ޚަބަރު

ހަރުކަށި ފިކުރާދެކޮޅަށް ހިންގާ އޮޕަރޭޝަނުގައި ހުޅުމާލެއިންވެސް މީހަކު ހައްޔަރުކޮށްފި


ހަރުކަށި ފިކުރާ ދެކޮޅަށް ފުލުހުން ހިންގަމުންދާ އޮޕަރޭޝަންގެ ތެރެއިން ހުޅުމާލެއިން މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ ހުޅުމާލެއިން މިއަދު ހައްޔަރުކުރީ ދިވެހި ފިރިހެނެއްކަމަށެވެ. ފުލުހުން ކުރިއަށްގެންދާ އޮޕަރޭޝަންގައިވަނީ އައްޑޫސިޓީންވެސް ބަޔަކު ހައްޔަރުކޮށްފައެވެ. މިމަހުގެ 15 ވަނަ ދުވަހު އައްޑޫގައި ސަލާމަތީ ބާރުތަކުން ހިންގި އޮޕރޭޝަންތަކެއްގައި 9 މީހަކު ވަނީ ހައްޔަރުކޮށްފައެވެ.

މިމަހުގެ 6 ވަނަދުވަހުގެ ރޭ އެއްޗެއް ގޮއްވާލާ ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާއާއި ގުޅިގެން ސަލާމަތީ ބާރުތަކުން ރާއްޖޭގެ އެކި ސަރަހައްދުގައި އަންނަނީ ހަތިޔާރާއެކު ހަރަކާތްތެރިވަމުންނެވެ.

ފުލުހުން ވިދާޅުވީ އައްޑޫ ސިޓީން ހައްޔަރުކުރި މީހުންނަކީ ހަރުކަށި ފިކުރަށް ތަބާވާ ބައެއްކަމަށެވެ. އަދި މި މީހުންނަކީ ބޮމާއި ހަތިޔާރު އުފެއްދުމުގައި އުޅޭ ބައެއްކަމަށްވެސްވަނީ ވިދާޅުވެފައެވެ.