ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާއާއި ގުޅޭ ވާހަކަތައް އެކި ފަރާތްތަކާއި ގުޅުވައިގެން ނުދެއްކުމަށް ފުލުހުން އިލްތިމާސްކުރައްވައިފިއެވެ. މިމަހުގެ 6 ވަނަދުވަހުގެ ރޭ ރައީސް ނަޝީދަށް އަމާޒުކޮށްދިން ހަމަލާއާއި ގުޅިގެން އެކި މީހުން އެކި ސުވާލުތައް ސޯޝަލް މީޑިއާގައި އަންނަނީ ކުރަމުންނެވެ. އަދި މިކަމުގައި އެކި މީހުންނަށް ތުހުމަތުކޮށް ބައެއް ވާހަކަތައްވެސް އަންނަނީ ފަތުރަމުންނެވެ.
ރައީސް ނަޝީދަށް އަމާޒުކޮށް ދިން ނުރައްކާތެރި ހަމަލާއާއި ގުޅިގެން މިހާތަނަށް 4 މީހަކު ވަނީ ހައްޔަރުކޮށްފައެވެ. މި މައްސަލާގައި މިހާތަނަށް ހައްޔަރުކޮށްފައިވަނީ 25 އަހަރުގެ އަދުހަމް އަޙްމަދު ރަޝީދާއި، 21 އަހަރުގެ މުޖާޒް އަހުމަދާއި 32 އަހަރުގެ ތަހުމީން އަހުމަދާއި 23 އަހަރުގެ އަހުމަދު ފާތިހުއެވެ. މީގެތެރެއިން އަދުހަމް އަޙްމަދު ރަޝީދަކީ މި ބޮން ގޮއްވާލުމުގައި އަމަލީ ގޮތުން ބައިވެރިވި މީހާއެވެ. އަދި ތަހުމީން އަހުމަދަކީ ބޮން ހަރުކޮށް ގޮއްވާލި ސައިކަލްގެ ވެރިފަރާތެވެ. އަނެއް ދެ މީހުން މި ހަމަލާގައި ބައިވެރިވުން އޮތް މިންވަރު އަދި ފުލުހުން ހާމައެއް ނުކުރެއެވެ.
މި ހަމަލާއާއި ގުޅިގެން ގިނަ ވާހަކަތަކެއް ސޯޝަލް މީޑިއާގައި ދެކެވެމުން އަންނައިރު މިކަމަށް ފަނޑުކުރި ބަޔަކު ހޯދުމަށާއި އެކި މުވައްސަސާތަކުގައި އިސްކޮށް ތިބި މީހުން އިސްތިއުފާދިނުމަށްވެސް އަންނަނީ ގޮވާލަމުންނެވެ.
މި މައްސަލައިގެ ތަހުޤީގާއި ގުޅޭގޮތުން ދެކެވެމުންދާ ވާހަކަތަކާއި ގުޅިގެން ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. ސީޕީ ވިދާޅުވީ ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާ ތަހުޤީގު ފުލުހުން ކުރަމުން އަންނަނީ ވަރަށް އިންތިޒާމުވެ ބޭރުގެ ފަންނީ އެހީއާއި ލަފައާއި އެކުކަމަށެވެ.
އެހެންކަމުން މިފަދަ މައްސަލައެއްގެ ތަހުޤީގަށް ހުރަސް އެޅިދާނެ ފަދަ އަދި ތަހުޤީގުގެ އިތުބާރަށް ބުރޫއަރާފަދަ އެއްވެސް ކަމެއް ނުކުރުމަށްވެސް ކޮމިޝަނަރ ހަމީދު ވަނީ އެދިވަޑައިގެންފައެވެ. އަދި މި މައްސަލައާއި ގުޅޭ އެއްވެސް މައުލޫމާތެއް އޮތްނަމަ ކަނޑައެޅިފައިވާ ގޮތަށް ފުލުހުންނާއި ހިއްސާކުރުމަށްވެސް ސީޕީ ވަނީ އެދިވަޑައިގެންފައެވެ.
ރައްޔިތުންގެ މަޖްލިސްގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އަމާޒުކުރެވިގެން 6 މެއި ގައި ދެވުނު ޓެރަރިސްޓް ހަމަލާއާއިގުޅޭ ތަހުގީގު، ފުލުހުންގެ ޚިދުމަތުން ކުރިއަށް މިގެންދަނީ ވަރަށް އިންތިޒާމްވެ، ބޭރުގެ މާހިރުންގެ ފަންނީ ލަފައާއި އެއްގޮތަށް.
