ޚަބަރު

ޒަޚަމުވި ބައެއް މީހުންނަށް ފަރުވާދިނުމަށް މިޞްރަށް ގެންގޮސްފި


އިސްރާއީލުން ފަލަސްޠީނަށް ދެމުންދާ ލާއިންސާނީ ޙަމަލާތަކުގައި ޒަޚަމުވި ފަލަސްޠީނުގެ ބައެއް ރައްޔިތުންނަށް ފަރުވާދިނުމަށް މިޞްރަށް ގެންގޮސްފިއެވެ.

ޢައްޒާއަކީ ފަލަސްޠީނުގެ އެހެން ބިންތަކާ ވަކިން އޮންނަ ސަރަޙައްދެކެވެ. 2 މިލިޔަން މީހުން ދިރިއުޅޭ ޢައްޒާއަކީ ދުނިޔޭގައި އެންމެ ބޮޑަށް ތޮށްޖެހިފައިވާ ސަރަޙައްދެވެ. ޣައްޒާއަށް ކާބޯތަކެއްޗާއި ބޭހާއި އެނޫންވެސް ޒަރޫރީ ސާމާނު އެތެރެކުރެވެނީ އިސްރާއީލުން ޙުއްދަދިނުމުން އެކަންޏެވެ.

އިސްރާއީލުން ޣައްޒާއަށް ދެމުންދާ ޙަމަލާތަކުގައި ޒަޚަމުވި މީހުންނާއި އެހެނިހެން ޞިއްޙީ ބޮޑެތި މައްސަލަތައް ދިމާވެފައިވާ މީހުން ރަފަޙް ސަރަޙައްދީ ރޮނގު ހުރަސްކޮށް އަވަށްޓެރި މިޞްރަށްވަނީ ގެންގޮސްފައެވެ. ރަފަޙަކީ ޣައްޒާއިން ބޭރަށް ނުކުތުމަށް އޮންނަ އިސްރާއީލުގެ ބާރު ނުހިނގައި ހަމައެކަނި މަގެވެ. އެގޮތުން ފަލަސްޠީނުގެ 263 ރައްޔިތުންވަނީ ރަފަޙް މަގުން މިޞްރަށް ގެންގޮސްފައެވެ.

ފާއިތުވި ހަފުތާގެ ތެރޭގައި އިސްރާއީލުގެ އިސްތިޢުމާރީ ފައުޖުތަކުން ދިން ޙަމަލާތަކުގައި 192އަށްވުރެ ގިނަ މީހުންވަނީ ޝަހީދުވެފައެވެ. އޭގެ ތެރޭގައި 58 ކުޑަކުދިންނާއި 34 އަންހެނުން ހިމެނެއެވެ. އަދި 1،200އަށްވުރެ ގިނަ މީހުންވަނީ ޒަޚަމުވެފައެވެ. އޭގެ އިތުރުން ފަލަސްޠީނުގެ ހުޅަނގު އައްސޭރިއަށް ދިން ޙަމަލާތަކުގައި 13 މީހުން ޝަހީދުވެ، 4،000އަށްވުރެ މީހުންވަނީ ޒަޚަމުވެފައެވެ.