ވިޔަފާރި

ރިސޯޓްތަކުގެ 56 އިންސައްތަ މުވައްޒަފުން ވެކްސިންގެ 2 ޑޯޒް ފުރިހަމަކޮށްފި


ރިސޯޓްތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ ތެރެއިން 56 އިންސައްތަ މުވައްޒަފުން ވެކްސިންގެ 2 ޑޯޒް ފުރިހަމަކޮށްފައިވާކަމަށް ޓޫރިޒަމް މިނިސްޓްރީން ހާމަކޮށްފިއެވެ.

ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ މީހުންނަކީ ރާއްޖެ އަންނަ ފަތުރުވެރިންނާއި އެންމެ ގާތުން މަސައްކަތްކުރާ ބަޔަކަށްވުމުން ވެކްސިން ޕްރޮގްރާމް ފެށުމާއެކު ޚާއްސަ ސަމާލުކަމެއް މިސިނާއަތަށް ވަނީ ދީފައެވެ. އެގޮތުން ރާއްޖޭގައި ކޯވިޑް ވެކްސިން ދިނުމުގެ ޤައުމީ ޕްރޮގްރާމް ފެށިތާ، ތިން ދުވަހުގެ ތެރޭގައި ފަތުރުވެރިކަމުގެ ދާއިރާގެ ފްރަންޓްލައިންގައި މަސައްކަތްކުރާ މުވައްޒަފުންނަށް ވެކްސިން ދޭންވަނީ ފަށާފައެވެ.

ރާއްޖޭގައި ކޯވިޑް ވެކްސިން ދިނުމުގެ ޤައުމީ ޕްރޮގްރާމް ފެށީ، މިދިޔަ ފެބްރުއަރީ މަހުގެ 1 ވަނަ ދުވަހުއެވެ.

ޓޫރިޒަމް މިނިސްޓްރީން ވިދާޅުވީ ރިސޯޓް މުވައްޒަފުންގެ ތެރެއިން 97 އިންސައްތަ މުވައްޒަފުންނަށް މިހާރު ވެކްސިންގެ ފުރަތަމަ ޑޯޒް ދީފައިވާ ކަމަށެވެ. އަދި ކޯވިޑުން ރައްކާތެރިވުމަށް ރާއްޖެއިން އަޅާފައިވާ ފިޔަވަޅުތަކާއެކު ރާއްޖޭގައި ފަތުރުވެރިންނަށް ޙިދުމަތްދޭ ތަންތަނަކީ ރައްކާތެރި މަންޒިލްތަށްކަމަށް ޓޫރިޒަމް މިނިސްޓްރީން ވިދާޅުވެއެވެ.

ވެކްސިން ޖަހާފައިވާ ބަޔަކު އުޅޭ މަންޒިލަކަށް ރާއްޖެ ހެދުމަށް "އަހަރެން ވެކްސިން ޖަހައިފިން" ނުވަތަ "އައިއޭމް ވެކްސިނޭޓެޑް"ގެ ނަމުގައި ކެމްޕެއިނެއްވެސް ވަނީ ޓޫރިޒަމް މިނިސްޓްރީން ވަނީ ފަށާފައެެވެ.

މި ކެމްޕެއިނަކީ މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން، އެމްއެމްޕީއާރުސީ އާއި ޓޫރިޒަމް މިނިސްޓްރީ ގުޅިގެން ފަށާފައިވާ ކެމްޕެއިނެކެވެ. މިިިކެެމްޕެއިންގެ މަޤްސަދަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ހުރިހާ ފަރާތްތަކަށް ވެކްސިން ޖަހައި މުޅި ދުނިޔޭންވެސް އެންމެ ފުރަތަމަ "ފުލީ ވެކްސިނޭޓެޑް" ޓޫރިޒަމެއް ޤާއިމްކުރާ ޤައުމަށް ރާއްޖެ ހެދުމެވެ.

އައިއޭމް ވެކްސިނޭޓެޑް ކެމްޕެއިމް ޕްރޮމޯޓްކުރުމަށް ވެކްސިން ފުރިހަމަކުރުމުން ވިޒިޓް މޯލްޑިވްސް ވެބްސައިޓްގައި ޤާއިމްކޮށްފައިވާ މައިކްރޯސައިޓުން، ފަތުރުވެރިކަމުގެ ދާއިރާގައި ވެކްސިން ފުރިހަމަކުރާ ރިސޯޓް، ގެސްޓްހައުސް އަދި ސަފާރީ ފަދަ ތަންތަނުގެ މައުލޫމާތާއި ފޮޓޯ ގެނެސްދޭނެއެވެ.