ޚަބަރު

ފަލަސްޠީނުގައި ޝަހީދުވާ މީހުންގެ ތިންބައިކުޅަ އެއްބަޔަކީ ކުޑަކުދިން


ފަލަސްޠީނާ ދެކޮޅަށް އިސްރާއީލުން ދެމުންދާ އުދުވާނީ ޙަމަލާތަކުގައި ޝަހީދުވާ މީހުންގެ ތިން ބައިކުޅަ އެއްބަޔަކީ ކުޑަކުދިންކަމަށް އެ ޤައުމުގެ ޞިއްޙަތާބެހޭ ވަޒީރު ވިދާޅުވެއްޖެއެވެ.

ފާއިތުވި ހަފުތާގެ ތެރޭގައި އިސްރާއީލުގެ އިސްތިޢުމާރީ ފައުޖުތަކުން ހުޅަނގު އައްސޭރިއާއި ޣައްޒާގައި ހިންގަމުންދާ ޖަރީމާތަކުގައި 200އަށްވުރެ ގިނަ މީހުންވަނީ ޝަހީދުވެފައެވެ. އޭގެ ތެރޭގައި 50އަށްވުރެ ގިނަ ކުޑަކުދިންނާއި 30އަށްވުރެ ގިނަ އަންހެނުން ހިމެނެއެވެ.

ފަލަސްޠީނުގެ ޞިއްޙަތާބެހޭ ވަޒީރު މައި އަލްކައިލާ ވިދާޅުވީ އިސްރާއީލުގެ އިސްތިޢުމާރީ ފައުޖުތަކުން ދެމުންދާ ޙަމަލާތަކުގައި ފަލަސްޠީނުގެ އެކި ސަރަޙައްދުތަކުގައި 7،000އަށްވުރެ ގިނަ މީހުން ޒަޚަމުވެފައިވާކަމަށެވެ. އަދި ޒަޚަމުވި މީހުންގެ ސީދާ ޢަދަދު ދަންނަވަން ދަތިވި ނަމަވެސް ފަލަސްޠީނުގެ ޙާލަތު އޮތީ މީގެ ކުރިން ގޯސްނުވާހާ ދެރަ ޙާލަތެއްގައިކަމަށް އޭނާ ވިދާޅުވިއެވެ. ޣައްޒާއާއި ހުޅަނގު އައްސޭރިއަށް ހުއްޓުމުމެއްނެތި އިސްރާއީލުން ދެމުންދާ ޙަމަލާތަކުގެ ސަބަބުން އެ ޤައުމުގެ ކުޑަކުދިންނަށް ނަފްސާނީ އެހީތެރިކަން ވަރަށް އަވަހަށް ފޯރުކޮށްދޭންޖެހޭކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އޭގެ އިތުރުން ޙަމަލާތަކުގައި ޒަޚަމުވާ މީހުންނަށް ފަރުވާދޭނެ ޞިއްޙީ ޚިދުމަތްތެރިންގެ ޢަދަދު މަދުކަމަށްވެސް ޞިއްޙަތާބެހޭ ވަޒީރު ފާހަގަކުރެއްވިއެވެ. ޣައްޒާގައި ޙަރަކާތްތެރިވާނެ ޞިއްޙީ ޚިދުމަތްތެރިންގެ ޢަދަދު އިތުރުކުރުމަށް ފަަލަސްޠީނުގެ ސަރުކާރުން މަސައްކަތްކުރަމުންދާކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ކުޑަކުދިންގެ ހައްޤުތައް ރައްކާތެރިކުރުމަށް ވަކާލާތުކުރާ ބައިނަލްއަޤްވާމީ ޖަމުޢިއްޔާއެއްކަމަށްވާ ސޭވް ދަ ޗިލްޑުރަނުން ބުނީ ފާއިތުވި ހަފުތާގެ ތެރޭގައި ގާތްގަނޑަކަށް 60 ކުޑަކުދިން ޣައްޒާގައި ޝަހީދުވެފައިވާކަމަށެވެ. އިސްރާއީލުން ދެމުންދާ ވައިގެ ޙަމަލާތަކުގައި ކޮންމެ ގަޑިއިރަކު ތިން ކުޑަކުދިން ޒަޚަމުވަމުންދާކަމަށް އެ ޖަމުޢިއްޔާއިން ބުނެއެވެ. ޒަޚަމުތަކުގެ ސަބަބުން ޙާލު ދެރަވެފައިވާ ކުޑަކުދިންނަށް ފަރުވާދިނުމަށް ބަންދުވެފައިވާ ޣައްޒާއިން ބޭރަށް ނުގެންދެވޭކަމަށްވެސް އެ ޖަމުޢިއްޔާއިން ފާހަގަކުރެއެވެ.

އިސްރާއީލުން ދެމުންދާ ޙަމަލާތަކުގެ ސަބަބުން ޣައްޒާއަށް ކަރަންޓު ވިއުގައަށްވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. އަދި ކަރަންޓު ދިނުމަށް ބޭނުންވާ ތެޔޮވަނީ ހުސްވާން ކައިރިވެފައެވެ. ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ޞިއްޙީ މަރުކަޒުތަކާއި އެހެނިހެން މަދަނީ އިމާރާތްތަކުން ކަރަންޓު ކެނޑި ރައްޔިތުންނަށް ކޮންމެހެން ފޯރުކޮށްދޭންޖެހޭ ޚިދުމަތްތައް ފޯރުކޮށްނުދެވިދާނެކަމުގެ ބިރުވަނީ ހީވެފައެވެ.

އިސްރާއީލުން މެދުކެނޑުމެއްނެތި ފަލަސްޠީނުގެ އެކި ސަރަޙައްދުތަކަށް ދެމުންދާ ޙަމަލާތަކުގެ ސަބަބުން ކޮންމެހެން ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް ހުރަސް އެޅިފައިވާކަމަށް އިންޓަނޭޝަނަލް ކޮމިޓީ އޮފް ދަ ރެޑު ކުރެސެންޓު، އައިސީއާރުސީންވަނީ ބުނެފައެވެ.