ދުނިޔެ

ފްރާންސާއިއެކު ޖާސޫސީ މައުލޫމާތު ހިއްސާކުރަން ތައްޔާރު- ސޫރިޔާ


ފަރަންސޭސިވިލާތުގެ ޕެރިހަށް ދިން ހަމަލާއަށް ފަހު
އެގައުމާއެކު ޖާސޫސީ މަޢުލޫމާތު ހިއްސާކުރުމަށް ތައްޔާރަށް އޮތް ކަމަށް ސޫރިޔާގެ
ރައީސް ބައްޝާރުލް އަސަދު ވިދާޅުވެއްޖެއެވެ. 



އެހެން ނަމަވެސް، މި ފަދަ މަޢުލޫމާތު
ފަރަންސޭސިވިލާތާ އެކު ހިއްސާކުރާނީ އެގައުމުން ސޫރިޔާއާ ދެކޮޅަށް ގެންގުޅޭ
ސިޔާސަތު އިސްލާހުކޮށްގެން ކަމަށް ވެސް ސޫރިޔާގެ ރައީސް ވިދާޅުވިއެވެ. 



ފަރަންސޭސި ނޫސް މަޖައްލާއަކަށް ދެއްވި
ބަސްދީގަތުމެއްގައި ވާހަކަ ދައްކަވަމުން ސޫރިޔާގެ ރައީސް ބައްޝާރުލް އަސަދު
ވިދާޅުވީ، ޓެރަރިޒަމްއާ ދެކޮޅަށް ހަނގުރާމަ ކުރުމަށް ބައިނަލްއަޤްވާމީ އިއްތިހާދެއް
އެކުލަވާލުމަށް ސޫރިޔާއިން ތަކުރާރުކޮށް ގޮވާލާފައިވާ ކަމަށެވެ. 

އެހެން ނަމަވެސް މި
ގޮވާލުންތަކަށް އިޖާބަ ނުދީ ފަރަންސޭސިވިލާތުން ކުރިއަށް ދާނަމަ އެގައުމާއެކު
މަޢުލޫމާތު ހިއްސާކުރުމަށް ސޫރިޔާއިން ބޭނުން ނުވާ ކަން އަސަދު ފާހަގަކުރެއްވިއެވެ.



ހުކުރު ދުވަހުގެ ރޭ ޕެރިހުގައި ދިން ހަމަލާގެ ޒިންމާ
ސޫރިޔާއާ އިރާޤުގައި ހަރަކާތްތެރިވާ އައި.އެސް ޖަމާޢަތުން ނެގި ފަހުން،
ފަރަންސޭސިވިލާތުން ވަނީ ސޫރިޔާގައި ހުންނަ އައި.އެސްގެ އަމާޒުތަކަށް ދޭ
ހަމަލާތައް ވަރުގަދަކޮށްފައެވެ.