ޚަބަރު

މާލެ ސަރަޙައްދުގެ ކާފިއު މިމަހުގެ 25ގެ ނިޔަލަށް އިތުރުކޮށްފި

ކޯވިޑް-19އިން ރައްކައުތެރިވުމަށް މާލެ ސަރަޙައްދުގައި އިއުލާންކުކޮށްފައިވާ 12 ގަޑިއިރުގެ ކާފިއުގެ މުއްދަތު މިމަހުގެ 25ވަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށްފިއެވެ.

މާލެ ސަރަޙައްދުގެ (މާލެ ހުޅުމާލެއާއި ވިލިމާލެ) ހިމެނޭހެން މިސަރަޙައްދުގައި ހަވީރު 4އިން ފެށިގެން ފަތިހު 4އާ ހަމައަށް ބޭރަށް ނުކުމެ އުޅުމަކީ މަނާކަމެކެވެ.

ކޯވިޑް-19އިން ރައްކާތެރިވުމަށް އިތުރު ފިޔަވަޅުތަކެއްވެސް އެޗްޕީއޭއިންވަނީ އަޅުއްވާފައެވެ. އަދި އިފިޔަވަޅުތަކުގެ މުއްދަތުވެސްވަނީ އިތުރުކޮށްފައެވެ. އެގޮތުން ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަނުގެ އެތެރޭގައި ތިބެގެން ކެއިންބުރިމުގެ ކަންކަން ހުއްޓާލުމަށް އަންގައި މިފަދަ ތަންތަނުން ޓެކްއަވޭއާއި ޑެލިވަރީގެ ޚިދުމަތް ދިނުމުގެ ހުއްދަ އެޗްޕީއޭއިންވަނީ ދެއްވާފައެވެ.

ޕޮލިސް ޕަރމިޓްއާއެކު ޑެލިވަރީގެ ޚިދުމަތްދެވޭނީ މެންދަމު 12 ޖެހުމާ ހަމައަށްކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ. އަދި މިގައިޑްލައިނާ ޚިލާފުވާ ފަރާތްތަކާމެދު ފިޔަވަޅުއަޅާ އެފަދަ ވިޔަފާރިތައް 24 ގަޑިއިރަށް ބަންދުކުރާނެކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ.

މީގެ އިތުރުން މާލެ ސަރަހައްދުގެ މިސްކިތްތަކުގައި ޖަމާޢަތުގައި ނަމާދުކުރުން ހުއްޓާލުމަށްވެސްވަނީ އަންގަވާފައެވެ. ކޯވިޑް-19އިން ރައްކާތެރިވުމަށް ފިޔަވަޅުތައް ވަރުގަދަކޮށް މުއްދަތު އިތުރުކޮށްފައިވާއިރު، މިމަސް ފެށުނީއްސުރެ ބައްޔަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދުވަނީ 15،000އަށްވުރެ އިތުރުވެފައެވެ.

އަދި މިވަގުތު އެކްޓިވް ކޭސްތަކުގެ ޢަދަދުވަނީ 17،000އާ ގާތްކޮށްފައެވެ. އަދި ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްގެން 268 މީހަކަށް ފަރުވާދެމުން އަންނައިރު މީގެތެރެއިން ބައެއް މީހުންތިބީ ވެންޓިލޭޓަރުގައެވެ. މިހާރު ފަރުވާދޭ މީހުންގެ ތެރޭގައި ޒުވާން އުމުރުގެ މީހުން ގިނަކަން އެޗްއީއޯސީން ފާހަގަކުރައްވައެވެ.