މުނިފޫހިފިލުވުން

މި ރޯދައިގެ އެންމެ މޮޅު ވާހަކައަކަށް "ބަނަވީޙަޔާތް"


ދިވެހިރާއްޖޭގެ އަޑުން ކޮންމެ ރަމަޟާންމަހަކު ގެނެސްދޭ ކުރު ވާހަކަ މުބާރާތުގެ މިއަހަރުގެ ނަތީޖާ ފާޅުކޮށްފިއެވެ. މިއަހަރުގެ މުބާރާތުގައި 33 ވާހަކައެއް ބައިވެރިކޮށްފައިވެއެވެ.

ކުރު ވާހަކަ މުބާރާތުގައި ކޮންމެ އަހަރަކުވެސް އެންމެ މޮޅު 3 ވާހަކަ ލިޔުނު ލިޔުންތެރިޔާއި އެންމެ މޮޅު 3 ކިޔުންތެރިން ހޮވައެްވެ. މި މުބާރާތުގެ ޤަވައިދު ހަމަޖެހިފައިވާ ގޮތުން މުބާރާތަށް ވާހަކަ ހުށައަޅަޅަންވާނީ އެވާހަކަ މީހެއްގެ އަޑުން ރެކޯޑްކުރުމަށްފަހުއެވެ. ވާހަކަ ލިޔާ މީހާ ކޮންމެހެން ވާހަކަ ހުށައަޅާކަށް ނުޖެހެއެވެ.

މިއަހަރުގެ ކުރު ވާހަކަ މުބާރާތުން އެންމެ މޮޅު ވާހަކައަކަށް ހޮވުނީ ށ. ކޮމަންޑޫ އާގަދަގޭ މިންނާ ޢަބުދުﷲ ލިޔެފައިވާ "ބަނަވީޙަޔާތް" މި ވާހަކައެވެ. ދެވަނަ ހާސިލުކުރީ ގަލޮޅު ރަންހިރި ޝަބީބު ތަޢުފީޤްއެވެ. އޭނާ ލިޔުނު ވާހަކައަކީ "ސިފަ" އެވެ. ލިޔުންތެރިންގެ ބައިން ތިންވަނަ ހާސިލުކުރީ ހއ. އިހަވަންދޫ ނަލަހިޔާގޭ އިބުރާހިމް ވަޙީދު ލިޔުނ "ޔާދު" މި ވާހަކައެވެ.

މުބާރާތުގެ 1 ވަނަ ލިޔުންތެރިޔާއަށް 7000.00 (ހަތް ހާސް) ރުފިޔާ، ދެވަނަ ލިޔުންތެރިޔާއަށް 5000.00 (ފަސް ހާސް) އަދި ތިންވަނަ ލިޔުންތެރިޔާއަށް 3000.00 (ތިން ހާސް) ރުފިޔާގެ ފައިސާގެ އިނާމު ވަނީ ހުށައަޅާފައެވެ. ފައިސާގެ އިނާމުގެ އިތުރުން ކޮންމެ ވަނައަކަށްވެސް ޓްރޮފީ، ހަނދާނީ ލިޔުންވެސް ވަނީ ހުށަހަޅާފައިވެއެވެ.

މުބާރާތުން ލިޔުންތެރިކަމާއި ހުށައެޅުންތެރިކަމުން 1 ވަނަ ލިބުނު ވާހަކަ

މުބާރާތުގައި ވާހަކަ ހުށައަޅާދިނުމުގެ ބައިން 1 ވަނަ ހާސިލުކުރީ ށ.ކޮމެންޑޫ އާގަދަ ފާތުމަތު ސުހާނާއެވެ. އޭނާ ހުށައަޅާދިނީ މި މުބާރާތުގައި ލިޔުންތެރިކަމުގެ ބައިން އެއްވަނަ ހޯދި ވާހަކަ "ބަނަވީޙަޔާތް" އެވެ. ކިޔުންތެރިންގެ ބައިން 2 ވަނަ ހާސިލުކުރީ ރ.އިންނަމާދޫ ކަހެކްޝަން އައިމިނަތު ޝަޒްލާއެވެ. އޭނާ ހުށައަޅާދިން ވާހަކައިގެ ނަމަކީ "ތުހުމަތު"އެވެ.
"ދަހިވެތިވުމުން " މި ވާހަކަ ހުށައަޅާދީގެން ހުށައެޅުމުގެ ބައިން 3 ވަނަ ހާސިލުކުރީ މައްޗަންގޯޅި ރޭޓް އައިމިނަތު ނަތާޝާއެވެ.

ވާހަކަ ހުށައެޅުމުގެ ބައިން 1 ވަނަ ހުށައެޅުންތެރިޔާއަށް 3000.00 (ތިންހާސް) ރުފިޔާ، 2 ވަނަ ކިޔުންތެރިޔާއަށް 2500.00 (ދެހާސް ފައްސަތޭކަ) ރުފިޔާ އަދި ތިންވަނަ ކިޔުންތެރިޔާއަށް 2000.00 (ދެހާސް) ރުފިޔާގެ ފައިސާގެ އިނާމު ވަނީ ހުށައަޅާފައެވެ.

މުބާރާތަށް އިންސާފުކޮށްދެއްވީ ދިވެހިބަހާއި ވާހަކަ ލިޔުންތެރިކަމުގެ ދާއިރާއިން ފާހަގަކޮށްލެވޭ 3 ފަނޑިޔާރުންކަމަށްވާ މުޙައްމަދު ގާސިމާއި އަންވަރު އިބްރާހީމާއި އަދީލާ ޝަރީފްއެވެ. ކޮންމެ ރަމަޟާންމަހަކާއި ދިމާކޮށް ދިވެހި ރާއްޖޭގެ އަޑުން ކުރު ވާހަކަ މުބާރާތް ގެނެސްދެމުންދާތާ 30 ވުރެ ގިނަ އަހަރުވަނީ ވެފައެވެ.

ނަހޫ

މޮޔަ އަހުމަދު ވާހަކައަކީ ވަރަށް މޮޅު ވާހަކައެއް. އެ ވާހަކައަށް ވަނަ ނުލިބުމަކީ ބޭއިންޞާފެއް.