ވިޔަފާރި

އަންނަ ހަފްތާގައިވެސް އެމްއެމްއޭއާއި ބޭންކުތަކުން ޚިދުމަތްދޭނީ 3 ދުވަހު


އަންނަ ހަފްތާގައިވެސް އެމްއެމްއޭއާއި ބޭންކުތައް ހުޅުވާނީ ހަފްތާގެ 3 ދުވަހުކަމަށް އެމްއެމްއޭއިން ބުނެފިއެވެ.

މާލެ ސަރަހައްދުގައި ކޯވިޑް19 ގެ ހާލަތު ގޯސްވުމާއި ގުޅިގެން މިދިޔަ ހަފްތާގައިވެސް އެމްއެމްއޭއާއި ބޭންކުތައް ހުޅުވައި ޚިދުމަތްދީފައި ވަނީ ހަފްތާގެ 3 ދުވަހުއެވެ. އަދި ކުރިއަށްއޮތް ހަފްތާގައިވެސް ބޭންކުތަކާއި އެމްއެމްއޭއިން ޚިދުމަތް ދޭނީ ހޯމަ، އަންގާރަ އަދި ބުރާސްފަތި ދުވަހުކަމަށް އެމްއެމްއޭއިން ވިދާޅުވެއެވެ.

މި މުއްދަތުގައި އެމްއެމްއޭއިން ބޭންކިންގ ޚިދުމަތާއި ސިޓީއާއި ތަކެތި ބަލައިގަތުން ކުރިއަށްދާނީ ހެނދުނު 8:30 އިން މެންދުރު 12:00 އަށެވެ. ބޭންކިންގ ޚިދުމަތް ދެމުން ގެންދާނީ މިހާރެކޭވެސް އެއްގޮތަށް އެޕޮއިންޓްމަންޓް އުސޫލުންކަމަށް އެ އިދާރާއިން ވަނީ ވިދާޅުވެފައެވެ.

ކޯވިޑް19 ފެތުރުން އިތުރުވުމާއި ގުޅިގެން ބޭންކުތަކުންވެސް އޮންލައިންކޮށް ހޯދެންހުރި ޚިދުމަތްތައް އޮންލައިންކޮށް ހޯދުމަށާއި އެޕޮއިންޓްމަންޓް އުސޫލުން ޚިދުމަތްދޭގޮތަށް މިހާރު ވަނީ ބަދަލު ގެނެސްފައެވެ. އަދި ޚިދުމަތް ހޯދަން އައުމުގެ ކުރިން ކިޔު ނަންބަރު ބެލުމަށްފަހު ނަންބަރު ޖެހެން ގާތްވުމުން ބޭންކަށް އައުމަށްވެސް ބޭންކުތަކުން ވަނީ ކަސްޓަމަރުންނަށް އިލްތިމާސްކޮށްފައެވެ.

ރާއްޖޭގައި ކޯވިޑް ފެތުރޭ މިންވަރު އިތުރުވުމާއި ގުޅިގެން އަޅާފައިވާ ފިޔަަވަޅުތަކުގެ ސަބަބުން ގިނަ ވިޔަފާރިތަކާއި މުޢައްސަސާތަކުން ހިދުމަތްދިނުން އޮންލައިން ޕްލެޓްފޯމްތަކަށް ވަނީ ބަދަލުކޮށްފައެވެ.