ޚަބަރު

އިސްރާއިލާ ދެކޮޅަށް ސަލާމަތީ މަޖިލީހުން ކުރާ މަސައްކަތްތަކަށް އެމެރިކާއިން ހުރަސްއަޅަނީ


ފަލަސްޠީނުގެ ޢާންމު ރައްޔިތުންނާ ދެކޮޅަށް އިސްރާއީލުން ހިންގަމުންދާ ލާއިންސާނީ ބޮޑެތި ޖަރީމާތައް ކުށްވެރިކޮށް އދގެ ސަލާމަތީ މަޖިލީހުން ބަޔާނެއް ނެރުމަށް އެމެރިކާއިން ތިންވަނަ ފަހަރަށް ހުރަސްއަޅައިފިއެވެ.

ފާއިތުވި ހަފުތާގެ ތެރޭގައި ފަލަސްޠީނުގެ ހުޅަނގު އައްސޭރިއާއި ޣައްޒާއަށް އިސްރާއީލުގެ އިސްތިޢުމާރީ ފައުޖުތަކުން ދިން ޙަމަލާތަކުގައި 200އަށްވުރެ ގިނަ މީހުންވަނީ ޝަހީދުވެފައެވެ. އޭގެ ތެރޭގައި 50އަށްވުރެ ގިނަ ކުޑަކުދިންނާއި 30އަށްވުރެ ގިނަ އަންހެނުން ހިމެނެއެވެ. އަދި 7،000އަށްވުރެ ގިނަ މީހުންވަނީ ޒަޚަމުވެފައެވެ.

ފަލަސްޠީނުގެ ޙާލަތާ ގުޅޭގޮތުން މަޝްވަރާކުރުމަށް ފާއިތުވި ހަފުތާގެ ތެރޭގައި އދގެ ސަލާމަތީ މަޖިލީހުންވަނީ ދެ ފަހަރެއްގެ މަތިން ބައްދަލުކޮށްފައެވެ. ނަމަވެސް އެ ބައްދަލުވުން ޢާންމުކޮށް ބޭއްވުމަށް އެމެރިކާއިންވަނީ ދެ ފަހަރުވެސް ދެކޮޅުހަދައިފައެވެ. ޚަރިޖީ މަޝްވަރާތައް ކުރުމުން ޙަމަލާ ބަދަލުކުރުން ހުއްޓައިލުމުގެ އެއްބަސްވުމަކާ ހަމައަށް އާދެވޭނެކަމަށް އެމެރިކާއިން އުންމީދުކުރެއެވެ. ނަމަވެސް އެގޮތަށް ކަންތައްތައް ނުވުމުން ޢާންމު ބައްދަލުވުމެއް ބޭއްވުމަށް އެމެރިކާއިންވަނީ އެންމެފަހުން އެއްބަސްވެފައެވެ.

ފަލަސްޠީނަށް ދެމުންދާ ޙަމަލާތަކާ ގުޅޭގޮތުން ސަލާމަތީ މަޖިލީހުން ނެރުމަށް ތައްޔާރުކުރި ބަޔާނެއްގައި އިސްރާއީލާއި ފަލަސްޠީނުން ޙަމަލާ ބަދަލުކުރުން ވަގުތުން ވަގުތަށް ހުއްޓައިލުމަށް ގޮވައިލައިފައިވެއެވެ. އަދި ބައިނަލްއަޤްވާމީ ޤާނޫނުތަކަށް އިޚްތިރާމުކޮށް ފަލަސްޠީނުގެ ރައްޔިތުން، ޚާއްޞަކޮށް ކުޑަކުދިން، ރައްކާތެރިކުރުމަށް އެ ބަޔާނުގައި ގޮވައިލައިފައިވެއެވެ. ނަމަވެސް އިސްރާއީލުން ޝަރުތުކުރާ ގޮތަށް ޣައްޒާގައި ވެރިކަންކުރާ ޙަމާސް ޖަމާޢަތުގެ ވާހަކަ އެ ބަޔާނުގައި ހިމަނާފައެއް ނުވެއެވެ. އަދި ފަލަސްޠީނަށް ދެމުންދާ ޙަމަލާތަކުގެ ރައްދުގައި ޙަމާސުން އިސްރާއީލަށް އަމާޒުކުރާ ޙަމަލާތައް ކުށްވެރިކޮށްފައެއްވެސް ނުވެއެވެ. ސަލާމަތީ މަޖިލީހުން އެ ބަޔާން ނެރުމަށް އެމެރިކާއިން ހުރަސްއެޅީ އިސްރާއީލުން އެދިފައިވާ ގޮތަށް ޙަމާސް ކުށްވެރިކޮށްފައިނުވާތީއެވެ.

