ކުޅިވަރު

ޖެނީވާ އޯޕަންގައި ފެޑެރަރ ކުޅުނު ފުރަތަމަ މެޗުން ބަލިވެއްޖެ


ޖެނީވާ އޯޕަން ޓެނިސް މުބާރާތުގައި ދުނިޔޭގައި އުފެދުނު އެންމެ މޮޅު އެއް ޓެނިސް ކުޅުންތެރިޔާ ކަމަށްވާ ރޮޖަރ ފެޑެރަރ ކުޅުނު ފުރަތަމަ މެޗުން ބަލިވެއްޖެއެވެ. މިއީ ގިނަ ދުވަސްތަކެއް ވަންދެން ކުޅުމާއި ދުރުގައި ހުރުމަށްފަހު އެނބުރި އައިސް ފެޑެރަރ ކުޅުނު ދެވަނަ މުބާރާތެވެ.

އުމުރުން 39 އަހަރުގެ ފެޑެރަރވަނީ މިއަހަރުގެ މާރޗްމަހު ބޭއްވި ޤަތަރު އޯޕަން ޓެނިސް މުބާރާތުގައިވެސް ވާދަކޮށްފައެވެ. ރޭ ކުޅުނު މެޗްގައި ފެޑެރަރ ބައްދަލުކޮށްފައިވަނީ ސްޕެއިންގެ ޕަބްލޯ އަންޑުޖާ އާއެވެ. މިމެޗްގެ ފުރަތަމަ ސެޓް ހައެއް ހަތަރަކުން އަންޑުޖާ ކާމިޔާބު ކުރި ނަމަވެސް ދެވަނަ ސެޓް ފެޑެރަރވަނީ ހަތަރެއް ހަޔަކުން ކާމިޔާބުކޮށްފައެވެ. އަދި ފަހު ސެޓްގައި ހަތަރު ގޭމް ދެ ގޭމްގެ ލީޑެއްވެސް ފެޑެރަރ ނެގިއެވެ. ނަމަވެސް އަންޑުޖާވަނީ ފަހު ހަތަރު ގޭމް ކާމިޔާބުކޮށް މެޗް ކާމިޔާބުކޮށްފައެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން ފެޑެރަރ ބުނީ އޭނާގެ ފަރާތުން މިއަށްވުރެ ރަނގަޅު ކުޅުމެއް ދެއްކޭނެކަމަށް އުންމީދު ކުރި ކަމަށެވެ. ނަމަވެސް މިމެޗްގައި ހީކުރިވަރަށް ނުކުޅެވުނުކަމަށް އޭނާ ބުންޏެވެ. ފެޑެރަރ ބުނީ އޭނާއަށް ޕްރެކްޓިސްގައި މިއަށްވުރެ ރަނގަޅަށް ކުޅެވޭކަމަށް ގަބޫލް ކުރެވޭކަމަށެވެ. ކުޅުމުގެ ތެރެއަށް އެނބުރި އާދެވެމުން ވަރަށް ހިތްހަމަ ޖެހުނު ނަމަވެސް މެޗަކުން މިގޮތައް ބަލިވުމުން މާޔޫސްކަން އިހްސާސް ކުރެވޭކަމަށެވެ. ފެޑެރަރ ޖެނީވާ އޯޕަންގައި ބައިވެރިވެފައިވަނީ މިމަހުގެ ފަހުކޮޅު ފެށުމަށް ހަމަޖެހިފައިވާ ފްރެންޗް އޯޕަންއަށް ތައްޔާރުވުމުގެ ގޮތުންނެވެ. ނަމަވެސް މިމެޗަށްފަހު އެމުބާރާތަށް ތައްޔާރުވުމަށްޓަކައި ގިނަ މަސައްކަތް ތަކެއް ކުރަންޖެހޭކަން ފެޑެރަރއަށް މިހާރުވާނީ އެނގިފައެވެ. ފެޑެރަރގެ މިއަހަރުގެ އަމާޒު ހިފާފައިވަނީ ގްރާސް ކޯޓް ސީޒަން ފެށެންވާއިރަށް ފިޓްވުމެވެ. އަދި މައިގަނޑު އަމާޒަކީ މިއަހަރުގެ ވިމްބަލްޑަން ޓެނިސް މުބާރާތުގައި ވާދަކޮށް ރަނގަޅު ކާމިޔާބީއެއް ހޯދުމެވެ.