މުނިފޫހިފިލުވުން

ރަޖްނީކާންތުގެ އެހީ ކޯވިޑް ރިލީފް ފަންޑަށް


އިންޑިއާގައި ހަލުއިކަމާއެކު މިހާރު ފެތުރެމުންދާ ކޯވިޑްގެ ބަލިމަޑުކަމަށް އެހީތެރިވުމުގު ގޮތުން ޓަމިލް ނާޑޫގެ ޗީފް މިނިސްޓަރު އުފައްދާފައިވާ ކޯވިޑް ރިލީފް ފަންޑަށް މަޝްހޫރު ތަމަޅަ އެކްޓަރ ރަޖްނީކާންތު ބައިލައްކަ ރުޕީސްގެ އެހީއެއް ވެދީފިއެވެ.

ހޯމަ ދުވަހު ޗީފް މިނިސްޓަރ އެމްކޭ ސްޓާލިން އާއި ބައްދަލުކުރައްވައި ފައިސާގެ އެހީގެ ޗެކް ވަނީ މިނިސްޓަރަށް އަރުވާފައެވެ. ރަޖްނީކާންތުގެ އިތުރުން ތަމަޅަ އެކްޓަރުން ކަމަށްވާ ސޫރިޔާ، އަޖިތު އަދި ސިވާކަރުތިކެޔާންވެސް ވަނީ މި ފަންޑަށް އެހީތެރިކަން ފޯރުކޮށްދީފައެވެ.

މިދިޔަ ހަފްތާ ތަމަޅަ އެކްޓަރ ސޫރިޔާ ވަނީ އޭނާގެ ބައްޕަ އަދި ބޭބެއާއިއެކު ޗީފް މިނިސްޓަރާއި ބައްދަލުކޮށް 1 ކްރޯޑް ރުޕީސް ރިލީފް ފަންޑަށް ހަދިޔާ ކޮށްފައެވެ. އަދިވެސް ގިނަ އެހީތަކެއް މި ރިލީފް ފަންޑަށް ބޭނުންވާކަމަށްބުނެ އެހީތެރިކަން ފޯރުކޮށްދިނުމަށް އަމިއްލަ އަދި ސަރުކާރުގެ ކުންފުނިތަކަށްވެސް ޗީފް މިނިސްޓަރު ވަނީ ގޮވާލައްވާފައެވެ.

އިންޑިއާގެ ބެންގަލޫރަށް އުފަން 70 އަހަރުގެ އެކްޓަރ ރަޖްނީކާންތު އަސްލު ނަމަކީ ޝިވާޖީ ރާއޯ ގައެކްވަޑް އެވެ. ތަމަޅަ ސިނަމާގައި ބޮޑަށް މަޝްހޫރު މި އެކްޓަރަކީ އިންޑިއާގެ ފިލްމު އިންޑަސްޓްރީގައި ފާހަގަކޮށްލެވޭ ޝަޙުސިއްޔަތެކެވެ. ޑައިލޮގުތައް ގެނެސްދޭ ތަފާތު ސްޓައިލާއި ފިލްމުތަކުގައި ގެންގުޅޭ އަމިއްލަ ޝައުގުވެރިކުރުވާ ކަހަލަ ގޮތްގަޑެއްގެ ސަބަބުން ރަޖްނީކާންތުގެ މަޝްހޫރުކަން ވަނީ އިތުރުވެފައެވެ. އޭނާއަކީ އެކްޓަރެއްގެ އިތުރުން ފިލްމު ޕްރޮޑިއުސްރެއްވެސްމެއެވެ.

އެކްޓްކުރުމަށްވުރެ ބޮޑަށް މިހާރު ސިޔާސީ ދާއިރާއަށް ޝައުޤުވެރިވާ މި އެކްޓަރ ސިޔާސި ކެރިއަރު ފަށާފައިވަނީ 2017 ވަނަ އަހަރުއެވެ. އަދި ޓަމިލް ނާޑޫ ލެޖިސްލޭޓިވް އެސެމްބްލީ ގެ އިންތިޚާބުގައި މިއަހަރު ވާދަކުރުމުގެ ޝައުގުވެރިކަންވެސް މިހާރުވަނީ ފާޅުކޮށްފައެވެ.