ޚަބަރު

ވެކްސިން ހޯދުމަށް ނޭޕާލާއި ބަންގްލަދޭޝުން ގިނަ މަސައްކަތްތަކެއް ކުރަނީ


އިންޑިޔާއިން ކޯވިޑް-19ގެ ވެކްސިން ބޭރުކުރުން މެދުކަނޑައިލުމުން ވެކްސިންގެ ޑޯޒުތައް ހުސްވާން ގާތްވެ، ޢާންމުންނަށް ވެކްސިން ދިނުމަށް ދަތިވުމުން އިތުރު ޑޯޒުތަކެއް ހޯދުމަށް ބޭރުގެ ޤައުމުތަކާއެކު ނޭޕާލާއި ބަންގްލަދޭޝުން މަޝްވަރާކުރަން ފަށައިފިއެވެ.

އިންޑިޔާގައި ކޯވިޑް-19ގެ ނުރައްކާތެރި ރާޅެއް ފެތުރެމުންދާ ދަނޑިވަޅެއްގައި އަމިއްލަ ޤައުމުގެ ރައްޔިތުންނަށް ވެކްސިން ކަށަވަރުކުރުމުގެ ގޮތުން ޤައުމުން ބޭރަށް ވެކްސިން ފޮނުވުންވަނީ މެދުކަނޑާލައިފައެވެ. އޭގެ ސަބަބުން ގިނަ ޤައުމުތަކަކަށްވަނީ ވެކްސިން ލިބުމުގައި ދަތިތަކެއް ކުރިމަތިވެފައެވެ. ޤައުމުތަކަށް ހަމަހަމަކަމާއެކު ވެކްސިން ފޯރުކޮށްދިނުމަށް ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާ، ޑަބުލިޔުއެޗުއޯއިން އިސްވެ ޤާއިމުކޮށްފައިވާ ކޮވެކްސް މަޝްރޫޢުގެ ދަށުން ފަޤީރު ޤައުމުތަކަށް ވެކްސިން ފޯރުކޮށްދިނުމަށްވެސް ބޮޑެތި ގޮންޖެހުންތަކެއްވަނީ ކުރިމަތިވެފައެވެ. އިންޑިޔާއިން އެންމެ އަވަހަށްވެސް ވެކްސިން ލިބޭނެކަމަށް ބެލެވެނީ އޮކްޓޯބަރު މަހުގެ ފަހުންނެވެ.

ބަންގްލަދޭޝުންވަނީ އެސްޓުރަޒަނެކާގެ ޚާއްޞަ ޙުއްދައެއްގެ ދަށުން އިންޑިޔާގެ ސީރަމު އިންސްޓިޓިއުޓުން އުފައްދައި ކޮވިޝީލްޑު ވެކްސިންގެ 30 މިލިޔަން ޑޯޒު ގަތުމަށް އެއްބަސްވެފައެވެ. ނަމަވެސް އެއްބަސްވުމުގެ ދަށުން މިހާތަނަށް ލިބިފައިވަނީ 7 މިލިޔަން ޑޯޒެވެ. ބަންގްލަދޭޝުގެ ޢާންމުންނަށް ވެކްސިން ދިނުމަށް އެ ޤައުމުން ބަރޯސާވަނީ އިންޑިޔާއަށެވެ. އެ ޤައުމުގެ 170 މިލިޔަން މީހުންގެ ތެރެއިން މިހާތަނަށް ވެކްސިން ދީފައިވަނީ އެންމެ 2 އިންސައްތަ މީހުންނަށެވެ.

ބަންގްލަދޭޝުން ބުނީ އެ ޤައުމުގައި އެސްޓުރަޒެނެކާ ވެކްސިންގެ ފުރަތަމަ ޑޯޒު ޖަހާފައިވާ މީހުންނަށް ދެވަނަ ޑޯޒު ދިނުމަށް ވެކްސިންގެ 1.6 މިލިޔަން ޑޯޒު ވީހާވެސް އަވަހަށް ހޯދުމަށް ބޭނުންވާކަމަށެވެ. އެކަމުގައި އެހީތެރިވުމަށް ކެނެޑާއާއި އެމެރިކާ ހިމެނޭގޮތަށް އެކި ޤައުމުތަކުގައި އެދިފައިވާނެކަމަށް އެ ޤައުމުން ބުނެއެވެ. ބަންގްލަދޭޝުގެ ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކެނެޑާއިން ވެކްސިންގެ 2 މިލިޔަން ޑޯޒު ހޯދުމަށް އެދިފައިވާނެކަމަށެވެ. އަދި ދުނިޔޭގެ އެކި ޤައުމުތަކަށް ވެކްސިންގެ 60 މިލިޔަން ޑޯޒު ދޭނެކަމަށް ބުނެފައިވާ އެމެރިކާއިން 4 މިލިޔަން ޑޯޒު ހޯދުމަށްވެސް ބަންގްލަދޭޝުން ދަނީ މަސައްކަތްކުރަމުންނެވެ.

ނޭޕާލުންވެސްވަނީ އިންޑިޔާއާއި ކޮވެކްސް މަޝްރޫޢުން ލިބުނު ވެކްސިން ބޭނުންކޮށްގެން މިދިޔަ ޖަނަވަރީ މަހުގެ ތެރޭގައި އެ ޤައުމުގެ ޢާންމުންނަށް ވެކްސިން ދޭން ފަށައިފައެވެ. އެ ޤައުމުންވެސްވަނީ ވެކްސިން ހުސްވެފައިވާކަމަށް ބުނެފައެވެ. ވެކްސިންގެ ދެވަނަ ޑޯޒްގެ އިންތިޒާރުގައި 1.55 މިލިޔަން މީހުން ތިބިކަމަށް އެ ޤައުމުން ބުނެއެވެ. ސީރަމު އިންސްޓިޓިއުޓު މެދުވެރިކޮށް ނޭޕާލުން ގަނެފައިވާ ވެކްސިންގެ 1 މިލިޔަން ޑޯޒު ލިބިފައިނުވާކަން ފާހަގަކޮށް، އިންޑިޔާއިން ވެކްސިން ބޭރުކުރުން ހުއްޓާލި ނަމަވެސް އެ ޤައުމުން ވެކްސިން ފޯރުކޮށްދޭނަކަމަށް އުންމީދުކުރާކަމަށް ނޭޕާލުގެ ސަރުކާރުންވަނީ ބުނެފައެވެ.