ޚަބަރު

އިސްރާއީލުން ޙައްޔަރުކުރި ފަލަސްޠީނުގެ ރައްޔިތުންގެ ހަތަރުބައިކުޅަ އެއްބަޔަކީ ކުޑަކުދިން


ފާއިތުވި ހަފުތާގެ ތެރޭގައި އިސްރާއީލުގެ އިސްތިޢުމާރީ ފައުޖުތަކުން ޙައްޔަރުކުރި ފަލަސްޠީނުގެ ރައްޔިތުންގެ ތެރެއިން ހަތަރު ބައިކުޅަ އެއްބަޔަކީ ކުޑަކުދިންކަމަށް އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާ ޖަމުޢިއްޔާތަކުން ބުނެފިއެވެ.

އިސްރާއީލުގައި ދިރިއުޅޭ ފަލަސްޠީނުގެ އެތައް ހާސް ރައްޔިތުން ދަނީ އިރުމަތީ ޤުދުސްގައި ދިރިއުޅޭ ފަލަސްޠީނުގެ ރައްޔިތުންގެ ގެދޮރު ޔަހޫދީން ގަދަކަމުން އަތުލާ މައްސަލައާއި ޣައްޒާއަށް ދެމުންދާ ޢުދުވާނީ ޙަމަލާތަކާ ދެކޮޅަށް މުޒާހަރާކޮށްފައެވެ. އެ މުޒާހަރާތަކުން އިސްރާއީލުގެ އިސްތިޢުމާރީ ސިފައިންވަނީ ފަލަސްޠީނުގެ 850 ރައްޔިތުން ޙައްޔަރުކޮށްފައެވެ. އޭގެ ތެރެއިން ހަތަރު ބައިކުޅަ އެއްބަޔަކީ 18 އަހަރު ނުފުރޭ ކުޑަކުދިންނެވެ. އިސްރާއީލުންވަނީ އިސްރާއީލުގެ ޕާސްޕޯޓު އޮންނަ ޢަރަބިންގެ 116 މީހަކާ ދެކޮޅަށްވެސް ދަޢުވާކޮށްފައެވެ. ޙައްޔަރުކޮށްފައިވާ ގިނަ ކުޑަކުދިންނާ ދެކޮޅަށް އުފުލާފައިވަނީ ގައު އުކުމުގެ ދަޢުވާއެވެ. އިސްރާއީލުގެ ޤާނޫނުގެ ދަށުން ގައު އުކުމަކީ ގިނަވެގެން 20 އަހަރުގެ ޖަލު ޙުކުމެއް އަންނަ ކުށެކެވެ.

ފަލަސްޠީނުގެ ރައްޔިތުންނަށް ފައުޅުގައި އަނިޔާކުރި އިސްރާއީލުގެ ކަނާތު ފިޔައިގެ 100 ޔަހޫދީން އެ ޤައުމުންވަނީ ދޫކޮށްލައިފައެވެ. އެ މީހުންނާ ދެކޮޅަށް އެއްވެސް ދަޢުވާއެއް އުފުލާފައެއް ނުވެއެވެ. ނަމަވެސް ފަލަސްޠީނުގެ ކުޑަކުދިން ޙައްޔަރުކޮށް އެ ކުދިންނާ ދެކޮޅަށް ދަޢުވާ އުފުލުމުގެ އިތުރުން މުޒާހަރާތަކުގައި ޙައްޔަރުކުރި ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށްވަނީ ބޮޑެތި ދަޢުވާތަކެއް އުފުލައިފައެވެ.

އަސްކަރީ ކޯޓުތަކުގައި ކުޑަކުދިންނާ ދެކޮޅަށް ދަޢުވާކޮށް ޝަރީޢަތްކުރާ ހަމައެކަނި ޤައުމަކީ އިސްރާއީލެވެ. އެ ޝަރީޢަތްތަކަކީ މިނިވަން އަދި އިންސާފުވެރި ޝަރީޢަތްތަކެއްތޯ ބެލޭނެ ޤާނޫނީ ނިޒާމެއްވެސް އެ ޤައުމުގައި ނޯވެއެވެ. އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކައިގޮތުގައި ފަލަސްޠީނުގެ 18 އަހަރު ނުފުރޭ 157 ކުދިން އިސްރާއީލުގެ ޖަލުތަކުގައި އެބަތިއްބެވެ. އެ ޤައުމުގެ އަސްކަރީ ކޯޓުތަކުގައި އަހަރަކު ގާތްގަނޑަކަށް 700އެއްހާ ފަލަސްޠީނުގެ ކުޑަކުދިންނާ ދެކޮޅަށް ދަޢުވާ ކުރެއެވެ.

އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާ ޖަމުޢިއްޔާތަކުން ބުނާ ގޮތުގައި ޙައްޔަރުކޮށްފައިވާ ކުޑަކުދިންނަށް އިސްރާއީލުގެ ލާއިންސާނީ ފުލުހުން ސުވާލުކުރަނީ އެ ކުދިން ކަނުބަނދެގެންނެވެ. އަދި އެ ކުދިން ކުށަށް އިޢުތިރާފުވުމަށް ފުލުހުން މަޖުބޫރުކުރުވާކަމަށްވެސް އެ ޖަމުޢިއްޔާތަކުން ބުނެއެވެ. ކުޑަކުދިންނަށް ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދުމުގެ ފުރުޞަތުވެސް ނުދެއެވެ. ގިނަ ކުދިން ބައިތިއްބަނީ އެހެން މީހުންނާ ވަކިން ކަނު އަނދިރީގައެވެ.

މީގެ ކުރިން ނެރެފައިވާ ރިޕޯޓުތަކުގައި އިސްރާއީލުން ބަންދުގައި ބައިތިއްބާ ފަލަސްޠީނުގެ ކުޑަކުދިންގެ ތެރެއިން 90 އިންސައްތަ ކުދިންނަށް ޖަލުތަކުގައި ބޮޑެތި ޖިސްމާނީ އަދި ނަފްސާނީ އަނިޔާތައް ދެމުންދާކަމަށްވަނީ ބުނެފައެވެ. ކުޑަކުދިންނަށް ޖަލުތަކުގައި އަނިޔާ ދޭކަމަކީ އެންމެންނަށްވެސް އެނގޭ ހަޤީޤަތަކަށްވި ނަމަވެސް މަޖުބޫރުކޮށްގެން ކުޑަކުދިންގެ ދުލުން ބޭރުކުރާ އިޢުތިރާފުތައް އިސްރާއީލުގެ ކޯޓުތަކުން ޤަބޫލުކުރެއެވެ.

ކޯވިޑް-19ގެ ސަބަބުން އިސްރާއީލުން ބަންދުކުރާ ކުޑަކުދިންނަށް ގިނަ ދަތިތަކެއް ދަނީ ކުރިމަތިވަމުންނެވެ. އިސްރާއީލުންވަނީ އެ ކުދިންނަށް ޒިޔާރަތްކުރުން މަނާކޮށްފައެވެ. އެ ކުދިންގެ ޢާއިލާއާ ވާހަކަދެއްކެނީ މަހަކު 1 ފަހަރު އެންމެ 10 މިނެޓަށްކަމަށް 2020ވަނަ އަހަރުގެ މެއި މަހުގެ ތެރޭގައި ކުޑަކުދިންގެ ޙައްޤުތަކަށް ވަކާލާތުކުރާ ޖަމުޢިއްޔާއެއްކަމަށްވާ ސޭވް ދަ ޗިލްޑުރަނުން ނެރުނު ރިޕޯޓެއްގައި ބުނެފައިވެއެވެ.

އދންވެސްވަނީ އިސްރާއީލުގެ ޖަލުތަކުގައި ބަންދުކޮށްފައިވާ ކުޑަކުދިން ދޫކޮށްލުމަށް ގޮވާލައިފައެވެ. އދން ބުނީ ބަންދުގައި ތިބި ގިނަ ކުޑަކުދިންނަކީ އެ ކުދިންނާ ދެކޮޅަށް އެއްވެސް ކުށެއް ސާބިތުނުވާ އަދި އެ ކުދިންނާ ދެކޮޅަށް އެއްވެސް ޝަރީޢަތެއްވެސް ނުކުރާ ކުދިންކަމަށެވެ. ކުޑަކުދިންގެ ރައްކާތެރިކަން ކަށަވަރުކުރުމަކީ ކޮންމެހެން ކުރަންޖެހޭކަމެއްކަމަށްވެސް އދންވަނީ ބުނެފައެވެ.