ކުޅިވަރު

ރިވަރ ޕްލޭޓުން ސަންޓާ ފޭ ބަލިކޮށްފި


ކޮޕާ ލިބަރޓަޑޯރެސްގައި ކޮރޯނާ ވައިރަހުގެ ސަބަބުން ރިވަރޕްލޭޓްގެ ގިނަ ކުޅުންތެރިންނަށް ތަކަކަށް ނުކުޅެވުނު ނަމަވެސް އިންޑިޕެންޑިއެންޓޭ ސަންޓާ ފޭ އާއި ބައްދަލުކުރިމެޗް ރިވަރ ޕްލޭޓް ކާމިޔާބުކޮށްފިއެވެ. ރިވަރ ޕްލޭޓްގެ ދަނޑުގައި ކުޅުނު މިމެޗް އެޓީމް ކާމިޔާބުކުރީ 2 ލަނޑު އެއްލަނޑުންނެވެ.

މިމެޗާއި ކުރިމަތިލީއިރު ރިވަރ ޕްލޭޓްގެ 20 ކުޅުންތެރިންނަށް ވަނީ ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައެވެ. އަދި މީގެއިތުރުން އަނިޔާ އާއި އެކު މިމެޗަށް ދިޔައީ 11 ކުޅުންތެރިންނާއެކުގައެވެ. ޓީމުގައި ހިމެނޭ ހަތަރު ކީޕަރުންނަށް ވެސް ކޯވިޑް-19 ޖެހިފައިވުމުން ފަސްވަނަ އާއި ހަވަނަ ކީޕަރެއް ވަގުތީގޮތުން ރެޖިސްޓަރ ކުރުމަށް ރިވަރ ޕްލޭޓުން އެދުނު އެދުން ގަބޫލް ނުކުރުމުން މިމެޗްގައި ގޯލް ބެލެހެއްޓީ ކްލަބްގެ މެދުތެރެއަށް ކުޅޭ އެންޒޯ ޕެރޭޒެވެ.

ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ރިވަރ ޕްލޭޓްގެ ދެ ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ފެބްރީޒިއޯ އަންގިލޭރީ އާއި ޖޫލިއަން އަލްވަރޭޒްއެވެ. މިމެޗްގައި ސަންޓަ ފޭ އިން ޖެހި ހަމައެކަނި ލަނޑު ޖަހައިދިނީ ކެލްވިން އޮސާރިއޯއެވެ. މިކާމިޔާބީއާއެކު ކޮޕާ ލިބަރޓަޑޯރެސްގައި ރިވަރ ޕްލޭޓް އޮތީ ގްރޫޕް ޑީ ގެ އެއްވަނައިގައެވެ.