ޚަބަރު

އެންމެ ފަހުން ސަލާމަތީ މަޖިލީހުން ބަޔާނެއް ނެރެފި


ފަލަސްޠީނުގެ ޣައްޒާގައި ވެރިކަންކުރާ ޙަމާސް ޖަމާޢަތާ ދެކޮޅަށް ކުރި ހަނގުރާމައިގައި އެއްވެސް ކުރިއެރުމެއް ނުލިބުމުން ބަލި ޤަބޫލުކޮށް ޙަމަލާދިނުން ހުއްޓާލުމަށް އިސްރާއީލުގެ ޔަހޫދީ ދަޢުލަތުން ވެފައިވާ އެއްބަސްވުމާ އެއްގޮތަށް ފުރިހަމައަށް ޢަމަލުކުރުމަށް އދގެ ސަލާމަތީ މަޖިލީހުން ގޮވައިލައިފިއެވެ.

މެއި މަހުގެ 10ވަނަ ދުވަހު އިސްރާއީލުގެ އިސްތިޢުމާރީ ފައުޖުތަކުންވަނީ ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް ބޮޑެތި ލާއިންސާނީ ޙަމަލާތަކެއް ދީފައެވެ. 11 ދުވަސްވަންދެން އިސްރާއީލުގެ އިސްތިޢުމާރީ ފައުޖުތަކުން ޣައްޒާއަށް ދިން ރަޙުމުކުޑަ ޙަމަލާތަކުގައި ފަލަސްޠީނުގެ 250އަށްވުރެ ގިނަ މީހުންވަނީ ޝަހީދުވެފައެވެ. އޭގެ ތެރޭގައި 66 ކުޑަކުދިންނާއި 39 އަންހެނުންނާއި 17 މުސްކުޅިން ހިމެނެއެވެ. އޭގެ އިތުރުން 1،900އަށްވުރެ ގިނަ މީހުން ޒަޚަމުވެފައިވެއެވެ. ޙަމާސް ޖަމާޢަތާ ދެކޮޅަށް ކުރި ހަނގުރާމައިގައި އިސްރާއީލުގެ ޔަހޫދީ ދަޢުލަތަށް އެއްވެސް ކުރިއެރުމެއް ނުލިބުމުން ބަލި ޤަބޫލުކޮށް އެއްވެސް ޝަރުތަކާ ނުލައި ޙަމަލާދިނުން ހުއްޓާލާފައިވަނީ މެއި މަހުގެ 21ވަނަ ދުވަހުއެވެ.

ޙަމަލާބަދަލުކުރުން ހުއްޓާލާފައިވަނީ އިސްރާއީލުން ދެމުންދިޔަ ޢުދުވާނީ ހަމަލާތައް ކުށްވެރިކޮށް ބަޔާނެއް ނެރުމަށް ސަލާމަތީ މަޖިލީހުން ތިން ފަހަރެއްގެ މަތިން ކުރި މަސައްކަތްތަކަށް އެމެރިކާއިން ހުރަސްއަޅާފައިވަނިކޮށެވެ. ސަލާމަތީ މަޖިލީހުގެ މަސައްކަތްތަކަށް އެމެރިކާއިން ހުރަސްއެޅީ އިސްރާއީލުން ބޭނުންވާ މާއްދާތަކެއް ބަޔާނުގައި ހިމެނުމަށް އެހެން ޤައުމުތަކުން އެއްބަސްނުވުމުންނެވެ. ޔަހޫދީން އެންމެ ބޮޑަށް ބޭނުންވި އެއް ކަމަކީ ސަލާމަތީ މަޖިލިސް މެދުވެރިކޮށް ޙަމާސް ކުށްވެރިކޮށް ބަޔާނެއް ނެރުމެވެ.

އިސްރާއީލުގެ އިސްތިޢުމާރީ ފައުޖުތަކާއި ޙާމާސާ ދެމެދު ޙަމަލާ ބަދަލުކުރުން ހުއްޓައިލުމަށް އެއްބަސްވުމުން 15 މެންބަރުންގެ މައްޗަށް ހިމެނޭ ސަލާމަތީ މަޖިލީހުންވަނީ އެކަމާ ގުޅިގެން ބަޔާނެއް ނެރެފައެވެ. އެ ބަޔާނުގައި ބުނެފައިވަނީ މެއި މަހުގެ 21ވަނަ ދުވަހުން ފަށައިގެން ޢަމަލުކުރަމުންދާ އެއްބަސްވުމަށް ސަލާމަތީ މަޖިލީހުން މަރުޙަބާ ކިޔައިކަމަށާއި އެއްބަސްވުން ޤާއިމުކުރުމަށް މިޞްރާއި ސަރަޙައްދީ އެހެން ޤައުމުތަކުން ޢަދާކޮށްފައިވާ ދަޢުރު ބަލައިގަންނަކަމަށެވެ. އަދި މިހާރުން މިހާރަށް ފަލަސްޠީނުގެ ރައްޔިތުންނަށް، ޚާއްޞަކޮށް ޣައްޒާގެ ރައްޔިތުންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މުހިންމުކަން އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

އިސްރާއީލުގެ ޔަހޫދީ ދަޢުލަތާ ފަލަސްޠީނުގެ ރައްޔިތުންގެ މިނިވަންކަމަށް ހަނގުރާކުރަމުންދާ ޙަމާސާ ދެމެދު ޙަމަލާބަދަލުކުރުން ހުއްޓައިލުމުގެ އެއްބަސްވުމެއް ޤާއިމުކުރުމަށް އެންމެ މުހިންމު ދަޢުރެއް އަދާކޮށްފައިވަނީ މިޞްރުގެ ސަރުކާރުންނެވެ. މިޞްރުންވަނީ އެއްބަސްވުން ދެމެހެއްޓޭނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ޚާއްޞަ ވަފުދެއް ޣައްޒާއަށާއި އިސްރާއީލަށް ފޮނުވައިފައެވެ. އެގޮތުން ޣައްޒާއަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމާ ގުޅޭގޮތުންނާއި އެއްބަސްވުން އިތުރަށް ވަރުގަދަކުރެވޭނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާކުރާނެއެވެ.