ޚަބަރު

ކޯވިޑް-19ގެ ނުރައްކާބޮޑު: މިއަދުގެ ތިންވަނަ މަރާއެކު މިހާތަނަށް 123 މަރު


ކޯވިޑް 19 ޖެހިގެން ރާއްޖެއިން އިތުރު މީހަކު ނިޔާވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗް.ޕީ.އޭއިން ވިދާޅުވީ، ކޯވިޑް ޖެހިގެން ރާއްޖެއިން މިރޭ ނިޔާވީ، އުމުރުން 39 އަހަރުގެ ދިވެހި އަންހެނެއްކަމަށެވެ. އޭނާ ނިޔާވީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުންދަނިކޮށް މިރޭ 8:25 ހާއިރުއެވެ. މިއީ މި ބަލީގައި މިއަދު ރާއްޖެއިން ނިޔާވި 3ވަނަ މީހާއެވެ. އަދި ރާއްޖެއިން ކޯވިޑް ބަލީގައި ނިޔާވި 123 ވަނަ މީހާއެވެ.

މިއަދު ހަވީރުވެސް މިބަލީގައި ދިވެހި ފިރިހެނަކު ވަނީ ނިޔާވެފައެވެ. އެޗް.ޕީ.އޭއިން ވިދާޅުވީ، ކޯވިޑް ޖެހިގެން މިއަދު ހަވީރު 4:15 ހާއިރު ނިޔާވެފައިވަނީ އުމުރުން 59 އަހަރުގެ ދިވެހި ފިރިހެނެއްކަމަށެވެ.

މިބަލީގައި މިއަދު ފުރަތަމަ މީހާ ނިޔާވެފައިވަނީ މެންދުރު 12:02 ހާއިރުއެވެ. މެންދުރު ނިޔާވެފައިވަނީ އުމުރުން 48 އަހަރުގެ ދިވެހި ފިރިހެނެކެވެ. މިއަދު ނިޔާވި ތިން މީހުންނަކީވެސް ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުންދިޔަ މީހުންނެވެ.

ކޯވިޑް ބަލީގައި އިއްޔެވެސް ރާއްޖެއިން 4 މީހުންވަނީ ނިޔާވެފައެވެ.

ރާއްޖެއިން މި ބަލީގައި ނިޔާވި މީހުންގެ ތެރޭގައި ހިމެނެނީ 108 ދިވެހިންނާއި 15 ބިދޭސީންނެވެ. މިހިނގަމުންދާ މެއި މަހަކީ ކޯވިޑް ބަލީގައި މިހާތަނަށް ރާއްޖެއިން އެންމެ ގިނަ މީހުން ނިޔާވި މަހަށްވާއިރު، މިމަހުގެ މިހާތަނަށް 50 މީހުން ވަނީ ކޯވިޑް ޖެހިގެން ނިޔާވެފައެވެ.

ރާއްޖޭގައި މިބައްޔަށް ޕޮޒިޓިވްވާ މީހުންނާއި ބަލީގައި ނިޔާވާ މީހުންގެ ޢަދަދު އިތުރުވަމުން އަންނައިރު މިބަލީގައި އެޑްމިޓްކޮށްގެން ފަރުވާ ހޯދަމުން އަންނަ މީހުންގެ އަދަދުވެސް ވަނީ އިތުރުވެފައެވެ.