ޚަބަރު

ޙަމަލާބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުން ދަމަހައްޓަން އދން ގޮވާލައިފި


ހަނގުރާމައިގައި އެއްވެސް ކުރިއެރުމެއް ނުލިބުމުން ބަލި ޤަބޫލުކޮށް ފަލަސްޠީނުގެ ޣައްޒާއަށް ޙަމަލާދިނުން ހުއްޓާލުމަށް އިސްރާއީލުގެ ޔަހޫދީ ދަޢުލަތުން ޙަމާސް ޖަމާޢަތާއެކުވެފައިވާ އެއްބަސްވުން ދަމަހައްޓަން އދން ގޮވާލައިފިއެވެ.

މީގެ 11 ދުވަސް ކުރިން އިސްރާއީލުންވަނީ ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް ބޮޑެތި ލާއިންސާނީ ޙަމަލާތަކެއް ދޭން ފަށައިފައެވެ. އިސްރާއީލުގެ އިސްތިޢުމާރީ ފައުޖުތަކުން ޣައްޒާއަށް ދިން ރަޙުމުކުޑަ ޙަމަލާތަކުގައި ފަލަސްޠީނުގެ 240އަށްވުރެ މީހުންވަނީ ޝަހީދުވެފައެވެ. އޭގެ ތެރޭގައި 65 ކުޑަކުދިންނާއި 39 އަންހެނުންނާއި 17 މުސްކުޅިން ހިމެނެއެވެ. އޭގެ އިތުރުން 1،900އަށްވުރެ ގިނަ މީހުން ޒަޚަމުވެފައިވެއެވެ.

އިސްރާއީލުން ހިންގަމުންދިޔަ ލާއިންސާނީ ބޮޑެތި ޖަރީމާތަކުން ފަލަސްޠީނުގެ ރައްޔިތުން ދިފާޢުކުރުމުގެ ގޮތުން 1948ވަނަ އަހަރުން ފެށިގެން އިސްރާއީލުން އިސްތިޢުމާރުކޮށްފައިވާ އެކި ސަރަޙައްދުތަކަށް ޣައްޒާގައި ވެރިކަންކުރާ ޙަމާސް ޖަމާޢަތުންވަނީ ވަރުގަދަ ރޮކެޓު ޙަމަލާތަކެއް ދީފައެވެ. އެގޮތުން ޙަމާސުން ދިން 4،000އަށްވުރެ ގިނަ ޙަމަލާތަކުގައި ޔަހޫދީންގެ ސިނާޢީ ސަރަޙައްދުތަކަށާއި އިމާރާތްތަކާއި އުޅަނދުތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވެއެވެ. އަދި އެ ޙަމަލާތަކުގައި ޔަހޫދީންގެ 12 މީހުން މަރުވެ، 800އެއްހާ މީހުން ޒަޚަމުވެފައިވެއެވެ. އެންމެ ޒަމާނީ ވައިގެ ދިފާޢީ ނިޒާމު ޤާއިމުކޮށްފައިވާ އިސްރާއީލަށް ފާއިތުވި 11 ދުވަހުގެ ތެރޭގައި ޙަމާސުން ދިން ޙަމަލާތަކުގައި 2.5 ބިލިޔަން އެމެރިކާ ޑޮލަރުގެ ގެއްލުމެއް ލިބިފައިވާކަމަށް އެ ޤައުމުގެ ނޫސްތަކުން ބުނެފައިވެއެވެ. އަދި އިސްރާއީލުގެ ބައިނަލްއަޤްވާމީ ވައިގެ ބަނދަރާއި އެތެރޭގެ ދަތުރުފަތުރުކުރުމުގެ ނިޒާމުވެސްވަނީ ހުއްޓުމަކަށް އައިސްފައިވެއެވެ. އޭގެ އިތުރުން ފަހުގެ ތާރީޚެއްގައި އެ ޤައުމުގެ ފައިސާގެ އަގު ދަށަށް ނުދާ މިންވަރަށްވަނީ ދަށަށްގޮސްފައެވެ. ހަނގުރާމައިގައި އެއްވެސް ކުރިއެރުމެއް ނުލިބުމުން ބަލި ޤަބޫލުކޮށް ފަލަސްޠީނުގެ ޣައްޒާއަށް ޙަމަލާދިނުން ހުއްޓާލުމަށް އިސްރާއީލުގެ ޔަހޫދީ ދަޢުލަތުންވަނީ އެއްބަސްވެފައެވެ.

ޙަމަލާ ބަދަލުކުރުން ހުއްޓައިލާފައިވާކަން އިޢުލާނުކުރުމުން އދގެ ސެކެޓުރީ ޖެނެރަލް އެންތޮނިޔޯ ގުތޭޚެޝްވަނީ އެއްބަސްވުމަށް މަރުޙަބާ ކިޔުއްވައި ދެ ފަރާތުންވެސް އެއްބަސްވުމާ އެއްގޮތަށް ޢަމަލުކުރުމުގައި ދެމިތިބުމަށް ގޮވައިލައްވައިފައެވެ. އޭނާ ވިދާޅުވީ ޙަމަލާ ބަދަލުކުރުން ހުއްޓައިލުމުގެ އިތުރުން ދެ ޤައުމުގެ ދެމެދުގައި އޮތް މައްސަލަތަކަށް ދާޢިމީ ޙައްލެއް ހޯދުމުގެ ޒިންމާ ދެ ޤައުމަށްވެސް އޮތްކަމަށެވެ. ގުތޭޙެޝް ވިދާޅުވީ އދން އޮތީ އިސްރާއީލާއި ފަލަސްޠީނާއި ސަރަޙައްދީ ބައިވެރިންނާއެކު މަސައްކަތްކުރުމަށް ތައްޔާރަށްކަމަށެވެ. ޣައްޒާގައި ވެރިކަންކުރާ ޙަމާސާއި ހުޅަނގު އައްސޭރީގައި ވެރިކަންކުރާ ޕަލަސްޠީނުގެ ސަރުކާރުން އެއްގަލަކަށް އަރަންޖެހޭކަމަށްވެސް އޭނާ ވިދާޅުވިއެވެ. އަދި ފަލަސްޠީނުގެ ރައްޔިތުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށާއި އެ ޤައުމުގެ އިދާރާތައް ވަރުގަދަކުރުމަށް ބައިނަލްއަޤްވާމީ އެހީތެރިކަން ފޯރުކޮށްދޭންޖެހޭކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ހަނގުރާމައިގައި އެއްވެސް ކުރިއެރުމެއް ނުލިބުމުން ބަލި ޤަބޫލުކޮށް ފަލަސްޠީނުގެ ޣައްޒާއަށް ޙަމަލާދިނުން ހުއްޓާލުމަށް އިސްރާއީލުގެ ޔަހޫދީ ދަޢުލަތުން އެއްބަސްވުމުން ފަލަސްޠީނުގެ އެކި ސަރަޙައްދުތަކުގައި ޢާންމުން ދަނީ އުފާ ފައުޅުކުރަމުންނެވެ.

ފފަތުހުﷲ

ޔަހޫދީން ތިޔަކަށް ތަބާނުވާނެ ރޯދައަށް ހިންގި ކަމެއް ހަރޯދަނިމުނީމައި ހުއްޓާލީ ، ދެން ފައްޓާނީ ދެންއަންނަރޯދަމަހު ، ޔަހޫދީންނަށް އިތުބާރު ކުރާކަށް ނުވާނެ.