ވިޔަފާރި

އުއްމީދަކީ ޗައިނާއަށް އެންމެ ފުރަަތަމަ ދަތުރުތައް ފަށާ ޤައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނުން


ޗައިނާގެ ބޯޑަރުތައް ހުޅުވާލުމާއެކު އެންމެ ފުރަަތަމަ ދަތުރުތައް ފަށާ ޤައުމުތަކުގެތެރޭގައި ރާއްޖެ ހިމެނިގެން ދިޔުމަކީ އުއްމީދެއްކަމަށް ޓޫރިޒަމް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ޗައިނާއަކީ ކޯވިޑްގެ ކުރިން ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އަންނަމުން ދިޔަ ޤައުމެވެ. އެހެން ނަމަވެސް މިހާރު ޗައިނާގެ ބޯޑަރުތައް އާއްމުކޮށް ހުޅުވާލާފައިނުވުމުން އެޤައުމުން ރާއްޖެއަށް ފަތުރުވެރިން އައުން ވަނީ ހުއްޓިފައެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ޓޫރިޒަމް މިނިސްޓްރީގެ ސީނިއަރ އެގްޒެކެޓިވް ޑިރެކްޓަރ އަލީ ރައްޒާން ވިދާޅުވީ ޗައިނާ މާރކެޓް ހުޅުވާލާއިރަށް އެޤައުމުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދުތައް އިތުރު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.

" ޗައިނާގެ އައުޓް ބައުންޑް އެމީހުން މުޅިން ހުޅުވާ ނުލައި، ވަރަށް ބޮޑަށް ޑޮމެސްޓިކް ޓޫރިޒަމްއަކަށް ފޯކަސްކޮށްގެން، ބަލި ކޮންޓްރޯލްކުރުމަށްކަމަށް ބެލެވެނީ، ވެކްސިން ޕްރޮގްރާމްވެސް ވަރަށް ބާރަށް ކުރިއަށްދޭ، ޗައިނާއަށްވެސް ބައިލެޓްރަލް ވާހަކަދައްވެސް ދެކެވޭ، ޗައިނާ ހުޅުވާލެވިގެންދާއިރު، އެންމެ ފުރަތަމަ ކަނެކްޝަން އެޅޭ ޤައުމަކަށް ރާއްޖެވާނެ ކަމަށް ބެލެވޭ،" ރައްޒާން ވިދާޅުވިއެވެ.

ރައްޒާން ފާހަގަކުރެއްވި ގޮތުގައި މިނިސްޓްރީގެ އިތުރުން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ އަމިއްލަ ފަރާތްތަކުންވެސް ރާއްޖެއަށް އިތުރު މާރކެޓްތައް ހޯދާ، ފަތުރުވެރިންގެ އަދަދުތައް އިތުރު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.

ކޯވިޑްގެ ކުރިން ޗައިނާއާއި ރާއްޖެއާ ދެމެދު ގިނަ އެއަރލައިންތަަކަކުން ދިޔައީ ދަތުރުތައް ބާއްވަމުންނެވެ. އެގޮތުން ރާއްޖޭގެ ޤައުމީ އެއަރލައިން މޯލްޑިވިއަންއިންވެސް ދިޔައީ ޗައިނާގެ އެކި ސިޓީތަކަށް ސީދާ ދަތުރުތައް ބާއްވަމުންނެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން 2019 ވަނަ އަހަރު ރާއްޖެއަށް ޖުމްލަ 1.7 މިލިއަން ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މީގެތެރެއިން 284029 ފަތުުރުވެރިންނަކީ ޗައިނާއިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ފަތުރުވެރިންނެވެ. މިއީ އެއަހަރުތެރޭ ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ޖުމްލަ ފަތުރުވެރިންގެ 16.7 އިންސައްތައެވެ.