ކުޅިވަރު

ގައުމީ ޓީމް މާދަމާ ކޭންޕަށް ދުބާއީއަށް ފުރަނީ


ވޯލްޑް ކަޕާއި އޭޝިއަން ކަޕް ޖޮއިންޓް ކޮލިފައިންގެ މެޗްތަކުގެ ކުރިން ގައުމީ ޓީމް ދުބާއީގައި ކޭންޕް ކުރުމަށް ހަމަޖެހިއްޖެއެވެ.

ގައުމީ ޓީމް ދުބާއީގައި ކޭންޕް ކުރުމަށް ހަމަޖެހިފައިވަނީ މިމަހުގެ 30 މިއަންނަ މަހުގެ 15ގެ ނިޔަލަށް ޗައިނާގައި ކުރިއަށްދާ ވޯލްޑް ކަޕާއި އޭޝިއަން ކަޕް ޖޮއިންޓް ކޮލިފައިންގެ މެޗްތަކަށް ތައްޔާރުވުމުގެ ގޮތުންނެވެ. ދުބާއީއަށް ފުރުމުގެ ކުރިން ގައުމީ ޓީމް މިހާރު ކޭންޕްކޮށްފައިވަނީ ހޮޓަލް ޖެންގައެވެ. މާލޭގެ ކޯވިޑް-19ގެ ހާލަތާއި ގުޅިގެން އެޗްޕީއޭއިން ވަނީ ކުޅިވަރު މުބާރާތްތަކާއި ކުޅިވަރު ކުޅޭ ދަނޑުތަށް ބަންދުކޮށްފައެވެ.

އެފްއޭއެމުން ގައުމީ ޓީމުގެ ފަރިތަކުރުންތައް ދަނޑުގައި ކުރިއަށް ގެންދިއުމަށް ހުއްދައަކަށް އެދިފައިވީނަމަވެސް، އެ ހުއްދަ ލިބިފައެއް ނުވެއެވެ. އެހެންކަމުން ގައުމީ ޓީމުގެ ފަރިތަކުރުންތައް ކުރިއަށް ގެންދަނީ ހޮޓެލް ޖެންގެ ބޯލް ރޫމްގައެވެ. 23 ކުޅުންތެރިންނާއެކު ގައުމީ ޓީމު ދުބާއީއަށް ފުރުމަށް ހަމަޖެހިފައިވަނީ މާދަމާ ހެދުނުގެ ވަގުތެއްގައެވެ. ދުބާއީއަށް ގައުމީ ޓީމު ދަނީ ދަނޑު މަތީގެ ފަރިތަކުރުންތައް ކުރިއަށް ގެންދިއުމަށެވެ. މީގެ ކުރިން ގައުމީ ޓީމުގެ ކޯޗް ކޫޕްމަން ވަނީ ދަނޑުގައި ފަރިތަކުރުންތައް ކުރިއަށް ނުގެންދެވޭތީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި ހޮޓެލްގައި ހަމައެކަނި ކުރެވޭނީ ފިޓްކޮށް ހުރުމަށް ކުރެވޭ ކަސްރަތުތައް އެކަނިކަމަށާއި މުބާރާތައް ތައްޔާރުވެވޭނީ ދަނޑު މަތީގައިވެސް ފަރިތަކުރުންތައް ކުރިއަށް ގެންގޮސްގެންކަމަށްވެސް ކޫޕްމަން ބުނެފައިވެއެވެ.

ގައުމީ ޓީމު ހޮޓެލް ޖެންގައި ކޭންޕްކޮށްފައި ވަނީ ކޮވިޑް-19އަށް ޓެސްޓް ކުރުމަށްފަހުއެވެ. އަދި ހުރިހާ ކުޅުންތެރިން ނެގެޓިވްވެފައިވާއިރު، ދުބާއީއަށް ގައުމީ ޓީމް ދިއުމަށްވެސް ކޯވިޑް-19އަށް ޓެސްޓް ކުރުމުގެ އިތުރުން އެންޓިބޮޑީ ޓެސްޓް ވެސް ހެދުމަށް ހަމަޖެހިފައިވެއެވެ. ކޯވިޑަށް ޕޮޒިޓިވްވުމުން ވިކްޓްރީގެ އިސްމާއިލް އީސާއަށް ވަނީ ސްކޮޑުން ޖާގަ ގެއްލިފައެވެ. އަދި އަމިއްލަ ބައެއް ސަބަބުތަކާއި ހެދި މާޒިޔާގެ ޙަސަން ނާއިޒު ޢިބްރާހީމް ވަޙީދުވެސް ވަނީ ޓީމުން ވަކިވެފައެވެ. ގައުމީ ޓީމު މިދިޔަ ބުރާސްފަތި ދުވަހު ހޮޓެލް ޖެންގައި ކޭންޕްކޮށްފައިވާއިރު ކޯވިޑް-19އަށް ފެއްސިވެގެން މަޒިޔާގެ ހަމްޒާ މުހައްމަދު އާއި ހުސެއިން ނިހާން މިހާރުވަނީ ކޯވިޑުން ރަގަނޅުވެ ގައުމީ ޓީމާ ގުޅިފައެވެ.

