ޚަބަރު

މުލާއާއި ހަމެލްސް އަލުން ޤައުމީ ޓީމަށް


އަންނަ މަހު ފަށާ ޔޫރޯ ފުޓްބޯޅަ މުބާރާތަށް ބަޔާން މިއުނިކްގެ ތަޖުރިބާކާރު ފޯވާޑް ތޯމަސް މުލާ އާއި ބުރޫޝިޔާ ޑޯޓްމުންޑުގެ ޑިފެންޑަރު މެޓްސް ހަމެލްސަށް ޖަރުމަނުގެ ޤައުމީ ޓީމުން ޖާގަ ލިބިއްޖެއެވެ.

އަންނަ މަހުގެ 11ވަނަ ދުވަހު ފަށާ ޔޫރޯގައި ޖަރުމަން ޓީމުން މުލާއާއި ހަމެލްސްއަށް އަލުން ކޯޗް ޔޯހިމް ލޯ މި ފުރުސަތު ދިނީ 2 އަހަރަށްފަހުއެވެ. މި ދެކުޅުންތެރިންނަކީ 2014 ވަނަ އަހަރު ވޯލްޑް ކަޕް ކާމިޔާބު ކުރި ޓީމުގައި ހިމެނުނު މުހިއްމު ދެ ކުޅުންތެރިންނެވެ.

މުލާއާއި ހަމެލްސްއަށް ޤައުމީ ޓީމުން ޖާގަ ގެއްލުނީ 2018 ގެ ވޯލްޑްކަޕްގެ ފުރަތަމަ ބުރުގައި ލަދުވެތި ގޮތަކަށް ޖަރުމަން މުބާރާތުން ކެޓި ހިސާބުންނެވެ. އޭގެފަހުން އެ އަހަރު ފަހުކޮޅު އޮތް ނޭޝަންސް ލީގުގައިވެސް ޖަރުމަނު ޓީމަކަށް މާ ރަނގަޅު ކުޅުމެއް ނުދެއްކުނެވެ.

އުމުރުން 31 އަހަރުގެ މުލާވަނީ މިއަހަރުގެ ޔޫރަޕް ސީޒަންގައި ބަޔާން މިއުނިކްގައި މޮޅު ކުޅުމެއް ދައްކާފައެވެ. މުލާވަނީ 11 ގޯލް ޖަހާ 18 ގޯލް ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައެވެ.

އުމުރުން 32 އަހަރުގެ ހަމެލްސްވަނީ ބުރޫޝިޔާ ޑޯޓްމުންޑްއާއެކު ޖަރމަން ކަޕް ކާމިޔާބުކޮށްފައެވެ. ހަމެލްސްވަނީ ޖަރުމަނަށް 70 މެޗުން 5 ގޯލް ކާމިޔާބުކޮށްދީފައެވެ.

މިއަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތަށްފަހު ޖަރުމަންގެ ގައުމީ ޓީމްގެ ކޯޗްކަމުން ލޯ ވަކިވާން ނިންމާފައިވާއިރު، ލޯވަނީ ޖަރުމަންގެ ގައުމީ ޓީމަށް 14 އަހަރު ކޯޗްކޮށްދީ ގިނަ ކާމިޔާބީތަކެއްވެސް ހޯދާދީފައެވެ. މިއަންނަ މަހުގެ 11 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ޖަރުމަން ލައްވާލާފައިވަނީ ގުރޫފް އެފްގައެވެ. މިގުރޫޕްގައި ހިމެނެނީ ހަންގޭރީ އާއި އެންމެ ފަހުގެ ޗެންޕިއަން ފްރާންސް އަދި ޕޯޗުގަލްއެވެ.