ދުނިޔެ

އެއާރ ޕްރާންސްގެ ދެ މަތިންދާ ބޯޓެއް ކުއްލި ހާލަތުގައި ޖައްސައިފި


އެމެރިކާގެ ވޮޝިންޓަނާއި، ލޮސްއެންޖެލިސް އިން، ފަރަންސޭސިވިލާތުގެ ޕެރިހަށް ދަތުރުކުރަމުން ދިޔަ ފްރާންސް އެއަރގެ މި ދެ މަތިންދާ ބޯޓެއްގައި ބޮމެއް ހަރުކޮށްފައިވާ ކަމުގެ އިންޒާރު ލިބިގެން މި ދެ
މަތިންދާ ބޯޓު ޖައްސާ، އޭގައި ތިބި މީހުން
ރައްކާތެރި ހިސާބުތަކަށް ގެންގޮސްފައިވެއެވެ.



ވޮޝިންޓަނުން ނައްޓާލައިގެން ޕެރިހަށް
ދަތުރުކުރަމުން ދިޔަ އެޔަރ ފްރާންސްގެ ފްލައިޓް އޭ.އެފް.ފައިވް.ފައިވް ވަނީ
ކެނެޑާގެ ހެލިފެކްސްގެ ބައިނަލްއަޤްވާމީ ވައިގެ ބަނދަރުގައި ޖައްސާފައެވެ.



މި ބޯޓުން 289 މީހުން ދަތުރުކުރަމުން ދިޔަ ކަމަށް
ރިޕޯޓްތައް ބުނެއެވެ.



އަނެއްކޮޅުން ލޮސްއެންޖެލިސްއިން ނައްޓާލައިގެން
ޕެރިހަށް ދިޔަ މަތިންދާ ބޯޓު ޖައްސާފައިވަނީ އެމެރިލާގެ ސޯލްޓް ލޭކް ސިޓީގެ
ބައިނަލްއަޤްވާމީ ވައިގެ ބަނދަރުގައެވެ. މި ބޯޓުން ދަތުރުކުރަމުން ދިޔަ 400 އަށް ވުރެ
ގިނަ މީހުން މިހާރު ރައްކާތެރި ހިސާބުތަކަށް ގެންގޮސްފައިވާ ކަމަށް މަޢުލޫމާތު
ލިބެއެވެ.

މި ދެ ބޯޓުން ވެސް ގޮވާ ޒާތުގެ އެއްވެސް އެއްޗެއް ފެނުނު ކަމުގެ މަޢުލޫމާތު ލިބިފައި ނުވާ އިރު، މި ދެމަތިންދާ ބޯޓު ހައިޖެކްކޮށް ގޮއްވާލާނެ ކަމުގެ އިންޒާރު ލިބިފައިވާ ކަން ކަށަވަރުކޮށް ފްރާންސް އެޔަރ އިން ވަނީ ބަޔާނެއް ނެރެފައެވެ.