ޚަބަރު

ކޯވިޑް-19 : އިތުރު ދިވެއްސަކު ނިޔާވެއްޖެ


ކޯވިޑް-19ގައި ރާއްޖެއިން އިތުރު ދިވެއްސަކު ނިޔާވެއްޖެއެވެ.

އެޗްއީއޯސީން މަޢުލޫމާތު ދެއްވި ގޮތުގައި ރޭ 10:44 ހާއިރު ނިޔާވެފައިވަނީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުންދިޔަ އުމުރުން 93 އަހަރުގެ ދިވެހި އަންހެނެކެވެ. މިއީ ރާއްޖޭގައި މިބަލީގައި ނިޔާވި 116 ވަނަ މީހާއެވެ. މީގެ ތެރޭގައި ހިމެނެނީ 101 ދިވެހިންނާއި 15 ބިދޭސީންނެވެ.

ކޯވިޑް ބަލީގައި މިމީހާއެކު އިއްޔެވަނީ 5 މީހުން ނިޔާވެފައެވެ.

ކޯވިޑް ބަލީގައި މިހާތަނަށް ރާއްޖެއިން އެންމެ ގިނަ މީހުން ނިޔާވެފައިވަނީ މިމަހުއެވެ. އެގޮތުން ރޭ ނިޔާވި މީހާއާއެކު މިހާތަނަށް މިބަލީގައި 43 މީހުންވަނީ މިމަހުގެ މިހާތަނަށް ނިޔާވެފައެވެ. ރާއްޖޭގައި މިބައްޔަށް ޕޮޒިޓިވްވާ މީހުންނާއި ބަލީގައި ނިޔާވާ މީހުންގެ ޢަދަދު އިތުރުވަމުން އަންނައިރު މިބަލިން ރައްކާތެރިވުމަށް ބޭނުންކުރަމުން އަންނަ ދިފާޢު ވެކްސިން ފުރިހަމަނުކޮށް ތިބި މީހުން ގިނަކަން އެޗްއީއޯސީ ފާހަގަކުރައްވައެވެ.

ރާއްޖޭގައި ކޯވިޑްގެ ނުރައްކާ ބޮޑުވެ ބަލިޖެހޭ މީހުންގެ އަދަދު އިތުރުވެ އަދި މިބަލީގައި އެޑްމިޓްކޮށްގެން ފަރުވާ ހޯދަމުން އަންނަ މީހުންގެ އަދަދުވެސްވަނީ އިތުރުވެފައެވެ.

ރާއްޖެއިން އިއްޔެވެސް ގިނަބަޔަކުވަނީ ކޯވިޑަށް ޕޮޒިޓިވްވެފައެވެ. އެގޮތުން މިބައްޔަށް 2،194 މީހުން ޕޮޒިޓިވްވެފައިވާ ކަމަށް އެޗްއީއޯސީންވަނީ ހާމަކުރައްވާފައެވެ. މިއާއެކު މިބަލި ޖެހުނު މީހުންގެ އަދަދުވަނީ 50000 އަށްވުރެ މައްޗަށް އަރާފައެވެ. އަދި މިބަލީގެ އެކްޓިވް ކޭސްގެ ގޮތުގައި 20000 އަށްވުރެ ގިނަ މީހުން ތިބި އިރު މީގެ ތެރެއިން 280 މީހަކަށް ހޮސްޕިޓަލުގައި އަންނަނީ ފަރުވާދެމުންނެވެ. އަދި ބަލީގެ ނުރައްކާ ބޮޑުވެ 66 ރަށެއް މިވަގުތުވެސް އޮތީ އަރާފޭބުން މަނާކޮށްފައެވެ. އަދި އެތައް ރަށެއްގައި ކާފިއު އިއުލާންކޮށް ބޭރަށް ނިކުތުން މަނާގަޑިތަކެއްވަނީ ކަނޑައަޅާފައެވެ.