ކޯވިޑްއިން އަރައިގަތުމަށް ސަރުކާރުން ކުރާ މަސައްކަތަށް ހުސްވި ހަފްތާގައި 41.6 މިލިއަން ރުފިޔާ ޙަރަދުކޮށްފައިވާކަމަށް ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
ފިނޭންސް މިނިސްޓްރީން ޢާންމުކޮށްފައިވާ "ވީކްލީ ކޯވިޑް-19 ސްޕެންޑިން" ރިޕޯޓުގައިވާގޮތުން މިމަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް ކޯވިޑުގެ ހާލަތުން އަރައިގަތުމަށް ސިއްޙީ އަދި އިޖްތިމާޢީ މަސައްކަތްތަކަށް ވަނީ 1.7 ބިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފައެވެ. މިއީ ހުސްވި ހަފްތާގެ އަދަދާއި އަޅާ ބަލާއިރު 2.5 އިންސައްތަ އިތުރު އަދަދެކެވެ. އަދި އިކޮނޮމިކް ރެސްޕޮންސް ސްޕެންޑިންއަށް 1.7 ބިލިއަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ. މިއާއެކު މިހާތަނަށް 3.3 ބިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފައިވާކަމަށް ފިނޭންސް މިނިސްޓްރީން ޢާންމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
މިދިޔަ ހަފްތާގައި ޙަރަދުކުރި މިންވަރު އިތުރުވެފައި ވަނީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލަށެވެ. އެގޮތުން މިދިޔަ ހަފްތާގައި އެ ހޮސްޕިޓަލަށް ވަނީ 41.2 މިލިއަން ރުފިޔާ ޙަރަދުކޮށްފައެވެ.
ކޯވިޑުން އަރައިގަތުމަށް ސަރުކާރުން ކުރި ޖުމްލަ ޙަރަދަށް ބަލާއިރު، ސިއްޙީ އަދި އިޖްތިމާޢީ މަސައްކަތްތަކުގެ ތެރެއިން މިހާތަނަށް ކޯވިޑް-19ގެ ޙާލަތުން އަރައިގަތުމަށް އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ، އެންޑީއެމްއޭގެ މަސައްކަތްތަކަށެވެ. އެ ސެންޓަރުގެ މަސައްކަތްތަކަށް 867.9 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ. ދެން އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ ހެލްތު މިނިސްޓްރީއަށެވެ. އެ މިނިސްޓްރީއަށް 469.2 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.
ކޯވިޑް-19އަށް ސަރުކާރުން ކުރާ ހޭދައިން އެންމެ ބޮޑު ޚަރަދެއް ހިންގާފައިވާ މިބައްޔަށް ފަރުވާ ކުރަން ބޭނުންވާ ތަކެއްޗާއި، ޓެސްޓު ކިޓާއި ޕީޕީއީ ހޯދުމަށްކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ހާމަވެއެވެ. އެގޮތުން މި ތަކެތި ހޯދަން މިހާތަނަށް 498.9 މިލިއަން ރުފިޔާ ވަނީ ހޭދަކުރައްވާފައެވެ.
އިކޮނޮމިކް ރެސްޕޮންސް ސްޕެންޑިންއަށް މިހާތަނަށް 1.7 ބިލިއަން ޚަރަދުކޮށްފައިވާއިރު މިއީ ކޯވިޑްއާ ގުޅިގެން މާލީ ގޮތުން ގޮންޖެހުންތައް ކުރިމަތިވަމުންދާ އާއްމު ފަރުދުންނާއި، ގޭބީސީތަކާއި، އަދި ވިޔަފާރިތަކަށް އެހީތެރިކަން ފޯރުކޮށް ދެއްވުމަށް ސަރުކާރުން ތަޢާރަފްކޮށްފައިވާ ސްކީމެކެވެ.
އިކޮނޮމިކް ރެސްޕޮންސް ސްޕެންޑިންގެ ދަށުން ކޯވިޑް ރިކަވަރީ ލޯން ސްކީމްއަށް މިހާތަނަށް ވަނީ 1.2 ބިލިއަން ރުފިޔާ ހޭދަކޮށްފައެވެ. އަދި އިންކަމް ސަޕޯޓު އެލަވަންސްގެ ގޮތުގައި 421 މިލިއަން ރުފިޔާ ދީފައިވާއިރު، ކަރަންޓު ބިލްތަކަށް ޑިސްކައުންޓުގެ ގޮތުގައި 117.7 މިލިއަން ރުފިޔާ ޙަރަދުކޮށްފައިވާކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައެވެ.