ކުޅިވަރު

ވޭތުވެދިޔަ ދެ އަހަރުތެރޭ ހަތްދިހަ ހާސް ވަޒީފާ ދެވިފައިވާނެ




ރައީސް އަބްދުﷲ ޔާމީންގެ
ސަރުކާރުގައި ވޭތުވެދިޔަ ދެ އަހަރުތެރޭ ހަތްދިހަ ހާސް ވަޒީފާ އެކި ފަރާތްތަކަށް
ދެވިފައިވާކަމަށް ޒުވާންނުންނާއި ކުޅިވަރާ ބެހޭ ވަޒީރު އަޙުމަދު ޒުހޫރު
ވިދާޅުވެއްޖެއެވެ.



މި ދައުރުގައި ނުވަދިހަ
ހަތަރުހާސް ވަޒީފާ އުފައްދަވައިދެއްވާނެކަމަށް ރައީސް ވަނީ
ވަޢުދުވެވަޑައިގެންފައެވެ.



ސަރުކާރަށް ދެއަހަރު ފުރުމާ ގުޅިގެން
ޕީއެސްއެމްއަށް ދެއްވި ޚާއްސަ އިންޓަރވިއުއެއްގައި ޒުހޫރު ވިދާޅުވީ އެވުޒާރާއިން
ވަނީ ކޮންމެ ހަފްތާޔަކުވެސް ރާއްޖޭގެ އެކި ކަންކޮޅު ތަކުގައި ވަޒީފާ އުފެދުނު
މިންވަރު ބަލާ،  ރައީސް އޮފީހަށް
ރިޕޯޓްކޮށްފައިކަމަށެވެ. ވަޒީރު ވިދާޅުވީ ހަތްދިހަ ހާސް ވަޒީފާގެ ތެރޭގައި އާ
ވަޒީފާތަކެއްވެސް ބޮޑު އަދަދަކުން ހިމެނޭނެކަމަށާއި، އޭގެ އިތުރުން އެއް ވަޒީފާ
ދޫކޮށް އެއަށްވުރެ ރަނގަޅު ވަޒީފާތަކަށް ދާ ފަރާތްތަށްވެސް ހިމެނޭނެކަމަށެވެ.



"ފާއިތުވި ދެ އަހަރު
ދުވަސްތެރޭގައި ރާއްޖޭގެ އިކޮނޮމިކް ގްރޯތްއަށްވެސް ވަރަށް ބޮޑު ކުރިއެރުމެއް
އައިކަން އެނގިގެން މިދިޔައީ. އެއީ ވަޒީފާތަކެއް ބަޔަކު މިދެނީ އެ
އިންޑަސްޓްރީއަކަށްވެސް ވަރަށް ބޮޑު ކުރިއެރުންތަކެއް އައިސްގެން ކަން ހަމަ
ޔަޤީން" ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.



ކުޅިވަރާ ބޭހޭ ވަޒީރު ވަނީ މި
ސަރުކާރުން މިހާތަނަށް ކުޅިވަރަށް ކޮށްދެއްވާފައިވާ ކަންތައްތަކަށްވެސް އަލި
އަޅުއްވާލާފައެވެ. އެގޮތުން މިދިޔަ ދެ އަހަރުތެރޭ ކުޅިވަރާ ބެހޭ ސަތޭކަ ތޭރަ
މަޝްރޫއެއް ނިމިފައިވާއިރު އަށްޑިހައެއްހާ މަޝްރޫއު އަދިވެސް ކުރިޔަށްދާކަމަށް
ޒުހޫރު ވިދާޅުވިއެވެ.



އަޅާނުލެވި ހުރި ޔޫތް
ސެންޓަރުތަކާއި ދަނޑުތަށް ރައީސް ޔާމީންގެ ވެރިކަމުގައި އަލުން ބޭނުންކުރެވޭގޮތް
ހަދައިދެއްވިކަން ޒުހޫރު ފާހަގަކުރެއްވިއެވެ.



ރައީސް ޔާމީން ޒުވާނުންނަށް
ދެއްވާ ސަމާލުކަން ޒުވާނުންގެ މިނިސްޓްރީއަށް ދެއްވާ ބަޖެޓުންވެސް އެނގިގެންދާނެކަމަށް
ޒުހޫރު ވިދާޅުވިއެވެ. އެގޮތުން 30 މިލިއަން ރުފިޔާގައި ކުރިން އޮތް ބަޖެޓް ރައީސް
ޔާމީންގެ ވެރިކަމުގައި 190 މިލިއަން އަދި އެއަށްފަހު 300 މިލިއަނަށް
ބޮޑުވެގެންދިޔަ ކަމަށް ޒުހޫރު ވިދާޅުވިއެވެ. އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގައި 380
މިލިއަން ހިމަނާފައިވާކަންވެސް މިނިސްޓަރ ޒުހޫރު ފާހަގަކުރެއްވިއެވެ.



ހުޅުމާލޭގައި ގާއިމް ކުރުމަށް
ހަމަޖެހިފައިވާ ޔޫތް ސިޓީ އަކީ ޒުވާނުންނަށް މި ސަރުކާރުން ދޭ އިސްކަން އެންމެ
ބޮޑަށް އެނގިގެންދާ އެއް މަޝްރޫއު އެވެ.



މިނިސްޓަރ ޒުހޫރު ވިދާޅުވީ
ޔޫތް ސިޓީގައި ޒުވާނުންނަށް ބޭނުންވާ ގިނަ ކަންތައްތަކެއް ހިމެނޭނެކަމަށެވެ.
އެގޮތުން ޒުވާނުންނަށް ބޭނުންވާ ވިޔަފާރިތަކާއި ކުޅިވަރު ވަސީލަތްތަށް ޔޫތް ސިޓީގެ
ތެރެއިން ތަނަވަސް ވެގެންދާނެކަމަށް ވިދާޅުވިއެވެ.