ޚަބަރު

ފަލަސްޠީނުގެ ރައީސްގެ ގޮތުގައި ޢައްބާސް ބަލައިގަންނަން އެމެރިކާއިން ގޮވާލައިފި


ފަލަސްޠީނުގެ ރައީސްގެ ގޮތުގައި މަޙްމޫދު ޢައްބާސް ބަލައިގަތުމަށް އިސްރާއީލުގެ ހަރުކަށި ބޮޑުވަޒީރު ބެންޔަމިން ނަތަންޔާހޫއަށް އެމެރިކާގެ ރައީސް ޖޯ ބައިޑަން ގޮވާލައްވައިފިއެވެ.

މެއި މަހުގެ 10ވަނަ ދުވަހު އިސްރާއީލުގެ އިސްތިޢުމާރީ ފައުޖުތަކުންވަނީ ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް ބޮޑެތި ލާއިންސާނީ ޙަމަލާތަކެއް ދީފައެވެ. 11 ދުވަސްވަންދެން އިސްރާއީލުގެ އިސްތިޢުމާރީ ފައުޖުތަކުން ޣައްޒާއަށް ދިން ރަޙުމުކުޑަ ޙަމަލާތަކުގައި ފަލަސްޠީނުގެ 250އަށްވުރެ ގިނަ މީހުންވަނީ ޝަހީދުވެފައެވެ. އޭގެ ތެރޭގައި 66 ކުޑަކުދިންނާއި 39 އަންހެނުންނާއި 17 މުސްކުޅިން ހިމެނެއެވެ. އޭގެ އިތުރުން 1،900އަށްވުރެ ގިނަ މީހުން ޒަޚަމުވެފައިވެއެވެ. ޙަމާސް ޖަމާޢަތާ ދެކޮޅަށް ކުރި ހަނގުރާމައިގައި އިސްރާއީލުގެ ޔަހޫދީ ދަޢުލަތަށް އެއްވެސް ކުރިއެރުމެއް ނުލިބުމުން ބަލި ޤަބޫލުކޮށް އެއްވެސް ޝަރުތަކާ ނުލައި ޙަމަލާދިނުން ހުއްޓާލާފައިވަނީ މެއި މަހުގެ 21ވަނަ ދުވަހުއެވެ.

ދެކުނު ކޮރެޔާގެ ރައީސް މޫން ޖައެ-އިންނާއެކު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނަތަންޔާހޫއާ ފޯނުން ގުޅުއްވައި ދެއްކެވި ބައެއް ވާހަކަތައް ބައިޑަންވަނީ ޙިއްޞާކުރައްވައިފައެވެ. މެއި މަހުގެ 20ވަނަ ދުވަހު ނަތަންޔާހޫއާ ފޯނުން ގުޅުއްވައި ވާހަކަދައްކަވަމުން ފަލަސްޠީނުގެ ރައީސް ޢައްބާސަކީ ފަލަސްޠީނުގެ ރައީސްކަމަށާއި އިސްރާއީލުންވެސް ފަލަސްޠީނުގެ ރައީސްގެ ގޮތުގައި ޢައްބާސް ބަލައިގަންނަންޖެހޭކަމަށް ނަތަންޔާހޫގެ އަރިހުގައި ދެންނެވިކަމަށް ބައިޑަން ވިދާޅުވިއެވެ. އަދި ޙަމާސާއެކު ޙަމަލާބަދަލުކުރުން ހުއްޓައިލުމަށް ވެފައިވާ އެއްބަސްވުމުގެ ދަށުން ޤުދުސްގައި ދިރިއުޅޭ ފަލަސްޠީނުގެ ރައްޔިތުންނަށް އިޚްތިރާމުކުރަންޖެހޭކަމަށާއި ޣައްޒާގެ ރައްޔިތުންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދޭންޖެހޭކަމަށް ބައިޑަންވަނީ ވިދާޅުވެފައެވެ. އޭގެ އިތުރުން ހުޅަނގު އައްސޭރީގައި ދިރިއުޅޭ ފަލަސްޠީނުގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކުރުމަކީ ކޮންމެހެން މުހިންމުކަމެއްކަމަށްވެސް ބައިޑަން ވިދާޅުވެފައިވެއެވެ. އަދި އިސްރާއީލުގެ ރައްޔިތުންގެ ތެރޭގައި ހިމެނޭ ޔަހޫދީންނާއި ޢަރަބިންނާ ދެމެދު ތަފާތުކޮށްގެން ނުވާނެކަމަށް އެމެރިކާއިން ޤަބޫލުކުރާކަމަށްވެސް ބައިޑަން ވިދާޅުވެފައިވެއެވެ.

ހައްދުފަހަނައަޅާފައިވާ އިސްރާއީލުގެ އެންމެ މުހިންމު ބައިވެރިޔާކަމަށްވާ އެމެރިކާގެ ރައީސްވަނީ އިސްރާއީލަށް ދެމުންދާ އަހަންމިއްޔަތަށް އެއްވެސް ބަދަލެއް ނާންނާނެކަމަށާއި އިސްރާއީލުގެ ރައްކާތެރިކަމާއި ސަލާމަތް ކަށަވަރުކުރުމަށް އެމެރިކާއިން އިސްކަން ދޭނެކަމުގެ ޔަޤީންކަން ދެއްވައިފައެވެ. އަދި އިސްރާއީލުން ދިން ޢުދުވާނީ ޙަމަލާތަކުގައި ސުންނާފަތިވެފައިވާ ޣައްޒާ އަލުން އާރާސްތުކުރުމަށް އެހެން ޤައުމުތަކާއެކު ބައިވެރިވެގެން އެމެރިކާއިން މަސައްކަތްކުރާނެކަމަށްވެސް ބައިޑަން ވިދާޅުވިއެވެ. ނަމަވެސް އެހީތެރިކަން ދިނުމުގައި ޣައްޒާގައި ވެރިކަންކުރާ ޙަމާސް ޖަމާޢަތް އިތުރަށް ވަރުގަދަކުރުމުގެ ފުރުޞަތެއް ނުދެއްވާނެކަމަށް އޭނާ ވިދާޅުވިއެވެ.

