މުނިފޫހިފިލުވުން

ޝާހިދު ކަޕޫރުގެ އައު ފިލްމެއް 'ކަހާނީ' ގެ ޑައިރެކްޓަރާއެކު


މިއަހަރަކީ އެކްޓަރ ޝާހިދު ކަޕޫރުގެ ގިނަ ފިލްމުތަކެއް ފެންނާނެ އަހަރަކަށް ވެގެންދާނެއެވެ. މިގޮތުން ފިލްމު "ޕަދްމާވަތު" އަދި "ކަބީރު ސިންގް" ގެ ކާމިޔާބަށްފަހު ޝާހިދު ވަނީ ތެލުގޫ ފިލްމު "ޖާރޒީ" ގެ ރީމޭކްވެސް ނިންމާލައިފައެވެ. ސްޕޯރޓްސް ޑްރާމާ އަކަށް ހަދާ މި ފިލްމު އަންނަ ދިވާލީގައި ރިލީޒް ކުރަން މިހާރު ވަނީ ނިންމާފައެވެ. "ޖާރޒީ" އަށްފަހު ޝާހިދުގެ ދެން ކުރިއަށް އޮތް ފިލްމުގެ ޝޫޓިންގްތައް ގޯއާގައި ފެށުމަށް މިހާރު ވަނީ ތައްޔާރުވެފައެވެ.

ފިލްމު "ކަހާނީ" އަދި "ބަދްލާ" ގެ ޑައިރެކްޓަރ ސުޖޯއީ ގޯޝްއާއެކު ޝާހިދު އަނެއްކާވެސް ފިލްމެއްގެ މަސައްކަތް ފަށަން ތައްޔާރުވާކަމަށް ޚަބަރުތައް ބުނެއެވެ. މި ފިލްމުގެ ވާހަކަ ސުޖޯއީ އާއި ޝާހިދު ދައްކާތާ ދުވަސްކޮޅެއްވެއްޖެކަމަށާއި ފިލްމުގެ ސްކްރިޕްޓާއި މެދު ޝާހިދު ހިތްހަމަޖެހި މިހާރު ފިލްމު ކުޅެން ޝާހިދު އެއްބަސްވެފައިވާ ކަމަށްވެސް ޚަބަރުތައް ބުނެއެވެ.

ފިލްމުގެ ޕްރޮޑިއުސަރަކީ ކާކުކަމާއި އަދި ވާހަކައަކީ ކޮންކަހަލަ ވާހަކައެއްކަން ހާމަކޮށްފައި ނުވިނަމަވެސް ސުޖޯއި އަކީ ތްރިލަރ ފިލްމުތައް ހެދުމަށް މަޝްހޫރު ޑައިރެކްޓަރެއްކަމުން މި ފިލްމުވެސް ބިނާ ވެފައި އޮންނާނީ ތްރިލަރ އެއްގެ މައްޗަށްކަމަށް ގިނަ ފަރާތްތަކުން ދެކެއެވެ.

ސުޖޯއީގެ މި ފިލްމަށްފަހު ރާކޭޝް އޮމްޕްރަކާޝް މެހެރާ ޑައިރެކްޓް ކުރާ ފިލްމު "ކަރްނާ" އިންވެސް ޝާހިދު ފެނިގެންދާނެއެވެ. "ޖާރޒީ" އަށްފަހު ރަގަޅު ސްކްރިޕްޓަކަށް ޝާހިދު މަޑުކުރާތާ ދުވަސްކޮޅެއްވެއްޖެއެވެ. ސްކްރިޕްޓް ކަމުނޮގޮސްގެން ކަރަން ޖޯހަރްގެ ދެ ފިލްމެއް ޝާހިދު ވަނީ ދޫވެސްކޮށްލާފައެވެ.

މީގެ އިތުރުން އަޝްވިން ވަރްދޭގެ ފިލްމެއްގައި އިންޑިއާގައި ކުރިން ވެރިކަން ކުރި މީހެއްކަމުގައިވާ ޗަތްރާޕްރާތީ ޝިވާޖީ ގެ ރޯލު ކުޅުމަށްވެސް ޝާހިދަށްވަނީ އޮފަރ ކޮށްފައެވެ. ނަމަވެސް މުޅިން ފައިނަލް ކުރުމުގެ ކުރިން އަދިވެސް ސްކްރިޕްޓްގެ ފައިނަލް ޑްރާފްޓަށް ޝާހިދު މަޑުކުރާކަމަށް ޚަބަރުތައް ބުނެއެވެ.