ޚަބަރު

މަޖިލީހަށް ނުރައްކަލެއް އޮތްކަމުގެ މަޢުލޫމާތު ލިބުމުން ސަލާމަތީ ކަންކަން ވަރުގަދަކޮށްފި


ރައްޔިތުންގެ މަޖިލީހަށް ނުރައްކަލެއް އޮތްކަމުގެ މަޢުލޫމާތު ލިބުމުން ސަލާމަތީކަންކަން ވަރުގަދަކޮށްފިއެވެ.

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއިން ވިދާޅުވީ މަޖިލިސް ޢިދާރާއަށް ތްރެޓެއް އޮތްކަމަށް ލިބުނު މައުލޫމާތަކާއި ގުޅިގެން މަޖިލިސް އިމާރާތާއި، އެ އިމާރާތުގެ ވަށައިގެންވާ ސަރަހައްދުގެ ސެކިއުރިޓީ މަތިކުރެވިފައިވާކަމަށެވެ.

މީގެ އިތުރުން މިވަގުތުގެ ހާލަތަށްބަލައި ސަލާމަތީ ކަންކަން އެގޮތުގައި ދަމަހައްޓަމުންދާކަމަށްވެސް އެމްއެންޑީއެފުން ވިދާޅުވިއެވެ.

ދާދިފަހުން ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅޭ ބަހުސެއް ޓީވީ ޗެނަލަކުން ލައިވް ސްޓްރީމް ކުރަމުންދަނިކޮށް މިމަހުގެ 17ވަނަ ދުވަހު އެލައިވްގެ ކޮމެންޓް ސެކްޝަންގައި މަޖިލީހަކީ ގޮއްވާލަންޖެހޭ ތަނެއްކަމަށް ބުނެފައިވާ މައްސަލައެއްވެސް މިހާރުވަނީ ފެންމަތިވެފައެވެ.

އަދި އެގޮތަށް ކޮމެންޓްކުރި މީހާގެ މައްސަލަ މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ހުށައަޅާފައިވާކަމަށް ރައްޔިތުންގެ މަޖިލީހުންވަނީ ހާމަކޮށްފައެވެ.

ހަރުކަށި ފިކުރު ފަތުރައި، މީހުންގެ ލޭ ހުއްދަކުރަން ގޮވުން އާންމުވެފައިވާތީ، އެފަދަ މީހުންނާއިމެދު އަވަސް ފިޔަވަޅު އެޅުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް މިއަދުވަނީ މައްސަލައެއްވެސް ހުށައަޅާފައެވެ.

މީގެ އިތުރުން ނަފުރަތުގެ ޢަމަލު ހިންގުމަކީ ކުށެއް ކަމުގައި ކަނޑައެޅުމަށް ބިލެއް އެކުލަވާލައި ބަންޑާރަނައިބު، މިހާރުވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ފޮނުއްވާފައެވެ.