ކުޅިވަރު

ލީގުގެ ފައިނަލަށް ކުޅުންތެރިން ހޮވާނީ ޓީމަށް ފައިދާ ހުރިގޮތަށް- ގާޑިއޯލާ


ޔުއޭފާ ޗެމްޕިއަންސް ލީގުގެ ފައިނަލުން ފުރަތަމަ ފަހަރަށް ޖާގަހޯދާފައިވާ މެންޗެސްޓަރ ސިޓީއިން ނެރޭ ފުރަތަމަ އެގާރަ ހޮވުމުގައި އިސްކަންދޭނީ ޓީމަށް އެންމެ ފައިދާ ހުރިގޮތަކަށް ކަމަށް އެޓީމްގެ ކޯޗް ޕެޕް ގާޑިއޯލާ ހާމަކޮށްފިއެވެ. ގާޑިއޯލާ މިކަން ހާމަކޮށްފައިވަނީ ޗެމްޕިއަންސް ލީގުގެ ފައިނަލުން އެކްލަބަށް އެންމެ ގިނަ ލަނޑު ޖަހައިދީފައިވާ ކުޅުންތެރިޔާ ސަރޖިއޯ އަގުއެރޯ އަށް ފުރުސަތު ލިބިގެންހިގައިދާނެތޯ ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެމުންނެވެ.

ސިޓީއަށް އެންމެ ގިނަ ލަނޑު ޖަހައިދީފައިވާ އަދި މިހާރު ކްލަބުގައި އެންމެ ގިނަދުވަސްވީ ދެކުޅުންތެރިންގެ ތެރެއިން އެއް ކުޅުންތެރިޔާ ކަމުގައިވާ އަގުއެރޯވަނީ މިސީޒަން ނިންމާލުމަށްފަހު އެޓީމް ދޫކޮށްލާކަން ހާމަކޮށްފައެވެ. 10 އަހަރުގެ ދިގު މުއްދަތަކަށްފަހު ކްލަބް ދޫކޮށްލާއިރު ސިޓީ މިސީޒަންގައި ކުޅޭ އެންމެ ފަހު މެޗަކަށް ވެގެންދާނީ ޗެމްޕިއަންސް ލިގުގެ ފައިނަލް މެޗެވެ. އެހެންކަމުން އެމެޗްގައި އަގުއެރޯއަށް ކުޅުމުގެ ފުރުސަތު ލިބިގެންދިއުން ވެގެންދާނީ އޭނާއަށް ސިޓީއަށް ކުޅުމުގެ ފުރުސަތު ލިބިގެންދާނެ ފަހު މެޗަށެވެ. ނަމަވެސް މިސީޒަންގައި އަނިޔާގެ ގިނަ މައްސަލަތަކެއް ކުރިމަތިވެފައިވާ އަގުއެރޯ މިހާރުވެސް ހުރީ އަނިޔާގައެވެ. މިގޮތުން މިރޭ ބްރައިޓަން އެންޑް ހޯވް އެލްބިއަން އާއި ދެކޮޅަށް ސިޓީ ކުޅޭ މެޗްގައި ފަޔަށް ލިބިފައިވާ އަނިޔާ އަކާއި ގުޅިގެން އަގުއެރޯ ނުފެންނާނެއެވެ. އެހެންކަމުން ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗް އަންނައިރު އޭނާ ފިޓްކޮށް ހުރުން މިއީ އުފެދޭ ސުވާލެކެވެ.

ގާޑިއޯލާ ބުނި އަގުއެރޯ ފިޓްކޮށް ހުރެއްޖެނަމަ އޭނާ ޗެމްޕިއަންސް ލީގުގެ ފައިނަލްގައި ޓީމަށް އެހީތެރިވެދޭނެކަމަށާއި ނަމަވެސް އެމެޗަށް ނެރޭނީ އެވަގުތަށް ޓީމަށް އެންމެ ފައިދާހުރި އަދި ވަރުގަދަ އެގާރަކަމަށެވެ. އަދި އެމެޗުގައި ކުޅެން ހުރިހާ ކުޅުންތެރިންވެސް ބޭނުންވާނެކަން އެނގޭ ކަމަށާއި ފުރަތަމަ އެގާރަ ނެގުންވެސް އެއީ އޭނާއަށް އޮތް ބޮޑު ބޮލުގަ ރިހުމަކަށް ވެގެންދާނެކަމަށް ގާާޑިއޯލާ ބުންޏެވެ. އަދި މިސީޒަންގައި ޓީމުން ހޯދާފައިވާ ކާމިޔާބީ ތަކުގައި ހުރިހާ ކުޅުންތެރިންގެ އެހީތެރިކަން ވަރަށް ފުރިހަމައަށް ލިބިގެންގޮސްފައިވާކަމުގައި ގާޑިއޯލާ ބުންޏެވެ.