ޚަބަރު

ކޯވިޑް-19 : މިއަދު މީހަކު މަރުވެ، މިމަހުގެ މިހާތަނަށް 40 މަރު


ކޯވިޑް-19 ޖެހިގެން ރާއްޖޭގައި އިތުރު މީހަކު ނިޔާވެއްޖެއެވެ. މިއާއެކު މިމަހުގެ މިހާތަނަށް 40 މީހަކު ރާއްޖެއިންވަނީ ނިޔާވެފައެވެ.

އެޗްޕީއޭއިން މަޢުލޫމާތު ދެއްވި ގޮތުގައި ރޭ ދަންވަރު 2.00 ގައި ނިޔާވެފައިވަނީ ލ.ކޯވިޑް މެނޭޖްމަންޓް ފެސިލީޓީގައި ފަރުވާދެމުންދިޔަ 36 އަހަރުގެ ނޭޕާލް ފިރިހެނެއް ކަމަށެވެ. މިއާއެކު މިބަލީގައި ރާއްޖެއިން ނިޔާވި މީހުންގެ އަދަދުވަނީ 113 އަށް އަރާފައެވެ.

މިބަލި ޖެހިގެން މަރުވާ މީހުންގެ ޢަދަދު އިތުރުވާން ފަށާފައިވާއިރު، މިއަދު ނިޔާވި މީހާއާއެކު މިމަހުގެ މިހާތަނަށް 40 މީހަކު މިބަލީގައިވަނީ ނިޔާވެފައެވެ. ރާއްޖޭގައި މި ބަލީގައި ނިޔާވި މީހުންގެ ތެރެއިން 98 މީހުންނަކީ ދިވެހިންނެވެ. އަދި 15 މީހުންނަކީ ބިދޭސީންނެވެ.

ކޯވިޑް ބަލީގައި އިއްޔެ އެކަނިވެސް ރާއްޖެއިން 7 މީހުންވަނީ ނިޔާވެފައެވެ. މީގެ ތެރޭގައި ހިމެނެނީ 6 ދިވެހިންނާއި އިންޑިޔާ މީހެކެވެ.

ރާއްޖެއިން ކޯވިޑް-19ގައި މިމަހު އެކަނިވެސް 40 މީހަކު ނިޔާވެފައިވާއިރު، އޭގެތެރެއިން ގިނަ މީހުންނަކީ ކޯވިޑް-19އިން ދިފާޢުވުމަށް އެއްވެސް ވެކްސިނެއް ޖަހާފައިނުވާ މީހުން ކަމަށް ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ)އިންވަނީ ވިދާޅުވެފައެވެ.
އެޗްއީއޯސީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ.ނަޒްލާ މުސްޠަފާ ވިދާޅުވީ، މިހާތަނަށް ނިޔާވި މީހުންގެ ތެރެއިން %20 މީހުން ވެކްސިންގެ އެއް ޑޯޒް ޖަހާފައިވާކަމަށާ، ދެ ޑޯޒް ޖަހާފައިވަނީ %12 މީހުންކަމަށެވެ. ޑރ.ނަޒްލާ ވިދާޅުވީ، ރާއްޖޭގައި ކޯވިޑްގައި ނިޔާވި މީހުންގެ ތެރެއިން %80 މީހުންނަކީ ޢުމުރުން 60 އަހަރުން މަތީގެ މީހުންކަމަށެވެ. އަދި %17 މީހުންނަކީ 60 އަހަރުން ދަށުގެ މީހުންނެވެ.

އެޗްޕީއޭއިން އާއްމުކުރި ހިސާބުތަކަށް ބަލާއިރު ކޯވިޑް ކޭސްތަކެއް ފެނި ރާއްޖޭގެ 61 ރަށަކަށް އަރާ ފޭބުން މިވަގުތުވެސް އޮތީ މަނާކޮށް މޮނީޓަރިންގެ ހާލަތުގައެވެ. ކޯވިޑް ކޭސްތަކުގައި އެންމެ ހާލަތު ގޯހީ ވެރިރަށް މާލެ ސަރައްހަދުގައެވެ. މާލޭ ސަރަހައްދުން އިއްޔެވެސް 1،187 މީހުންވަނީ ޕޮޒިޓިވްވެފައެވެ. ކޯވިޑްގެ ނުރައްކާ ރާއްޖޭގައި ބޮޑުވެ ބަލިފެތުރުން އިންތިހާއަށް އިތުރުވެފައިވާއިރު، މިހާރު މިބައްޔަށް ފަރުވާދޭ މީހުންގެ ޢަދަދު 18،000 އަށްވުރެ މައްޗަށް ގޮސް، 274 މީހަކަށް އެޑްމިޓްކޮށްގެން އަންނަނީ ފަރުވާދެމުންނެވެ.

ބަލިން ރައްކާތެރިވުމަށް މާލޭ ސަރަހައްދުގައި އަޅާފައިވާ ހަރުދަނާ ފިޔަވަޅުތައް މިމަހުގެ 25 ގެ ނިޔަލަށް އެޗްޕީއޭއިން ވަނީ އިތުރުކޮށްފައެވެ.