ޚަބަރު

ކޯވިޑް-19 : އިތުރު މަރަކާއެކު މަރުވި ދިވެހިންގެ އަދަދު 102އަށް


ކޯވިޑް-19ގައި ރާއްޖެއިން އިތުރު ދިވެއްސަކު މިއަދު ނިޔާވެއްޖެއެވެ. މިއާއެކު މިބަލީގައި މިހާތަނަށް 102 ދިވެހިންވަނީ ނިޔާވެފައެވެ.

އެޗްއީއޯސިން މަޢުލޫމާތު ދެއްވި ގޮތުގައި މިބަލީގައި ރޭ ފަތިހު 4:06 ގައި ނިޔާވެފައިވަނީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުންދިޔަ 77 އަހަރުގެ ދިވެހި ފިރިހެނެކެވެ. މިއީ ރާއްޖޭގައި މިބަލީގައި ނިޔާވި 117 ވަނަ މީހާއެވެ. މީގެ ތެރޭގައި ހިމެނެނީ 102 ދިވެހިންނާއި 15 ބިދޭސީންނެވެ.

އެޗްއީއޯސީން މަޢުލޫމާތު ދެއްވި ގޮތުގައި ރޭ 10:44 ހާއިރުވެސް ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުންދިޔަ އުމުރުން 93 އަހަރުގެ ދިވެހި އަންހެނަކުވަނީ ނިޔާވެފައެވެ.

ކޯވިޑް ބަލީގައި މިމީހާއެކު އިއްޔެ އެކަނިވެސް 5 މީހުންވަނީ ނިޔާވެފައެވެ.

ކޯވިޑް ބަލީގައި މިހާތަނަށް ރާއްޖެއިން އެންމެ ގިނަ މީހުން ނިޔާވެފައިވަނީ މިމަހުއެވެ. އެގޮތުން ރޭ ފަތިހު ނިޔާވި މީހާއާއެކު މިހާތަނަށް މިބަލީގައި 44 މީހުންވަނީ މިމަހުގެ މިހާތަނަށް ނިޔާވެފައެވެ. ރާއްޖޭގައި މިބައްޔަށް ޕޮޒިޓިވްވާ މީހުންނާއި ބަލީގައި ނިޔާވާ މީހުންގެ ޢަދަދު އިތުރުވަމުން އަންނައިރު މިބަލިން ރައްކާތެރިވުމަށް ބޭނުންކުރަމުން އަންނަ ދިފާޢު ވެކްސިން ފުރިހަމަނުކޮށް ތިބި މީހުން ގިނަކަން އެޗްއީއޯސީ ފާހަގަކުރައްވައެވެ.

ރާއްޖޭގައި ކޯވިޑްގެ ނުރައްކާ ބޮޑުވެ ބަލިޖެހޭ މީހުންގެ އަދަދު އިތުރުވެ އަދި މިބަލީގައި އެޑްމިޓްކޮށްގެން ފަރުވާ ހޯދަމުން އަންނަ މީހުންގެ އަދަދުވެސްވަނީ އިތުރުވެފައެވެ.

ރާއްޖެއިން އިއްޔެވެސް ގިނަބަޔަކުވަނީ ކޯވިޑަށް ޕޮޒިޓިވްވެފައެވެ. އެގޮތުން މިބައްޔަށް 2،194 މީހުން ޕޮޒިޓިވްވެފައިވާ ކަމަށް އެޗްއީއޯސީންވަނީ ހާމަކުރައްވާފައެވެ. މިއާއެކު މިބަލި ޖެހުނު މީހުންގެ އަދަދުވަނީ 50000 އަށްވުރެ މައްޗަށް އަރާފައެވެ. އަދި މިބަލީގެ އެކްޓިވް ކޭސްގެ ގޮތުގައި 20000 އަށްވުރެ ގިނަ މީހުން ތިބި އިރު މީގެ ތެރެއިން 280 މީހަކަށް ހޮސްޕިޓަލުގައި އަންނަނީ ފަރުވާދެމުންނެވެ. އަދި ބަލީގެ ނުރައްކާ ބޮޑުވެ 66 ރަށެއް މިވަގުތުވެސް އޮތީ އަރާފޭބުން މަނާކޮށްފައެވެ. އަދި އެތައް ރަށެއްގައި ކާފިއު އިއުލާންކޮށް ބޭރަށް ނިކުތުން މަނާގަޑިތަކެއްވަނީ ކަނޑައަޅާފައެވެ.