އެމެރިކާގެ ރައީސް މީގެ ކުރިންވަނީ ޙަމާސް ޖަމާޢަތާ ދެކޮޅަށް ކުރި ހަނގުރާމައިގައި ބޮޑު ނާކާމިޔަބީއަކާ ކުރިމަތިލާންޖެހުނު ޔަހޫދީ ލަޝްކަރުތަކަށް އިތުރު އަސްކަރީ އެހީތެރިކަން ފޯރުކޮށްދިނުމަށް ވަޢުދުވެފައެވެ. ޙަމާސުން ދިން 4،000 ރޮކެޓު ޙަމަލާތައް ހުއްޓުވުމަށް އެމެރިކާއާއި އިސްރާއީލުން ގުޅިގެން ޤާއިމުކޮށްފައިވާ ވައިގެ ދިފާޢީ ނިޒާމު މުހިންމު ދަޢުރެއް އަދާކުރިކަން ފާހަގަކުރައްވަމުން ބައިޑަން ވިދާޅުވީ މުސްތަޤްބަލުގައި އަތުވެދާނެ ޙަމަލާތަކަކުން ޔަހޫދީން ސަލާމަތްކުރުމަށް އެ ނިޒާމު އިތުރަށް ތަރައްޤީކުރުމުގެ މަސައްކަތް ކުރާނެކަމަށާއި ޔަހޫދީ ލަޝްކަރުތަކަށް އިތުރު އަސްކަރީ އެހީތެރިކަން ފޯރުކޮށްދޭނެކަމަށެވެ.

އިސްރާއީލުގެ ޔަހޫދީ ދަޢުލަތުން އަސްކަރިއްޔާ ތަރައްޤީކުރުމަށް އަހަރަކު 20 ބިލިޔަން އެމެރިކާ ޑޮލަރު ހޭދަކުރެއެވެ. އަދި އެމެރިކާއިން ކޮންމެ އަހަރަކު ދެމުންދާ 3.8 ބިލިޔަން އެމެރިކާ ޑޮލަރުގެ އެހީގެ ތެރެއިން ބޮޑު ބައެއްވެސް ޚަރަދުކުރަނީ އަސްކަރިއްޔާ ތަރައްޤީކުރުމަށެވެ. އޭގެ އިތުރުން އެތައް މިލިޔަން އެމެރިކާ ޑޮލަރެއްގެ ހަތިޔާރު ކޮންމެ އަހަރަކު އެމެރިކާއިން އިސްރާއީލަށް ވިއްކައެވެ.

ފަލަސްޠީނުގެ ރައީސްގެ ގޮތުގައި ޢައްބާސް ބަލައިގަތުމަށް އެމެރިކާގެ ރައީސް އިސްރާއީލުގެ ޔަހޫދީ ބޮޑުވަޒީރަށް ގޮވާލައްވައިފަނީ ހުޅަނގުން ޤަބޫލުކުރާ ފަލަސްޠީނުގެ ސަރުކާރުގެ އެއްވެސް ދަޢުރެއްނެތި ޙަމަލާބަދަލުކުރުން ހުއްޓައިލުމުގެ އެއްބަސްވުމެއް އިސްރާއީލުން ޙަމާސްއާއެކު ޤާއިމުކޮށްފައިވަނިކޮށެވެ. އެ އެއްބަސްވުމުން ޤާއިމުކުރުމުގައި އެންމެ މުހިންމު ދަޢުރެއް އަދާކޮށްފައިވަނީ މިޞްރުގެ ސަރުކާރުންނެވެ.

ޙަމާސަކީ ޢައްބާސްގެ ބާރުފޯރާ ޖަމާޢަތެއް ނޫނެވެ. އަދި ފަލަސްޠީނުގައި އެންމެ ފަހުން ބޭއްވި އިންތިޚާބު ކާމިޔާބުކޮށްފައިވަނީ ޙަމާސުންނެވެ. 2006ވަނަ އަހަރު ބޭއްވި އިންތިޚާބު ޙަމާސުން ކާމިޔާކުރުމަކީ ހުޅަނގުގައި މަޤްބޫލު ޢައްބާސަށް ފަލަސްޠީނުގެ ރައްޔިތުންގެ ތާޢީދެއް ނެތްކަން ދައްކުވައިދިން ކަމެކެވެ. އަދި މެއި މަހުގެ 22ވަނަ ދުވަހު ބާއްވަން ނިންމި އިންތިޚާބު ތަފާތު އުޒުރުތައް ދެއްކުމަށްފަހު އަނެއްކާވެސް ފަސްކުރީ ޙަމާސަށް އޮތް ތާޢީދު ބޮޑުވުމުންކަމަށް ބައެއް ސިޔާސީ ތަޖުރިބާކާރުން ދެކެއެވެ.