ކުޅިވަރު

ސާފް ސުޒުކީ ކަޕަށް ޚާއްސަ ކެޕްޕެއިނެއް ފަށަނީ


   އަންނަ މަހު އިންޑިއާގައި ފަށާ ސާފް ސުޒުކީ ކަޕް ފުޓްބޯޅަ މުބާރާތަށް ތައްޔާރުވުމުގެ މަސައްކަތް ރަސްމީކޮށް މިމަހުގެ އެކާވީސްވަނަ ދުވަހު ފެށުމަށް އެފްއޭއެމުން ނިންމައިފިއެވެ. ކުރިން ސާފް ޗެމްޕިއަންޝިޕްގެ ނަމުގައި ކުރިޔަށްދިޔަ މުބާރާތް މިފަހަރު ކުރިޔަށް ގެންދިއުމަށް ނިންމާފައިވަނީ ސާފް ސުޒުކީ ކަޕްގެ ނަމުގައެވެ. މިމަހުގެ އެކާވީސްވަނަ ދުވަހު މުބާރާތް ޕްރޮމޯޓްކުރުމަށް ޚާއްސަ ކެމްޕެއިނެއް ފަށަން އެފްއޭއެމުން މިއަދުވަނީ ނިންމާފައެވެ. މި ކެމްޕެއިންގެ ތެރޭގައި ތަފާތު އެކިކަހަލަ ޙަރަކާތްތައް ޤައުމީ ޓީމާއެކު ކުރިޔަށް ގެންދިއުމަށްވަނީ ރާވާފައެވެ. އެގޮތުން ރާއްޖޭގެ ހުރިހާ މީޑިއާތަކާ ގުޅިގެން މިފަހަރުގެ މުބާރާތް ފުޅާ ދާއިރާއެއްގައި ޕްރޮމޯޓް ކުރުމަށްވެސް ނިންމާފައެވެ. މި ކެމްޕެއިންގެ ތެރޭގައި އެކާވީސްވަނަ ދުވަހު ބާއްވާ ޚާއްސަ ޙަފްލާގެ އިތުރުން އައިޖީއެމްއެޗާއި އޭޑީކޭގައި ތިބޭ ބަލި މީހުން ކައިރިއަށް ކުޅުންތެރިން ޒިޔާރަތް ކުރުމަށްވަނީ ރާވާފައެވެ. ހަމަ އެހެންމެ ކުޑަކުދިންގެ ހިޔާއަށް ޤައުމީ ޓީމްގެ ހުރިހާ ކުޅުންތެރިން ދިއުމަށްވެސްވަނީ ރާވާފައެވެ. މީގެއިތުރުން ސާފް ސުޒުކީ ކަޕްގެ ޚާއްސަ ތީމް ލަވަ ހެދުމަށް އާންމުކޮށް ހުޅުވާލުމަށްވެސްވަނީ ނިންމާފައެވެ. އަދި މުބާރާތް ބާއްވާ އިންޑިޔާގެ ޓްރިވެންޑްރަމަށް ދިވެހި ގިނަ ޢަދަދެއްގެ ސަޕޯޓަރުން ގެންދިއުމުގެ މަޤްޞަދުގައި ޚާއްސަ ޓިކެޓް ޕެކޭޖްތަކެއް ވިއްކުމަށްވެސް އެފްއޭއެމުންވަނީ ރާވާފައެވެ. އެހެން މުބާރާތްތަކެކޭ އެއްގޮތަށް މިމުބާރާތުގައި ބޭނުންކުރާނެ ވަކި ޚާއްސަ ޝިއާރެއް ކަނޑައަޅާ އެޝިއާރު މުޅި ރާއްޖޭގައި ޕްރޮމޯޓް ކުރުމަށްވެސްވަނީ ނިންމާފައެވެ. ސާފް ސުޒުކީ ކަޕް އޮންނާނީ އަންނަ ޑިސެމްބަރު މަހުގެ ތޭވީހުން ޖެނުއަރީ ތިނަކަށް އިންޑިޔާގެ ޓްރިވެންޑްރަމްގައެވެ. ދިވެހިރާއްޖެވަނީ މިމުބާރާތުގެ ތަށި ދެހާސް އަށްވަނަ އަހަރު އުފުލާލާފައެވެ. ޓީމްގެ އަމާޒަކީ މިފަހަރުވެސް މިމުބާރާތުގެ ތަށި ރާއްޖެގެނައުން ކަމަށް އެފްއޭއެމުން ބުނެއެވެ. މުބާރާތުގެ ފުރަތަމަ މެޗްގައި ޑިސެމްބަރު މަހުގެ 24ވަނަ ދުވަހު ރާއްޖެ ނިކުންނާނީ ބޫޓާނާ ދެކޮޅަށެވެ. އެމެޗް ފެށުމަށް ހަމަޖެހިފައިވަނީ ރާއްޖެގަޑިން އެދުވަހު މެންދުރުފަހު ތިނެއްޖަހާއިރުއެވެ.