ފަނަރަ މެންބަރުންގެ މައްޗަށް އެކުލެވޭ ސަލާމަތީ މަޖިލީހުގެ ދާޢިމީ މެންބަރުންގެ ގޮތުގައި 5 ޤައުމެއް އޮވެއެވެ. އެއީ އެމެރިކާއާއި އިނގިރޭސިވިލާތާއި ފަރަންސޭސިވިލާތާއި ޗައިނާއާއި ރަޝިޔާއެވެ. އެ ޤައުމުތަކަށް ސަލާމަތީ މަޖިމީހުގެ ނިންމުންތައް ބާޠިލުކުރުމުގެ ބާރު ލިބިގެންވެއެވެ. ފަލަސްޠީނުގެ މައްސަލައިގައި ސަލާމަތީ މަޖިލީހަށް ކުރިއަށް ނުދެވޭ ސަބަބަކީ އެމެރިކާކަމަށް ބުނެ ޗައިނާއިން މީގެ ކުރިންވަނީ އެމެރިކާއަށް ފާޑުކިޔައިފައެވެ.

ފަލަސްޠީނުގެ ޢާންމު ރައްޔިތުންނާ ދެކޮޅަށް އިސްރާއީލުން ހިންގަމުންދާ ލާއިންސާނީ ބޮޑެތި ޖަރީމާތައް ކުށްވެރިކޮށް އދގެ ސަލާމަތީ މަޖިލީހުން ބަޔާނެއް ނެރުމަށް އެމެރިކާއިން ތިންވަނަ ފަހަރަށް ހުރަސްއަޅައިފައިވަނީ އިސްރާއީލަށް 735 މިލިޔަން އެމެރިކާ ޑޮލަރުގެ ހަތިޔާރު ވިއްކަން ނިންމައިފައިވާ ދަނޑިވަޅެއްގައެވެ. އޭގެ އިތުރުން އިސްރާއީލަށް އެހީގެ ގޮތުގައި އަހަރަކު 3.8 ބިލިޔަން އެމެރިކާ ޑޮލަރު އެމެރިކާއިން ދެއެވެ.

ފަލަސްޠީނާ ދެކޮޅަށް އިސްރާއީލުން ލާއިންސާނީ ޖަރީމާތަކެއް ހިންގަމުންދަނިކޮށް އެމެރިކާގެ ރައީސް ޖޯ ބައިޑަންވަނީ އިސްރާޢީލުގެ ދިފާޢަށާއި ސަލާމަތަށް ކުރަންޖެހުނު ކޮންމެ ކަމެއް އެ ޤައުމުން ކުރަންޖެހޭކަމަށާއި އެއީ އެ ޤައުމަށް ލިބިފައިވާ ޙައްޤެއްކަމަށް ވިދާޅުވެ އިސްރާއީލު ދިފާޢުކޮށްފައެވެ. ފާޅުގައި ޒަޔަނިސްޓެއްކަމަށް ވިދާޅުވާ ބައިޑަންވަނީ އިސްރާއީލުގެ ޙައްދުފަހަނައަޅާފައިވާ ބޮޑުވަޒީރު ބެންޔަމިން ނަތަންޔާހޫއަށް ފޯނުން ގުޅުއްވައި ހިތްވަރުދެއްވައިފައެވެ.