ޚަބަރު

ޣައްޒާ މީހުން ތިބީ 15 އަހަރުވީ އެކަހެރިކަމެއްގައި، އެއީ ބަލައިގަނެވޭނެ ކަމެއް ނޫން - ޝާހިދު


ކޯވިޑް-19ގެ ޙާލަތާއެކު "އެކަހެރިވުން" މި ލަފްޒު އާންމުވެފައިވީ ނަމަވެސް ފަލަސްޠީނުގެ ޣައްޒާގެ 2 މިލިއަނަށްވުރެ ގިނަ ރައްޔިތުން ގަދަބާރުން ދުނިޔެއާއި އެކަރިކޮށްފައިވާތާ 15 އަހަރަށްވުރެ ގިނަ ދުވަސް ވެފައިވާ ކަމަށް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ފަލަސްތީނުގެ މައްސަލައާއި މެދުއިރުމަތީގެ ހާލަތާ ބެހޭ ގޮތުން ބޭއްވި އދގެ އާއްމު މަޖިލީހުގެ ބަހުސްގައި ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދުވަނީ ފަލަސްޠިނުގެ ރައްޔިތުން ތަޙައްމަލް ކުރަމުންދާ އެކަހެރިކަމުގެ ފާރަކީ ދުނިޔޭގެ އެންމެ ހާމަކަން ބޮޑު ޖަލުކަމުގައި ސިފަކުރައްވާފައެވެ.

އިސްރާޢީލުން ފަލަސްތީނަށް ދެމުންގެންދާ އިންސާނިއްޔަތާ ޚިލާފު ހަމަލާތައް ރާއްޖެއިން ކުށްވެރިކުރާ ކުރުން ތަކުރާރުކުރައްވައި ފޮރިން މިނިސްޓަރވަނީ، ފަލަސްތީނުގެ ރައްޔިތުން ބަންދުވެފައިވާ ކޮށްޓަކީ 14 ކިލޯމީޓަރު ދިގު މިނުގައި ހުންނަ އަދި 12 ކިލޯމީޓަރު ފުޅާމުނުގައި ހުންނަ ހާމަކަން ބޮޑު ޖަލެއްގެ ގޮތުގައި ސިފަކުރައްވާފައެވެ. ހަމައެއާއެކު، ވޭތުވެދިޔަ ހަތް ޤަރުނުގައި ފަލަސްތީނަށް ކުރިމަތިވެފައިވާ މައްސަލައާއި ގުޅިގެން އެތަކެއް މަޝްވަރާތަކާއި ބައްދަލުވުންތައް ބޭއްވުނު އިރު، އެކަމަށް އެދެވިގެންވާ ހައްލެއް ލިބިފައިނުވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އަދި ވޭތުވެދިޔަ ހަފްތާތަކުގައި އިސްރާއީލުން ފަލަސްތީނަށް ދެމުން ގެންދާ ލާއިންސާނީ ހަމަލާތައް ހަރުކަށި އިބާރާތުން ކުށްވެރިކުރަށްވާ މިނިސްޓަރ ވިދާޅުވީ، ކުށެއްނެތް އަންހެނުންނާއި ކުޑަކުދިން މަރަމުން ދާއިރު، މިހާތަނަށް މައުސޫމު 60 ކުޑަކުދިން ޝަހީދުކޮށްފައިވާކަމަށާއި އެތަކެއް އަންހެނުންނާއި ފިރިހެނުން ނުޙައްޤުން ބޮމުގެ ހަމާލާތަކުގައި ޝަހީދުވެފައިވާ ކަމަށެވެ. އަދި މިއީ އެއްވެސް ޙާލެއްގައި ބަލައިގަނެވޭނެ އަމަލެއް ނޫންކަމަށާއި ފަލަސްޠީނުގެ ރައްޔިތުން އެމީހުންގެ ވަޒަނުގައި ހަމަޖެހިގެން ރައްކާތެރިކަމާއެކު އުޅުމުގެ ޙައްޤު އެމީހުންނަށް ލިބިގެންވާކަމަށެވެ.

އަދި މުސްލިމުންގެ އެންމެ މާތް މައްސަރުކަމުގައިވާ ރަމަޟާންމަހުގެ ފަހުދިހައިގައި ފަލަސްޠީނުގެ ރައްޔިތުންނާއި މަސްޖިދުލް އަޤްސާއަށް އަމާޒުކޮށް އިސްރާއީލުން ދެމުންގެންދިޔަ ހަމަލާތަކަކީ އިންސާނިއްޔަތާއި ޚިލާފު ޖަރީމާއެއް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި މިހަމަލާތައް ވަގުތުން ވަގުތަށް ހުއްޓާލުމަށް ވެސް މިނިސްޓަރ ގޮވާލައްވާފައިވެއެވެ.

އަދި ފަލަސްތީނުގެ ރައްޔިތުންނަށް ކާނާއާއި އަންނައުނާއި ބޯހިޔާވަހިކަމާއި ކަރަންޓާއި ސިއްޙީ އެހީތެރިކަމާއި ކޯވިޑުން ރައްކާތެރިވުމަށް ބޭނުންވާ އާލާތްތައް މިހިނދުން މިހިނދަށް ފޯރުކުރެވޭނެ މަގުތައް ފަސޭހަކުރުމަށްވެސް މިނިސްޓަރގެ ވާހަކަފުޅުގައި އެދިވަޑައިގެންފައިވެއެވެ.

ފަލަސްތީންގެ ރައްޔިތުންނަށް ނުހައްޤުން ލިބެމުންދާ އަނިޔާތައް ހުއްޓުވުމަށް ހުރިހާ ޤައުމުތަކަކުން އެއްބާރުލުން ދިނުމަށާއި، ހުރިހާ ޤައުމުތަކަކުން މިކަށް އެއްބައިވެ، އެއް ގަލަކަށް އަރައި، މި މައްސަލައަށް ހައްލެއް ހޯދުމަށް މަޝްވަރާކޮށް އިންސާނީ ޙައްޤުތައް ފަލަސްތީނުގެ ރައްޔިތުންނަށް ހޯދައިދިނުމަށް މިނިސްޓަރގެ ވާހަކަފުޅުފައި އެދިވަޑައިގެންނެވިއެވެ.