— Mohamed Hameed (@M_Hameedh) May 23, 2021
މި މައްސަލަގެ ތަހުޤީގާއި ގުޅޭ ގޮތުން ނޫސްވެރިންނާއި ވާހަކަދައްކަވަމުން ކޮމިޝަނަރ ވަނީ މި ހަމަލާގައި ކިތަންމެ ކުޑަ ނަމަވެސް ދައުރެއް އަދާކޮށްފައިވާ މީހެއްނަމަ އެމީހަކު ހައްޔަރުކޮށް އިންސާފުގެ ކުރިމައްޗަށް ގެންނަވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ. އަދި މައްސަލަ ތަހުޤީގުކުރަމުންދަނީ ހަމައެކަނި ބޮން ގޮއްވާލި ބަޔަކު ހޯދުމުގެ އިތުރުން އެކަމުގައި ބައިވެރި ފަނޑުކުރި ބަޔަކުވެސް ހޯދުންކަމަށް ސީޕީ ހަމީދުވަނީ ވިދާޅުވެފައެވެ.
ރައީސް ނަޝީދަށް ދިން ހަމަލާއާއި ގުޅޭ އެއްވެސް މައުލޫމާތެއް ވާނަމަ ފުލުހުންގެ ނަމްބަރު 9704000 އަށް، ނުވަތަ https://u.police.mv/evidence މި ލިންކަށް މައުލޫމާތާއި ފޮޓޯއާއި ވީޑިއޯ ހިއްސާ ކުރުމަށް ފުލުހުންވަނީ އެދިފައެވެ.
ރައިސް ނަޝީދަށް ދެވުނު ހަމަލާއާއި ގުޅިގެން އިންޓެލިޖެންސްގައި އެއްވެސް މައްސަލައެއް ހުރިތޯ ބެލުމުގެ މަސައްކަތް ސީދާ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ބެއްލެވުމުގެ ދަށުން އަންނަނީ ކުރައްވަމުންނެވެ. މިގޮތުން މިކަމަށް އިންޓެލިޖެންސް އޮޑިޓް ކޮމިޓީއެއް އުފައްދަވާ އެ ކޮމެޓީން އަންނަނީ މަސައްކަތްކުރަމުންނެވެ.
މި ކޮމެޓީގެ މަޤްޞަދަކީ، ޓެރަރިޒަމާ ގުޅުންހުރި އިންޓެލިޖެންސާއި މަޢުލޫމާތު ރައްކާތެރިކަމާއެކު ޙިއްޞާކުރުމާއި ޤާނޫނުގައިވާގޮތުގެ މަތިން ޓެރަރިޒަމާ ގުޅުންހުރި އިންޓެލިޖެންސް އިދާރާތަކުން ޢަމަލުކޮށްފައިވާ ގޮތް ބެލުމާއި، އަޅަންޖެހޭ ފިޔަވަޅުތައް އަޅާފައިވޭތޯ ބެލުމާއި، އިދާރާތަކުގެ މެދުގައި އިންޓެލިޖެންސް ޙިއްޞާކުރުމުގައި ވިލަރެސްކުރެވިފައިވާ މިންވަރު ދެނެގަތުމެވެ. މީގެ އިތުރުން، ޓެރަރިޒަމްގެ ޢަމަލުތައް ހިމެނޭ މައްސަލަތަކުގައި އިންޓެލިޖެންސާއި މަޢުލޫމާތު ޙިއްޞާކުރެވިފައިވާ މިންވަރު ބެލުމާއި، އިންޓެލިޖެންސް އިދާރާތަކަށް ބޭނުންވާ ވަޞީލަތްތައް ހުރި މިންވަރާއި، ތަންފީޛުކުރުމުގައި ހުރި ގޮންޖެހުންތަކާއި، އަދި މި ނިޒާމުގައި އިޞްލާޙުކުރަންޖެހޭ ކަންކަން ހުރިނަމަ އެކަންކަން ދެނެގަތުންވެސް ހިމެނެއެވެ.
މިމަހުގެ 6ވަނަ ދުވަހުގެރޭ ރައީސް ނަޝީދު އަވަހާރަކޮށްލުމަށް އެއްޗެއް ގޮއްވާލާ ދިން ހަމަލާގައި އެމަނިކުފާނަށް ސީރިއަސް ޒަހަމްތަކެއް ލިބިވަޑައިގެން ގިނަ އޮޕަރޭޝަންތަކެއް ވަނީ ކޮށްފައެވެ. ރައީސް ނަޝީދަށް ހަމަލާދިނުމަށް ބޭނުންކުރި ބޮން ހަދާފައިވަނީ އެގާއި ގިނަ އަދަދެއްގެ ރޭޒާފުކާއި އެހެނިހެން ގެއްލުންދޭ ތަކެތި ހިމަނައިގެންކަމުން މި ބޮން ގޮއްވާލުމާއި އެކު މިތަކެތިވަނީ ރައީސް ނަޝީދުގެ ހަށިކޮޅުގެ ތެރެއަށް ވަދެފައެވެ. މިތަކެތި ނެގުމަށް ޑޮކްޓަރުންގެ ޓީމުންވަނީ 16 ގަޑިރުވަންދެން ސީރިއަސް އޮޕަރޭޝަންތަކެއް ކޮށްފައެވެ.