ކުޅިވަރު

ބްރައިޓަން އާއި މެންޗެސްޓަރ ސިޓީ ބައްދަލުކުރިމެޗް ބްރައިޓަން ކާމިޔާބުކޮށްފި


އިންގްލިޝް ޕްރިމިއަރ ލީގުގައި ބްރައިޓަން އެންޑް ހޯވް އެލްބިއަން އާއި ލީގު ޗެމްޕިއަންކަން މިހާރު ހޯދާފައިވާ މެންޗެސްޓަރ ސިޓީ ބައްދަލުކުރިމެޗް ބްރައިޓަން ކާމިޔާބުކޮށްފިއެވެ. ބްރައިޓަންގެ ދަނޑުގައި އެޓީމްގެ ހަތްހާސް ފައްސަތޭކައެއްހާ ކުޅިބެލުންތެރިންގެ ކުރިމަތީ ކުޅުނު މިމެޗް އެޓީމް ކާމިޔާބުކުރީ ފަހަތުން އަރައި 3 ލަނޑު 2 ލަނޑުންނެވެ.

ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ބްރައިޓަންއެވެ. މީގެ އެންމެ ބޮޑު އެއް ސަބަބަކަށްވެގެންދިޔައީ މެޗްގެ 10 ވަނަ މިނެޓްގައި ސިޓީގެ ޖާއޮ ކަންސޭލޯއަށް ސީދާ ރަތްކާޑެއް ދެއްކުމަށްފަހު ދަނޑުން ފޮނުވާލުމުން މެޗްގެ ބޮޑުބައި ސިޓީއިން އެއް ކުޅުންތެރިއެއް މަދުކޮށް ކުޅެން ޖެހުމެވެ. މިމެޗްގެ ކުރީކޮޅު ސިޓީން ވަނީ އެޓީމުން އާންމުކޮށް ކުޅޭ މޮޅު ކުޅުން ދައްކާފައެވެ. މިގޮތުން މެޗްގެ 2 ވަނަ މިނެޓްގައި ސިޓީއިން ވަނީ ލަނޑެއް ޖަހާ ބްރައިޓަންގެ ސަޕޯޓަރުން ހަމަހިމޭން ކޮށްލާފައެވެ. މިލަނޑު އެޓީމަށް ޖަހައިދިނީ އިލްކާއި ގުންޑޮގާންއެވެ. އަދި މެޗްގެ 10 ވަނަ މިނެޓްގައި ކަންސޭލޯއަށް ރަތްކާޑު ދެއްކީ ބްރައިޓަންގެ ޑެނީ ވެލްބެކް އަށް ލަނޑު ޖެހުމުގެ ހުސް ފުރުސަތެއްގައި އެންމެ ފަހު ކުޅުންތެރިޔާއަށްވެ ހުރެ ފައުލް ކުރީކަމަށް ރެފްރީއަށް ގަބޫލް ކުރެވުމުންނެވެ. މިރަތްކާޑާއެކު ބްރައިޓަންއިން މެޗްގެ ކޮންޓްރޯލް އަތުލިއެވެ. އަދި މެޗްގެ ބާކީ އޮތްބައިގާ ސިޓީއިން ބޮޑަށް ބެލީ ފަހަތުގައި ތިބެފައި ލިބޭ ފުރުސަތުތަކުގައި ކުރިއަރާ ނުރައްކާ ކުރުމަށެވެ. މިމެޗްގައި އެއް ކުޅުންތެރިއެއް މަދުން ކުޅުނު ނަމަވެސް ދެންވެސް ފެނިގެންދިޔައީ ސިޓީގެ ލަނޑެކެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ 48 ވަނަ މިނެޓްގައި ފިލް ފޯޑަންއެވެ. މިލަނޑާއެކު މިމެޗުން ސިޓީ މޮޅުވެދާނެކަމަށް ހީވި ނަމަވެސް އޭގެ ދެމިނެޓްފަހުން ބްރައިޓަންގެ ލިއާންޑްރޯ ޓްރޮސާޑް ޖެހި ލަނޑާއެކު އެޓީމަށް އިތުރު ހިތްވަރެއް ލިބިގެންދިޔައެ ވެ. އަދި މެޗްގެ 72 ވަނަ މިނެޓްގައި ބްރައިޓަންގެ އެޑަމް ވެބްސްޓަރ ޖަހައިދިން ލަނޑުން މެޗްގެ ނަތީޖާ ހަމަހަމަވެގެންދިޔައެވެ. އަދި އޭގެ 4 މިނެޓްފަހުން މިމެޗުން ބްރައިޓަން މޮޅުވި ލަނޑު ޑެން ބަރން ކާމިޔާބުކޮށްދިނެވެ.

މިއީ 1989 ވަނަ އަހަރަށްފަހު ބްރައިޓަންއަށް ސިޓީގެ މައްޗަށް ކާމިޔާބީއެއް ހޯދުނު ފުރަތަމަ ފަހަރެވެ. މިމެޗުން މޮޅު ވުމުން ބްރައިޓަން މިހާރުވަނީ ކުޅުނު 37 މެޗުން ލިބިފައިވާ 41 ޕޮއިންޓާއެކު ތާވަލްގެ 15 ވަނައަށް ކުރިއަށް ޖެހިލާފައެވެ. މިމެޗުން ބަލިވި ނަމަވެސް ސިޓީއަށް މާ ބޮޑު އަސަރު ތަކެއް ނުކުރި ނަމަވެސް ސިޓީގެ ކޯޗް ޕެޕް ގާޑިއޯލާ މެޗަށްފަހު ބުނީ ސިޓީއިން ޗެމްޕިއަންސް ލީގު ކާމިޔާބު ކުރަން ބޭނުންވާކަމުގައިވާނަމަ އެޓީމްގެ ކުޅުން ރަނގަޅު ކުރަން ޖެހޭކަމުގައެވެ.