ޚަބަރު

އަނެއްކާވެސް ޝައިޚް ޖައްރާޙުގައި ކުރިމަތިލުންތަކެއް


އިރުމަތީ ޤުދުސްގެ ޝައިޚް ޖައްރާޙުގައި އަނެއްކާވެސް ފަލަސްޠީނުގެ ރައްޔިތުންނާއި އިސްރާއީލުގެ އިސްތިޢުމާރީ ފައުޖުތަކާ ދެމެދު ކުރިމަތިލުންތަކެއް ފެށިއްޖެއެވެ.

ޝައިޚް ޖައްރާޙަކީ ގިނަ ޢަދަދެއްގެ ފަލަސްޠީނު ރައްޔިތުން ޒަމާނުއްސުރެ ދިރިއުޅެމުންދާ ސަރަޙައްދެކެވެ. 1948ވަނަ އަހަރު ޔަހޫދީން ފަލަސްޠީނުގެ ރައްޔިތުންގެ ގެދޮރުތައް ފޭރިގަތުމުން އެތައް ހާސް ބަޔަކުވަނީ ޝައިޚް ޖައްރާޙުގައި ވަޒަންވެރިވެފައެވެ. ނަމަވެސް ދެވަނަ ފަހަރަށް އޭގެ ތެރެއިން ބައެއް ޢާއިލާތައް ގެދޮރުން ނެރެ، އެ ސަރަޙައްދުތައް ޔަހޫދީން ވަޒަންވެރިވުމަށް ދިނުމަށް އިސްރާއީލުގެ ޙައްދުފަހަނައަޅާފައިވާ ސަރުކާރުން ދަނީ މަސައްކަތް ކުރުމުންނެވެ. ޔަހޫދީން ނިންމާފައިވަނީ ޝައިޚް ޖައްރާޙުގައި ދިރިއުޅޭ ފަލަސްޠީނުގެ 12 ޢާއިލާއެއް ގެދޮރުން ނެރުމަށެވެ. އެއާއެކު މިދިޔަ އޭޕްރިލް މަހުގެ 13ވަނަ ދުވަހުން ފެށިގެން ޝައިޚް ޖައްރާޙުގައި ދަނީ ބޮޑެތި ކުރިމަތިލުންތަކެއް ހިނގަމުންނެވެ. ޝައިޚް ޖައްރާޙުގެ މައްސަލަ އިސްރާއީލުގެ ސުޕްރީމު ކޯޓަށް ހުށަހެޅުމުން މިހާރު އޮތީ ޙުކުމު ކުރުމުގެ މަރުޙަލާގައެވެ. ނަމަވެސް ފަލަސްޠީނުގެ ރައްޔިތުންނަށް އިންޞާފު ލިބޭނެ ގޮތަކަށް ޔަހޫދީ ކޯޓަކުން ނިންމުމެއް ނިންމުން ވަރަށް ނާދިރެވެ.

މެއި މަހުގެ 10ވަނަ ދުވަހު ޙަމާސް ޖަމާޢަތުން އިސްރާއީލަށް ވަރުގަދަ ރޮކެޓު ޙަމަލާތަކެއް ދޭން ޖެހުނު ސަބަބުތަކުގެ ތެރޭގައި ޝައިޚް ޖައްރާޙް ހިމެނޭހެން އިރުމަތީ ޤުދުސާއި ހުޅަނގު އައްސޭރީގައި ޔަހޫދީ ފައުޖުތަކުން ހިންގަމުންދާ ލާއިންސާނީ ބޮޑެތި ޖަރީމާތައް ހުއްޓުވުން ހިމެނެއެވެ. އެގޮތުން އިރުމަތީ ޤުދުސުން ޔަހޫދީ ފައުޖުތައް ފަހަތަށް ޖެހުމަށް ޙަމާސުން ދިން މުޙްލަތުގައި އެކަން އެގޮތަށް ނުކުރުމުން 11 ދުވަސްވަންދެން ޙަމާސުން އިސްރާއީލުގެ އެކި ސަރަޙައްދުތަކަށް 4،000އަށްވުރެ ގިނަ ރޮކެޓު ޙަމަލާތައް ދީފައިވެއެވެ. ރައްދުގައި އިސްރާއީލުގެ ޢުދުވާނީ ޙަމަލާތައްވަނީ ޙަމާސުން ޙަރަކާތްތެރިވާ ޣައްޒާއަށް އަމާޒުކޮށް ބޮޑެތި ގެއްލުންތަކެއް ދީފައެވެ. ޙަމަލާބަދަލުކުރުން ހުއްޓައިލުމަށް ޙަމާސުން އެއްބަސްވެފައިވަނީ އިރުމަތީ ޤުދުސްގައި ޔަހޫދީން އެއްވެސް ޖަރީމާއެއް ނުހިންގުމަށް ޝަރުތުކޮށްފައެވެ. ޙަމާސުން ބުނެފައިވަނީ ޤުދުސަށް އަތްގަދަކޮށް، ފަލަސްޠީނުގެ ރައްޔިތުންގެ ލޭއޮހޮރުވާނަމަ އަނެއްކާވެސް ޔަހޫދީންނާ ދެކޮޅަށް ވަރުގަދަ ޙަމަލާތަކެއް ދޭން ތައްޔާރަށް ތިބިކަމަށެވެ.

