ޚަބަރު

މަޖިލިސް ރައީސަށް ދިން ހަމަލާގެ އިންކުއަރީއެއް މަޖިލީހުން ކުރިއަށްގެންދަނީ


މިމަހުގެ 6ވަނަ ދުވަހުގެރޭ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދަށް ދީފައިވާ ނުރައްކާތެރި ޓެރަރިސްޓް ހަމަލާއާ ގުޅިގެން ޕާލިމަންޓްރީ އިންކުއަރީއެއް ކުރިއަށްގެންދިއުމަށް ރައްޔިތުންގެ މަޖިލީހުން އިޤުރާރު ވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުން މިއިންކުއަރީ ކުރިއަށްގެންދިއުމަށް ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އިތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމެވެ. އަސްލަމްގެ ހުށަހެޅުއްވުމަށް ތާއީދު ކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖެވެ. އިންކުއަރީ ކުރިއަށްގެންދިއުމަށް މަޖިލީހުން އިގުރާރު ވެފައިވަނީ 49 މެމްބަރުންގެ ވޯޓުންނެވެ.

މިއިޤުރާރުގައި ބުނެފައިވަނީ ރައްޔިުތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ފުރާނަފުޅަށް އަމާޒުކޮށް މިމަހުގެ ހަވަނަ ދުވަހުގެރޭ އެމަނިކުފާނު ދިރިއުޅުއްވާ ގެކޮޅު ހުންނަ ނީލޯފަރު މަގުގައި ބާރުގަދަ އެއްޗެއް ގޮއްވާލައި ނުރައްކާތެރި ޓެރަރިސްޓު ހަމަލާއެއްދީ، އެހަމަލާގައި އެމަނިކުފާނަށް އެކިވަރުގެ އަނިޔާލިބި ފުރާނަފުޅަށް ނުރައްލާ ވެފައިވާއިރު، އަދި މިހާރުވެސް އެނުރައްކާ އޮތްއިރު މިކަން އެންމެ އެކަށީގެންވާ ގޮތް ބަލައި ކަން ހިނގައިދިޔަ ގޮތް ދެނެގަތުމެވެ.

ރައީސް މުހައްމަދު ނަޝީދަކީ ޤާނޫނު އަސާސީގެ ދަށުންނާއި، މަޖިލީހުގެ ޤަވާއިދުތަކުގެ ދަށުންނާއި، އަދި ކުރީގެ ރައީސްކަން ކޮށްފައިވާ ބޭފުޅެއްގެ ހައިސިއްޔަތުން ޤާނޫނީ ރައްކާތެރިކަން ލިބިފައިވާ ބޭފުޅަކަށްވާއިރު، ރައީސް ނަޝީދަށް އެރައްކާތެރިކަން އެކަށީގެންވާ މިންވަރަށް ނުދެވި ނޫނީ ދިނުމުގައި ހުރި މައްސަލަތަަކަކީ ކޮބައިތޯ ބެލުމަށްވެސް މި އިޤުރާރުގައިވެއެވެ.

ހަމަ މިއާއިއެކު ސަލާމަތީ ޚިދުމަތްތައް ހިނގަމުންދަނީ ޤާނޫނުތަކާއި ގަވާއިދުގެ ތެރެއިންތޯ ބަލުމަށާއި، މިހާދިސާ ހިނގައިދިޔަ ގޮތް ގާތުން ބެލައި ދެނެގަނެ، ރައީސް ނަޝީދުގެ ސަލާމަތީ ކަންކަން އިތުރަށް ވަރުގަދަކޮށް، މުޅި ރާއްޖޭގެ ސަލަމާތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށްވެސް މެމްބަރު ވަނީ އިގުރާރު ވެފައެވެ.