ދުނިޔޭގެ ވިޔަފާރި

ނިއުޒިލޭންޑުގެ އިޤްޠިޞާދު އާރާސްތުކުރުމަށް ބޮޑު އިންވެސްމަންޓެއް


ކޯވިޑްގެ ބަލިމަޑުކަމާއި ހެދި ހީނަރުވެފައިވާ އިޤްޠިޞާދު ރަނގަޅުކޮށް އާރާސްތުކުރުމަށްޓަކައި ބޮޑު އިންވެސްޓްމަންޓަށް ކުރުމަށް ނިއުޒިލޭންޑުގެ ބޮޑުވަޒީރު ޖެސިންދާ އާރޑެން ނިންމައިފިއެވެ.

މި އިންވެސްޓްމަންޓުން މައިގަނޑުގޮތެއްގައި ޚަރަދުކުރުމަށް ހަމަޖެހިފައިވަނީ ވެލްފެއަރ، ގެދޮރު އަގުހެޔޮކުރުމާއި އަދި މޫސުމީ ބަދަލުތަކުން ކުރާ އަސަރު ކުޑަކުރުމަށެވެ.

2.4 ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓާއެކު އެންމެ ބޮޑު ވެލްފެއަރ ޕްރޮގްރާމެއްގެ ގޮތުގައި އާއިލާތަކަށް ދޭ އިނާޔަތްތައް ހިމެނޭކަމަށް ބޮޑުވަޒީރު ވަނީ ވިދާޅުވެފައެވެ. މީގެ ސަބަބުން 33000 ކުޑަކުދިންގެ ފަޤީރުކަން ނިމުމަކަށް އަންނާނެއެވެ. ތަޢުލީމާއި އާންމު ދަތުރުފަތުރުތަކަށްވެސް އިތުރު އިންވެސްޓްމަންޓް ކުރުމާއެކު އިތުރު 4.7 ބިލިއަން ނިއުޒީލޭންޑް ޑޮލަރު ސިއްޚީ ދާއިރާއަށް ޚަރަދުކުރުމަށް ވަނީ ހަމަޖެހިފައެވެ.

މޫސުމީ ބަދަލުތަކުން ކުރޭ ނޭދެވޭ އަސަރުތައް ކުޑަކުރުމަކީ ސަރުކާރުން ބޮޑު އިސްކަމެއްދީގެން ކުރާ ކަމެއްކަމުން ކާބަން ޓެކޮނޮލޮޖީ މަދުކުރުމަށް 300 މިލިއަން ނިއުޒީލޭންޑް ޑޮލަރު އަދި އެންޓާޓިކާގައި ހުންނަ އެޤައުމުގެ ރިސާރޗް ފެސިލިޓީއެއްކަމަށްވާ ސްކޮޓް ބޭސްގެ އާބާތުރަފިލުމުވުމަށް 350 މިލިއަން ނިއުޒީލޭންޑް ޑޮލަރު ޚަރަދުކުރުމަށްވެސް ވަނީ ނިންމާފައެވެ.

ނަމަވެސް ތިމާވެށި ހިމާޔަތްކުރުމަށް މަސައްކަތްކުރާ ގްރޫޕެއްކަމަށްވާ ގްރީން ޕީސްއިން ބުނާގޮތުގައި ތިމާވެށީގޮތުން މިހާރުން މިހާރަށް އަޅާލުން ބޭނުންވާ ކަންކަމުގައި ސަރުކާރުން އަޅަނީ މާ ލަސް ފިޔަވަޅުތަކެކެވެ.

މިދިޔަ އަހަރުގެ ރީ އިލެކްޝަންގައި ބޮޑު އަޣުލަބިއްޔަތަކުން ކާމިޔާބު ކުރި އާރޑެން ވަނީ ކޯވިޑްގެ ބަލިމަޑުކަން އެޤައުމުން ވަރަށް ބޮޑަށް ކޮންޓްރޯލް ކޮށްފައެވެ. އަދި ދައުރު ހަމަވަންދެން އޭނާގެ އެޖެންޑާގައި ކުރިއަށްހުރި ކަންކަންވެސް ކުރަމުންގެންދާނެކަމުގައި އާރޑެން ބުނެއެވެ.

ކޯވިޑްގެ ބަލިމަޑުކަމަށްފަހު އިޤްޠިޞާދު ހީކުރިވަރަށްވުރެ ވަރުގަދަކޮށް ހީނަރުކަމުން އަރައިގަނެފައިވާކަމަށާއި މިއަދު ދެން މި ނަގަންޖެހެނީ ކުރިއަތް ދެންއޮތް ފިޔަވަޅުކަމުގައި ވިޔަފާރިއާއި ބެހޭ ވަޒީރު ވަނީ ވިދާޅުވެފައެވެ.

ޓްރެޝަރީން ލަފާކޮށްފައިވަނީ ޖޫންއާ ހަމައަށް 2.9 އިންސައްތައަށް ޖީޑީޕީ ކުރިއަރާނެކަމަށެވެ. އަދި 2023 ވަނަ އަހަރު 4.4 އިންސައްތައަށް ޖިޑީޕީ މަތިވާނެކަމުގައިވެސް ލަފާކޮށްފައިވެއެވެ.