ޚަބަރު

ފަލަސްޠީނުގެ ރައްޔިތުންގެ ސަލާމަތަށް މަސައްކަތްކުރުމަށް ޤަޠަރުން ވަޢުދުވެއްޖެ


ފަލަސްޠީނުގެ ނިކަމެތި ރައްޔިތުންނަށާއި މަސްޖިދުލް އަޤްޞާއަށް އަމާޒުކޮށް އިސްރާއީލުގެ އިސްތިޢުމާރީ ފައުޖުތަކުން ދެމުންދާ ލާއިންސާނީ ޙަމަލާތައް ހުއްޓުވުމަށް އެހެން ޤައުމުތަކާ ގުޅިގެން މަސައްކަތް ކުރުމަށް ޤަޠަރުން ވަޢުދުވެއްޖެއެވެ.

މެއި މަހުގެ 10ވަނަ ދުވަހު އިސްރާއީލުގެ އިސްތިޢުމާރީ ފައުޖުތަކުންވަނީ ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް ބޮޑެތި ލާއިންސާނީ ޙަމަލާތަކެއް ދީފައެވެ. 11 ދުވަސްވަންދެން އިސްރާއީލުގެ އިސްތިޢުމާރީ ފައުޖުތަކުން ޣައްޒާއަށް ދިން ރަޙުމުކުޑަ ޙަމަލާތަކުގައި ފަލަސްޠީނުގެ 250އަށްވުރެ ގިނަ މީހުންވަނީ ޝަހީދުވެފައެވެ. އޭގެ ތެރޭގައި 66 ކުޑަކުދިންނާއި 39 އަންހެނުންނާއި 17 މުސްކުޅިން ހިމެނެއެވެ. އޭގެ އިތުރުން 1،900އަށްވުރެ ގިނަ މީހުން ޒަޚަމުވެފައިވެއެވެ. ޣައްޒާގައި ވެރިކަންކުރާ ޙަމާސް ޖަމާޢަތާ ދެކޮޅަށް ކުރި ހަނގުރާމައިގައި އިސްރާއީލުގެ ޔަހޫދީ ދަޢުލަތަށް އެއްވެސް ކުރިއެރުމެއް ނުލިބުމުން ބަލި ޤަބޫލުކޮށް އެއްވެސް ޝަރުތަކާ ނުލައި ޙަމަލާދިނުން ހުއްޓާލާފައިވަނީ މެއި މަހުގެ 21ވަނަ ދުވަހުއެވެ. އިސްރާއީލުގެ ޔަހޫދީ ދަޢުލަތާއި ފަލަސްޠީނުގެ ރައްޔިތުންގެ މިނިވަންކަމަށް ހަނގުރާކުރަމުންދާ ޙަމާސާ ދެމެދު ޙަމަލާބަދަލުކުރުން ހުއްޓައިލުމުގެ އެއްބަސްވުމެއް ޤާއިމުކުރުމަށް އެންމެ މުހިންމު ދަޢުރެއް އަދާކޮށްފައިވަނީ މިޞްރުގެ ސަރުކާރުންނެވެ.

އިސްރާއީލުގެ އަނިޔާވެރިކަން ޙައްދުފަހަނައަޅާފައިވާ ދަނޑިވަޅެއްގައި ޤަޠަރުގެ އަމީރު ޝައިޚް ތަމީމު ބިން ޙަމަދު ބިން ޚަލީފާ އާލްޘާނީވަނީ ފަލަސްޠީނުގެ ރައީސް މަޙްމޫދު ޢައްބާސާ ފޯނުން ގުޅުއްވާ ވާހަކަދައްކަވައިފައެވެ. އެ ވާހަތަކުގައި ޢައްބާސްވަނީ ޙަމަލާބަދަލުކުރުން ހުއްޓައިލުމުގެ އެއްބަސްވުމުގެ އެންމެ ފަހުގެ މަޢުމޫމާތު ޤަޠަރުގެ އަމީރަށް ދެއްވައި ހަނގުރާމައިގައި ސުންނާފަތިވެފައިވާ ޣައްޒާ އަލުން އާރާސްތުކުރުމާ ގުޅޭގޮތުން ވާހަކަދައްކަވައިފައެވެ. އޭނާވަނީ ފަލަސްޠީނުގެ ރައްޔިތުންގެ ހައްޤުތައް ހޯދުމަށް ކުރާ މަސައްކަތްތަކަށް ޤަޠަރުން ދެމުންދާ އެއްބާރުލުން ފާހަގަކުރައްވައި އެ ޤައުމުން ޢަދާކުރަމުންދާ މުހިންމު ދަޢުރަށް ޝުކުރު ޢަދާކުރައްވައިފައެވެ.

2005ވަނަ އަހަރުން ފެށިގެން ފަލަސްޠީނުގެ ރައީސްގެ މަޤާމުގައި ހުންނެވި ޢައްބާސާ ދެއްކެވި ވާހަކަތަކުގައި ޝައިޚު ތަމީމުވަނީ ފަލަސްޠީނުގެ އިސް މަޤާމުތަކުގައި ތިއްބެވި ބޭފުޅުން ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަން ފާހަގަކުރައްވައިފައެވެ. އަދި ފަލަސްޠީނުގެ އަޚުންނާއި އުޚުތުންނަށް ޤަޠަރުން ފުރިހަމަ އެއްބާރުލުން ދޭނެކަމުގެ ޔަޤީންކަން ޝައިޚު ތަމީމުވަނީ ދެއްވައިފައެވެ. ޢަރަބި އަދި މުސްލިމު އެހެން ޤައުމުތަކާއެކު ގުޅިގެން ފަލަސްޠީނަށާއި މަސްޖިދުލް އަޤްޞާއަށް ޔަހޫދީން އަމާޒުކުރާ ޙަމަލާތަކަށް ނިމުމެއް ގެނައުމަށް މަސައްކަތްކުރާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އިސްރާއީލުގެ އިސްތިޢުމާރީ ފައުޖުތަކުން ދެމުންދާ ލާއިންސާނީ ޙަމަލާތައް ހުއްޓުވުމަށް އެހެން ޤައުމުތަކާ ގުޅިގެން މަސައްކަތް ކުރުމަށް ޤަޠަރުން ވަޢުދުވެފައިވަނީ ގަލްފުގެ އެހެން ޢަރަބި ޤައުމުތަކާއެކު އޮންނަ ގުޅުން ރަނގަޅުކުރުމަށް މަސައްކަތްކުރަމުންދާ ދަނޑިވަޅެއްގައެވެ. އޭގެ އިތުރުން ޤަޠަރަކީ އެހެން ބޮޑެތި ޢަރަބި ޤައުމުތަކާ ޚިލާފަށް ފަލަސްޠީނުގެ މިނިވަންކަމަށް ހަނގުރާމަކުރަމުންދާ ޙަމާސަށް ބޮޑު އެހީތެރިކަމެއް ދެމުންދާ ޤައުމެކެވެ.