ޚަބަރު

އެއްބަސްވުން ދެމެހެއްޓޭނެ ގޮތްތައް ދެނެގަތުމުގެ މަޝްވަރާތައް ފަށައިފި


ފަލަސްޠީނުގެ ޣައްޒާގައި ވެރިކަންކުރާ ޙަމާސް ޖަމާޢަތާ ދެކޮޅަށް ކުރި ހަނގުރާމައިގައި އެއްވެސް ކުރިއެރުމެއް ނުލިބުމުން ބަލި ޤަބޫލުކޮށް ޙަމަލާދިނުން ހުއްޓާލުމަށް އިސްރާއީލުގެ ޔަހޫދީ ދަޢުލަތުން ވެފައިވާ އެއްބަސްވުން ދިގު މުއްދަތަކަށް ދެމެހެއްޓުމަށް މިޞްރުން މަޝްވަރާކުރަން ފަށައިފިއެވެ.

މެއި މަހުގެ 10ވަނަ ދުވަހު އިސްރާއީލުގެ އިސްތިޢުމާރީ ފައުޖުތަކުންވަނީ ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް ބޮޑެތި ލާއިންސާނީ ޙަމަލާތަކެއް ދީފައެވެ. 11 ދުވަސްވަންދެން އިސްރާއީލުގެ އިސްތިޢުމާރީ ފައުޖުތަކުން ޣައްޒާއަށް ދިން ރަޙުމުކުޑަ ޙަމަލާތަކުގައި ފަލަސްޠީނުގެ 250އަށްވުރެ ގިނަ މީހުންވަނީ ޝަހީދުވެފައެވެ. އޭގެ ތެރޭގައި 66 ކުޑަކުދިންނާއި 39 އަންހެނުންނާއި 17 މުސްކުޅިން ހިމެނެއެވެ. އޭގެ އިތުރުން 1،900އަށްވުރެ ގިނަ މީހުން ޒަޚަމުވެފައިވެއެވެ. ޙަމާސް ޖަމާޢަތާ ދެކޮޅަށް ކުރި ހަނގުރާމައިގައި އިސްރާއީލުގެ ޔަހޫދީ ދަޢުލަތަށް އެއްވެސް ކުރިއެރުމެއް ނުލިބުމުން ބަލި ޤަބޫލުކޮށް އެއްވެސް ޝަރުތަކާ ނުލައި ޙަމަލާދިނުން ހުއްޓާލާފައިވަނީ މެއި މަހުގެ 21ވަނަ ދުވަހުއެވެ. ޙަމަލާ ބަދަލުކުރުން ހުއްޓައިލުމަށް އެއްބަސްވިފަހުން މިހާތަނަށް އިސްރާއީލުންވެސް އަދި ޙަމާސުންވެސް ޙަމަލާބަދަލުކޮށްފައެއް ނުވެއެވެ.

އިސްރާއީލުގެ ޔަހޫދީ ދަޢުލަތާ ފަލަސްޠީނުގެ ރައްޔިތުންގެ މިނިވަންކަމަށް ހަނގުރާކުރަމުންދާ ޙަމާސާ ދެމެދު ޙަމަލާބަދަލުކުރުން ހުއްޓައިލުމުގެ އެއްބަސްވުމެއް ޤާއިމުކުރުމަށް އެންމެ މުހިންމު ދަޢުރެއް އަދާކޮށްފައިވަނީ މިޞްރުގެ ސަރުކާރުންނެވެ. މިޞްރުންވަނީ އެއްބަސްވުން ދެމެހެއްޓޭނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ޚާއްޞަ ވަފުދެއް ޣައްޒާއަށާއި އިސްރާއީލަށް ފޮނުވައިފައެވެ. އެގޮތުން ޣައްޒާއަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމާ ގުޅޭގޮތުންނާއި އެއްބަސްވުން އިތުރަށް ވަރުގަދަކުރެވޭނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާކުރާނެއެވެ.

ޙަމަލާ ބަދަލުކުރުން ހުއްޓައިލުމުގެ އެއްބަސްވުމާ ގުޅޭގޮތުން އިތުރު މަޝްވަރާތަކެއް ކުރުމަށް އެމެރިކާގެ ޚާރިޖީ ވަޒީރު އެންތޮނީ ބުލިންކެންވެސް އިސްރާއީލަށާއި ފަލަސްޠީނުގެ ހުޅަނގު އައްސޭރިއަށް ދަތުރުކުރުމަށްވަނީ ހަމަޖެހިފައެވެ. އެމެރިކާގެ ޚާރިޖީ ވުޒާރާއިން ބުނީ ބުލިންކެންގެ ދަތުރުފުޅުގައި އިސްރާއީލުން ދިން ޢުދުވާނީ ޙަމަލާތަކުގައި ސުންނާފަތިވެފައިވާ ޣައްޒާ އަލުން އާރާސްތުކުރުމަށް މަޝްވަރާކުރައްވާނެކަމަށާއި އިސްރާއީލާއި ފަލަސްޠީނުގެ ރައްޔިތުންނަށް ހަމަޖެހިގެން ދިރިއުޅެވޭނެ ގޮތްތަކާ ގުޅޭގޮތުން ވާހަކަދައްކަވާނެކަމަށެވެ. ނަމަވެސް އޭނާ ޙަމާސް ޖަމާޢަތާ އެއްވެސް މުޢާމަލާތެއް ނުކުރައްވާނެއެވެ.

އެނގިފައިވާ ގޮތުގައި ބުލިންކެން މެދުއިރުމައްޗަށް ކުރައްވައި ދަތުރުފުޅުގައި ފަލަސްޠިނުގެ އަވަށްޓެރި ޤައުމުތައްކަމަށްވާ މިޞްރާއި އުރުދުންނަށްވެސް ވަޑައިގަންނަވާނެއެވެ.