ޚަބަރު

ދިވެހިންގެ ބޮޑު އެހީ، ފަލަސްތީނުގެ އެންމެ ބޮޑު ހޮސްޕިޓަލަށް ކަރަންޓް


ދިވެހިންގެ ފަރާތުން ފޮނުވި ބޮޑު އެހީއާއި އެކު ފަލަސްތީނުގައި ހުންނަ އެންމެ ބޮޑު ހޮސްޕިޓާ " އަލް ޝިފާ " ހޮސްޕިޓަލަށް ކަރަންޓް ދީފިއެވެ.

ފަލަސްތީނުގެ " އަލް ޝިފާ " ހޮސްޕިޓަލަކީ އެކި އެކި ހާދިސާތަކުގައި އެންމެ ބޮޑަށް ޒަހަމްވާ މީހުންނަށް ފަރުވާދެމުން އަންނަ ހޮސްޕިޓަލެވެ. އެހެންނަމަވެސް އިސްރާއީލުގެ އިސްތިޢުމާރީ ފައުޖުތަކުން ހުޅަނގު އައްސޭރިއާއި ޣައްޒާގައި ހިންގަމުންދާ ޖަރީމާތަކުގައި މި ހޮސްޕިޓަލަށް ކަރަންޓް ލިބުމުގައިވަނީ ދަތިތަކެއް ކުރިމަތިވެފައެވެ. މިގޮތުން ހޮސްޕިޓަލަށް ބޭނުންވާ ތެޔޮ ހޯދުމުގައިވެސް ގިނަ ދަތިތަކެއް އިސްރާއިލްގެ ޔާހޫސީ ސިފައިން އަންނަނީ ކުރިމަތިކުރުވަމުންނެވެ.

އިންޓަރނޭޝަލް އެއިޑް ކެމްޕެއިން މެދުވެރިކޮށް ދިވެހިން މިވަނީ ޝިފާ ހޮސްޕިޓަލަށް ބޮޑު އެހީއެއް ފޯރުކޮށްދީފައެވެ. މި ގޮތުން އެ ހޮސްޕިޓަލަށް ދިވެހިންގެ ފަރާތުން މިވަނީ 2547 ލީޓަރުގެ ތެޔޮ ހަދިޔާކޮށްފައެވެ. މި އެހީއާއި އެކު ޕަލަސްތީނުގެ ރައްޔިތުން މިވަނީ ދިވެހިންނަށް ހާއްސަ ޝުކުރެއް އަދާކޮށްފައެވެ. އަދި އެޤައުމުގެ ރައްޔިތުންނަށް ދިވެހި ދޭ ލޯތްބާއި އަޅާލުން އުފަލާއި އެކު ބަލައިގެންފައެވެ.

ދިވެހިން ހިތުގައި ފަލަސްތީނު ރައްޔިތުންނަށް އޮތް ލޯބާއި އިހްތިރާމް މިއަދި މިވަނީ މުޅި ދުނިޔެއަށް ދައްކާލާފައެވެ. ޕަލަސްތީނުގެ ދިދަ ތަކާއި އެކު މިއަދު މަގުތަކަށް ނުކުތީ ހަމައެކަނި ކުޑަކުދިންނެއް ނޫނެނެވެ. ދުވަސްވީ މީހުންނާއި ޒުވާނުންގެ ހިތުގައިވެސް ފަލަސްތީނު ރައްޔިތުންނަށް އޮތީ ނުހަނު ލޯތްބާއި ގަދަރެވެ.

އިސްރާއީލުން ދެމުންދާ ޙަމަލާތަކުގެ ސަބަބުން ޣައްޒާއަށް ކަރަންޓު ވިއުގައަށްވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. އަދި ކަރަންޓު ދިނުމަށް ބޭނުންވާ ތެޔޮވަނީ ހުސްވާން ކައިރިވެފައެވެ. ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ޞިއްޙީ މަރުކަޒުތަކާއި އެހެނިހެން މަދަނީ އިމާރާތްތަކުން ކަރަންޓު ކެނޑި ރައްޔިތުންނަށް ކޮންމެހެން ފޯރުކޮށްދޭންޖެހޭ ޚިދުމަތްތައް ފޯރުކޮށްނުދެވިދާނެކަމުގެ ބިރުވަނީ ހީވެފައެވެ.

އިސްރާއީލުން މެދުކެނޑުމެއްނެތި ފަލަސްޠީނުގެ އެކި ސަރަޙައްދުތަކަށް ދެމުންދާ ޙަމަލާތަކުގެ ސަބަބުން ކޮންމެހެން ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް ހުރަސް އެޅިފައިވާކަމަށް އިންޓަނޭޝަނަލް ކޮމިޓީ އޮފް ދަ ރެޑު ކުރެސެންޓު، އައިސީއާރުސީންވަނީ ބުނެފައެވެ.

މިދިޔަ ރަމަޟާންމަހުގެ ފަހު ދިހަޔަކުން ފެށިގެން އަންނަނީ އިސްރާއީލުގެ އިސްތިޢުމާރީ ފައުޖުތަކުން ހުޅަނގު އައްސޭރިއާއި ޣައްޒާ ވަދަގެނެ އަންނަނީ ލާއިންސާނީ އެތައް އަމަލުތަކެއް ހިންގަމުންނެވެ. މި ޖަރީމާތަކުގައި
200އަށްވުރެ ގިނަ މީހުންވަނީ ޝަހީދުކޮށްލާފައެވެ. އޭގެ ތެރޭގައި 50އަށްވުރެ ގިނަ ކުޑަކުދިންނާއި 30އަށްވުރެ ގިނަ އަންހެނުން ހިމެނެއެވެ.