ވިޔަފާރި

ސްޕެއިންއިން ރާއްޖެއަށް އަންނަ ފަތުރުވެރިން އިތުރުކުރުމުގެ މަސައްކަތް ފިތޫރު ފެއާގައި


ދުނިޔޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި އެންމެ ފާހަގަކޮށްލެވޭ ފެއާތަކުގެ ތެރޭގައި ހިމެނޭ ފިތޫރު ފެއާގައި ރާއްޖެއިން ބައިވެރިވެއްޖެއެވެ.

ފިތޫރު ފެއަރ ކުރިއަށްދަނީ ސްޕެއިންގެ ވެރިރަށް މެޑްރިޑްގައި މިމަހުގެ 19އިން 23އަށެވެ. މި ފެއާގައި މޯލްޑިވްސް މަރކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯރޕަރޭޝަން، އެމްއެމްޕީއާރުސީއާއި އެކު ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ 9 ފަރާތުންވަނީ ބައިވެރިވެފައެވެ.

މިއަހަރުގެ ފިތޫރު ފެއާގައި 165 ޤައުމަކުން 11040 ކުންފުންޏަކުންވަނީ ބައިވެރިވެފައެވެ. އަދި މިފެއާއަށް މިއަހަރު ފަތުރުވެރިކަމުގެ ދާއިރާގެ 150089 މީހުން ޒިޔާރަތްކުރާނެ ކަމަށް ވަނީ ލަފާކޮށްފައެވެ. އަދި އާއްމުންގެ 111089 މީހުން މިއަހަރުގެ ފެއާއަށް ޒިޔާރަތްކުރާނެ ކަމަށް ފެއަރ އިންތިޒާމްކުރާ ފަރާތުންވަނީ ލަފާކޮށްފައެވެ.

މި ފެއާގައި ފަތުރުވެރިކަމުގެ ސިނާއަތުގައި ޙަރަކާތްތެރިވާ އިސް ފަރާތްތަކާ ބައްދަލުކޮށް، ސްޕެއިން މާކެޓްގެ އިތުރުން އެހެނިހެން މާކެޓްތަކުގައި ރާއްޖެ އިތުރަށް އިޝްތިހާރުކުރުމަށްޓަކައި މަޝްވަރާ ކުރެވިގެން ދާނެއެވެ.
ސްޕެއިންއަކީ ރާއްޖޭގެ ފަތުރުވެރިކަމަށް މުހިންމު މާކެޓެކެވެ. ކޯވިޑާއި ގުޅިގެން އެޤައުމުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދުވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ. އެހެން ނަމަވެސް ޔޫރަޕްގެ ގިނަ ޤައުމުތަކުގައި މިހާރު ދަތުރުފަތުރުކުރުމުގައި ލުއިތައް ދެމުންދާއިރު، މިފަދަ ފެއާތަކުގައި ރާއްޖެއިން ބައިވެރިވެ، ރާއްޖޭގެ ފަތުރުވެރިކަން އެ ސަރަޙައްދުތަކުގައި އިޝްތިހާރުކުރުން މުހިންމެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން 2019ވަނަ އަހަރު ރާއްޖެއަށް 12ވަނައަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ސްޕެއިން އިންނެވެ. އެގޮތުން އެއަހަރުތެރޭ ސްޕެއިންއިން ރާއްޖެއަށް 36064 ފަތުރުވެރިންވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ. މިއީ 2018ވަނަ އަހަރާއި އަޅާ ބަލާއިރު 13 އިންސައްތަ އިތުރު އަދަދެކެވެ.