ޣައްޒާގައި ބަދަލުކުރި ޙަމަލާތަކަށްފަހު ޝައިޚް ޖައްރާޙުގެ މައްސަލައަށް އަނެއްކާވެސްވަނީ ސަމާލުކަން ހުއްޓިފައެވެ. އިސްރާއީލުގެ އިސްތިޢުމާރީ ސިފައިންވަނީ ޝައިޚް ޖައްރާޙަށް އެއްވެސް މީހަކަށް ނުވަދެވޭނެ ގޮތަށް އެ ސަރަޙައްދު ބަންދުކޮށްފައެވެ. އަދި އެ ސަރަޙައްދަށް އެއްވެ، އިސްރާއީލުގެ އިސްތިޢުމާރީ ވެރިކަމާ ދެކޮޅަށް އަޑުއުފުލަމުންދާ ފަލަސްޠީނުގެ ރައްޔިތުންނަށް އަމާޒުކޮށް ޔަހޫދީ ފައުޖުތަކުން ދަނީ ރަބަރު އުންޑައާއި ކަރުނަ ގޭހާއި ސްޓަން ގުރެނޭޑު ބޭނުންކޮށްގެން ކުރިމަތިލަމުންނެވެ. އެ ކުރިމަތިލުންތަކުގެ ފަލަސްޠީނުގެ ބައެއް މީހުންވަނީ ޒަޚަމުވެފައެވެ.

ޝައިޚް ޖައްރާޙުގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ އިތުރުން ފާއިތުވި ހަފުތާތަކުގައި ފަލަސްޠީނުގެ ހުޅަނގު އައްސޭރީގެ އެހެން ސަރަޙައްދުތަކުގައި އިސްރާއީލުގެ އިސްތިޢުމާރީ ވެރިކަމާ ދެކޮޅަށް ކުރަމުންދާ މުޒާހަރާތަކަށްވެސް ހުއްޓުމެއް އައިސްފައެއް ނުވެއެވެ. އެ މުޒާހަރާތަކުގައި ފަލަސްޠީނުގެ ރައްޔިތުންނާއި އިސްރާއީލުގެ ޔަހޫދީ ފައުޖުތަކާ ދެމެދު ވަރުގަދަ ކުރިމަތިލުންތަކެއް ދަނީ ހިނގަމުންނެވެ. އެގޮތުން ކުރިމަތިލުންތައް ހިނގަމުންދާ ސަރަޙައްދުތަކުގެ ތެރޭގައި އިސްރާއީލުން އިސްތިޢުމާރުކޮށްފައިވާ ޤުދުސާއި ނާބުލުސާއި އަލްޚަލީލާއި ރާމަﷲ ހިމެނެއެވެ. އެ ސަރަޙައްދުތަކުގައި ފަލަސްޠީނުގެ ރައްޔިތުން ދަނީ އިސްރާއީލުގެ އަނިޔާވެރި އިސްތިޢުމާރީ ވެރިކަމާ ދެކޮޅަށް ކޮންމެ ދުވަހަކުވެސް މުޒާހަރާކޮށް އަޑުއުފުލަމުންނެވެ. އެ މީހުންނާ ދެކޮޅަށްވެސް ޔަހޫދީ ފައުޖުތަކުން ދަނީ ރަބަރު އުނޑައާއި ކަރުނަ ގޭހާއި ސްޓަން ގުރެނޭޑު ބޭނުންކުރަމުންނެވެ. ރައްދުގައި ފަލަސްޠީނުގެ ރައްޔިތުން ދަނީ މަގުތައް ބަންދުކޮށް، ބަޑިބޭހާއި ގަލުން އިސްރާއީލުގެ އިސްތިޢުމާރީ ފައުޖުތަކާ ކުރިމަތިލަމުންނެވެ. އެ ކުރިމަތިލުންތަކުގައި އެތައް ސަތޭކަ ބަޔަކު ޒަޚަމުވުމުގެ އިތުރުން އިސްރާއީލުގެ އިސްތިޢުމާރީ ފައުޖުތަކުންވަނީ 1،800އަށްވުރެ ގިނަ މީހުން ހައްޔަރުކޮށްފައެވެ.