ޚަބަރު

ޣައްޒާއަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދޭން ފަށައިފި


ފަލަސްޠީނުގެ ޣައްޒާގައި ވެރިކަންކުރާ ޙަމާސް ޖަމާޢަތާ ދެކޮޅަށް ކުރި ހަނގުރާމައިގައި އެއްވެސް ކުރިއެރުމެއް ނުލިބުމުން ބަލި ޤަބޫލުކޮށް ޙަމަލާދިނުން ހުއްޓާލުމަށް އިސްރާއީލުގެ ޔަހޫދީ ދަޢުލަތުން އެއްބަސްވިފަހުން ފުރަތަމަ ފަހަރަށް ޣައްޒާއަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދީފިއެވެ.

މެއި މަހުގެ 10ވަނަ ދުވަހު އިސްރާއީލުގެ އިސްތިޢުމާރީ ފައުޖުތަކުންވަނީ ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް ބޮޑެތި ލާއިންސާނީ ޙަމަލާތަކެއް ދީފައެވެ. އިސްރާއީލުގެ އިސްތިޢުމާރީ ފައުޖުތަކުން ޣައްޒާއަށް ދިން ރަޙުމުކުޑަ ޙަމަލާތަކުގައި ފަލަސްޠީނުގެ 250އަށްވުރެ މީހުންވަނީ ޝަހީދުވެފައެވެ. އޭގެ ތެރޭގައި 66 ކުޑަކުދިންނާއި 39 އަންހެނުންނާއި 17 މުސްކުޅިން ހިމެނެއެވެ. އޭގެ އިތުރުން 1،900އަށްވުރެ ގިނަ މީހުން ޒަޚަމުވެފައިވެއެވެ. ޙަމާސް ޖަމާޢަތާ ދެކޮޅަށް ކުރި ހަނގުރާމައިގައި އިސްރާއީލުގެ ޔަހޫދީ ދަޢުލަތަށް އެއްވެސް ކުރިއެރުމެއް ނުލިބުމުން ބަލި ޤަބޫލުކޮށް އެއްވެސް ޝަރުތަކާ ނުލައި ޙަމަލާދިނުން ހުއްޓާލާފައިވަނީ މެއި މަހުގެ 21ވަނަ ދުވަހުއެވެ.

ޢައްޒާއަކީ ފަލަސްޠީނުގެ އެހެން ބިންތަކާ ވަކިން އޮންނަ ސަރަޙައްދެކެވެ. 2 މިލިޔަން މީހުން ދިރިއުޅޭ ޢައްޒާއަކީ ދުނިޔޭގައި އެންމެ ބޮޑަށް ތޮށްޖެހިފައިވާ ސަރަޙައްދެވެ. ޣައްޒާއަށް ކާބޯތަކެއްޗާއި ބޭހާއި އެނޫންވެސް ޒަރޫރީ ސާމާނު އެތެރެކުރެވެނީ އިސްރާއީލާއި މިޞްރުން ޙުއްދަދިނުމުން އެކަންޏެވެ. ޣައްޒާގައި ހިނގަމުންދިޔަ ކުރިމަތިލުންތަކަށް ވަގުތީ ގޮތުން ނިމުމެއް އައުމުން އިސްރާއީލުގެ އިސްތިޢުމާރީ ފައުޖުތަކުންވަނީ ޣައްޒާއަށް އެތެރެވުމަށް އޮންނަ ކަރަމު އަބޫ ސަލާމު މަގު ހުޅުވައިފައެވެ. އެއާއެކު އިންސާނީ އެހީތެރިކަން ފޯރުކޮށްދޭ ޖަމާޢަތްތަކުންވަނީ ޣައްޒާއަށް ބޭނުންވެފައިވާ ސާމާނު އެ ސަރަޙައްދަށް ގެންދަން ފަށައިފައެވެ. ގިނަ ޢަދަދެއްގެ އުޅަނދުތައް ދަނީ ބޭހާއި ކާބޯތަކެއްޗާއި ތެޔޮ ހިފައިގެން ޣައްޒާއަށް އެތެރެވަމުންނެވެ.

އދގެ ކުޑަކުދިންގެ ހައްޤުތަކަށް މަސައްކަތްކުރާ އިދާރާކަމަށްވާ ޔުނިސެފުން ބުނެފައިވަނީ ޙަމަލާތަކުގެ ސަބަބުން ޣައްޒާގައި ދިރިއުޅޭ 100،000އަށްވުރެ ގިނަ މީހުން ގެދޮރު ދޫކޮށް ދާންޖެހުނުކަމަށާއި 800،000އަށްވުރެ ގިނަ މީހުންނަށް ސާފު ބޯފެން ނުލިބޭކަމަށެވެ. ޙަމަލާ ބަދަލުކުރުން ހުއްޓުމަކަށް އައުމުން އެ ސަރަޙައްދުގައި ދިރިއުޅޭ ޢާންމުންވަނީ ޙަމަލާތަކުގައި ސުންނާފަތިވެފައިވާ އެ މީހުންގެ ގެދޮރަށް އަނބުރާ ދާން ފަށައިފައެވެ. ނަމަވެސް 1،800 ގެއެއްވަނީ ދިރިނޫޅެވޭ މިންވަރަށް ގެއްލުންވެފައިވާކަމާއި 1،000ގެ އެއްކޮށް ބިމާހަމަވެފައިވާކަމަށް ރަސްމީ އިދާރާތަކުން ބުނެއެވެ. ޣައްޒާ އަލުން އާރާސްތުކުރުމަށް އެތައް އަހަރެއް ނަގާނެކަމަށާއި އެކަމަށް އެތައް މިލިޔަން ޑޮލަރެއް ބޭނުންވާނެކަމަށް އެ އިދާރާތަކުން ބުނެއެވެ. ފަލަސްޠީނުގެ ރައްޔިތުންނަށް އެހީތެރިވުމަށް އުފައްދައިވާ އދގެ އިދާރާއިން ބުނީ އެންމެ އިސްކަމެއް ދޭނީ ޣައްޒާގެ ގެދޮރު ގެއްލިފައިވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށްކަމަށެވެ. އެގޮތުން އެފަދަ މީހުންނަށް އެހީތެރިވުމަށް 38 މިލިޔަން އެމެރިކާ ޑޮލަރު ހޯދުމަށް އެ އިދާރާއިން ދަނީ މަސައްކަތްކުރަމުންނެވެ.

ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާ، ޑަބުލިޔުއެޗުއޯއިންވަނީ ޣައްޒާއަށް ދިން ޙަމަލާތަކުގައި ޒަޚަމްވި މީހުންނަށް ފަރުވާދިނުމަށް އެހެން ސަރަޙައްދުތަކަށް ގެންދެވޭނެ އިންތިޒާމު ހަމަޖައްސައިދިނުމަށް ގޮވާލައިފައެވެ. އެތައް ހާސް ބަޔަކު ޒަޚަމުވުމުން ޣައްޒާގެ ބަލިކަށި ޞިއްޙީ ނިޒާމަށް ބާރުބޮޑުވެފައިވާކަމަށް އެ ޖަމުޢިއްޔާއިން ފާހަގަކުރެއެވެ. އެހެންކަމުން ޞިއްޙީ ސާމާނާއި ޞިއްޙީ އެހީތެރިންނަށް ޣައްޒާއަށް އެތެރެވެވޭނެ އިންތިޒާމުތައް ހަމަޖެއްސުން ވަރަށް މުހިންމުކަމަށް އެ ޖަމުޢިއްޔާއިންވަނީ ފާހަގަކޮށްފައެވެ.