުވީ މާލެއާ އަތޮޅުތަކުގައިވެސް މައުރަޒަށް ތަކެތި އުފެއްދުމުގެ މަސައްކަތް
ވަރަށް ވާދަވެރި ރޫހެއްގައި ކުރަމުންދާކަމަށާއި، މި މައުރަޒުގެ އެންމެބޮޑު ބޭނުމަކީ
މައުރަޒުގައި އުފެއްދުންތައް ބައިވެރިކުރާ ކޮންމެ ފަރާތަކީ ވިޔަފާރިވެރިޔަކަށް
ވުމުގެ ފުރުޞަތު ފަހިކޮށްދިނުންކަމަށެވެ.



އެކްސްޕޯގައި ބައިވެރިވުމަށް ހުށައެޅުމުގެ ފުރުޞަތު
ޑިސެމްބަރު މަހުގެ ފުރަތަމަ ދުވަހާ ހަމައަށް ހުޅުވާލެވިފައިވާއިރު، އެކްސްޕޯ
ކުރިޔަށްގެންދިއުމަށް ހަމަޖެހިފައިވަނީ ޑިސެމްބަރު މަހުގެ ބާވީހުން އަށާވީހަށް
ދަރުބާރުގޭގައެވެ.