ޚަބަރު

ޤާނޫނުން މަތިކުރާ ކަންކަން ތަންފީޒްކުރެވޭނީ މުޅި ދާއިރާ އެކުގައި މަސައްކަތްކޮށްގެން: ޑރ.އިބްރާޙިމް ހަސަން


ރާއްޖޭގައި މަތީ ތަޢުލީމާއި ތަމްރީނާއި ބެހޭ ޤާނޫނެއް ފުރަތަމަ ފަހަރަށް ވުޖޫދުވެގެން އައުމަކީ ހުރިހާ މުވައްޒަފުންނަށްވެސް ލިބިގެންދާ ފަޚުރެއްކަމަށާއި، ޤާނޫނުން މަތިކޮށްފައިވާ މަސައްކަތްތައް ޕްރޮފެޝަނަލްކަމާއިއެކު ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ކަމާ ބެހޭ ފަރާތްތަކަށް ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ.އިބްރާޙިމް ހަސަން ގޮވާލައްވައިފިއެވެ.

މަތީ ތަޢުލީމާއި ތަމްރީނުގެ ބިލު ތަޞްދީޤް ވުމާއިއެކު މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ އަލުން ވުޖޫދުވެ ޤާނޫނީ ހައިސިއްޔަތު ލިބިފައިވާއިރު، ޓިވެޓް އޮތޯރިޓީ "ނެޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީ"އަށް ވަނީ ބަދަލުކޮށްފައެވެ. ޤާނޫނުގެ ސަބަބުން ދިވެހިރާއްޖޭގައި މަތީ ތަޢުލީމުގެ ޚިދުމަތް ފޯރުކޮށްދޭ މަރުކަޒުތަކަކީ މުސްތަޤިއްލުކަމާއެކު އެ ތަނެއްގެ ކަންކަން ނިންމުމުގެ ފުރިހަމަ މިނިވަންކަމާއި ބާރު ލިބިފައިވާ، ޖަވާބުދާރީ ކުރެވޭ މުޢައްސަސާތަކަށްވަނީ ވެފައެވެ.

ހަޔަރަ އެޑިއުކޭޝަން މިނިސްޓަރ ޑރ.އިބްރާޙިމް ހަސަންވަނީ ކަމާގުޅޭ މުޢައްސަސާތަކާ ބައްދަލުކުރައްވާ، އާ ޤާނޫނާ ގުޅޭ ކަންކަން ތަންފީޒްކުރުމުގައި ހުރިހާ ފަރާތްތަކުގެ އެއްބާރުލުމަށް އެދިވަޑައިގެންފައެވެ. އަދި މި ޤާނޫނާއި ގުޅިގެން ވަގުތުން ތަންފީޒު ކުރަންޖެހޭ ކަންތައްތަކާއި ގެންނަންޖެހޭ ބަދަލުތަކާއި އުސޫލުތައް ހެދުމުގެ މަސައްކަތް މިހާރުވެސް ފަށާފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ވަރޗުއަލްކޮށް ބޭއްވި ބައްދަލުވުމުގައި މިނިސްޓަރ ޑރ.އިބްރާހިމް ޙަސަން ވިދާޅުވީ ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް މަތީ ތަޢުލީމާއި ތަމްރީނާއި ބެހޭ ޤާނޫނެއް ވުޖޫދުވެގެން އައުމަކީ ހުރިހާ މުވައްޒަފުންނަށްވެސް ލިބިގެންދާ ފަޚުރެއްކަމާއި، ޤާނޫނުން މަތިކޮށްފައިވާ މަސައްކަތްތައް ހުރިހާ މުވައްޒަފުންވެސް ޕްރޮފެޝަނަލްކަމާއިއެކު ރައްޔިތުންނަށް ފޯރުކޮށްދެމުން ދިއުމަށް އެދިވަޑައިގަންނަވާކަމަށެވެ.

މަތީ ތަޢުލީމާއި ތަމްރީނުގެ ޤާނޫނަކީ ރާއްޖޭގައި ފެންވަރު ރަނގަޅު މަތީ ތަޢުލީމާއި ތަމްރީނު ދިނުމުގެ ނިޒާމެއް އެކަށައެޅުމާއި، ދެމެހެއްޓެނިވި ގޮތެއްގައި މަތީ ތަޢުލީމާއި ތަމްރީނު ފޯރުކޮށްދޭ މަރުކަޒުތަކުން ދޭ ޚިދުމަތްތައް ކުރިއެރުވުމާއި، އެ ޚިދުމަތް ފޯރުކޮށްދިނުމުގައި ޢަމަލުކުރާނެ ގޮތުގެ އުސޫލުތަކާއި، މަތީ ތަޢުލީމާއި ތަމްރީނު ތަރައްޤީކޮށް ކުރިއެރުވުމާގުޅޭ އެނޫންވެސް އުސޫލުތައް ބަޔާންކުރާ ޤާނޫނެވެ.

މި ޤާނޫނުގެ މައިގަނޑު މަޤްޞަދަކީ ހަމަހަމަކަމާއެކު ދިވެހި އެންމެހައި ރައްޔިތުންނަށް ފުރުޞަތު ހުޅުވާލެވިފައިވާ، މަތީ ތަޢުލީމާއި ތަމްރީނު ދިނުމުގެ ނިޒާމެއް ދިވެހިރާއްޖޭގައި ޤާއިމުކުރުމެވެ. ދިވެހިރާއްޖޭގައި ފޯރުކޮށްދެވޭ މަތީ ތަޢުލީމާއި ތަމްރީނުގެ ޚިދުމަތްތަކަކީ ފެންވަރު ރަނގަޅު ޚިދުމަތްތަކަކަށް ހެދުމާއި، އެ ޚިދުމަތްތަކަކީ ކަނޑައެޅޭ ވަކި މިންގަނޑެއްގައި، ދެމެހެއްޓެނިވި ގޮތެއްގައި ދެވޭ ޚިދުމަތްތަކަކަށް ހެދުންވެސް މިޤާނޫނުގެ މަޤްޞަދުތަކުގެ ތެރޭގައި ހިމެނެއެވެ.