މިމަހުގެ 6 ވަނަ ދުވަހު ގައުމީ ޓީމުގެ ފަރިތަކުރުންތައް ފަށަން ނިންމި ނަމަވެސް ކޯވިޑްގެ ސަބަބުން ފަރިތަކުރުންތައް ފެށިފައެއް ނުވެއެވެ. އަދި ގައުމީ ޓީމުގެ ކޯޗުކަމާ ކޫޕްމަން ހަވާލުވި ފަހުން ޓިމުން ރަސްމީކޮށް އެއްވެސް މެޗެއް ކުޅެފައެއްވެސް ނުވެއެވެ.

ވޯލްޑް ކަޕާއި އޭޝިއަން ކަޕް ޖޮއިންޓް ކޮލިފައިންގައި ރާއްޖެ ހިމެނެނީ ގުރޫޕް އޭ ގައެވެ. ރާއްޖެއަށް މި މުބާރާތުގައި ބާކީ އޮތީ ތިން މެޗެވެ. މި ތިން މެޗްގެ ތެރެއިން ރާއްޖެ ފުރަތަމަ ނުކުންނާނީ ޗައިނާއާއި ދެކޮޅަށެވެ. މި މެޗް އޮންނާނީ އަންނަ މަހުގެ 3 ވަނަދުވަހުއެވެ. ދެން ރާއްޖެ ނުކުންނާނީ ސީރިއާ ދެކޮޅަށެވެ. މި މެޗް ކުޅޭނީ އަންނަމަހުގެ 7 ވަނަދުވަހުއެވެ. ރާއްޖޭގެ ފަހު މެޗް އޮންނާނީ އަންނަމަހުގެ 15 ވަނަދުވަހުއެވެ. އެދުވަހު ރާއްޖެ ނުކުންނާނީ ފިލިޕީންސާއި ދެކޮޅަށެވެ.

މި ގްރޫޕްގައި 4 މެޗުން ލިބުނު 6 ޕޮއިންޓާއެކު ރާއްޖެ އޮތީ ހަތަރު ވަނައިގައެވެ. 15 ޕޮއިންޓާއެކު ގްރޫޕްގެ އެއްވަނައިގައި އޮތީ ސީރިއާއެވެ. 7 ޕޮއިންޓާއެކު ދެވަނައިގައި އޮތީ ޗައިނާއެވެ. ގްރޫޕްގެ ތިން ވަނައިގައި ޕިލިޕީންސް އޮތްއިރު ގްރޫޕްގެ އެންމެ ފުލުގައި އޮތީ ގުއާމެވެ.


ކޮލިފައިން މެޗްތަކާއި ގައުމީ ޓީމްގެ ކޭންޕްއަށް ނަގާފައިވާ 25 ކުޅުންތެރިންނަކީ
ފޯވާޑުން: ޢަލީ އަޝްފާގު، ޙަސަން ނަޒީމް، ޢަލީ ހައިޝަމް، އަސަދުﷲ އަބްދުﷲ، އިބްރާހިމް މަހުދީއެވެ.

މިޑްފީލްޑަރުން: އަލީ ފާސިރު، މުހައްމަދު ނާއިމް، އިމްރާން ނަޝީދު، މުޙައްމަދު އުމެއިރު، ހަމްޒާ މުޙައްމަދު، އިބްރާހީމް އައިޝަމް އަދި މުޙައްމަދު އިރުފާންއެވެ.

ޑިފެންޑަރުން: އަޙުމަދު ނުއުމާން، ހުސެއިން ސިފާއު، ހައިޝަމް ޙަސަން، ޢަލީ ޝާމިސް، މުޙައްމަދު ސާއިފް، ޢަލީ ޝަމާލް ޢަބްދުﷲ، ސަމޫހު ޢަލީ އަދި އަކުރަމް އަބްދުލް ޣަނީއެވެ.

ކީޕަރުން: މުޙައްމަދު ފައިސަލް، ހުސެއިން ޝަރީފް، މުޙައްމަދު ޝާފީއު އަދި ޢަލީ ނާޖިހުއެވެ.