ޚަބަރު

އިސްރާއީލުން ދަނީ ހަނގުރާމައިގެ ޖަރީމާތަކެއް ހިންގަމުން: ފަލަސްޠީން


އިސްރާއީލުން ފަލަސްޠީނާ ދެކޮޅަށް ހަނގުރާމައިގެ ޖަރީމަތަކެއް ހިންގަމުންދާކަމަށް ފަލަސްޠީނުގެ ޚާރިޖީ ވަޒީރު ރިޔާޟް އަލްމާލިކީ ވިދާޅުވެއްޖެއެވެ.

އދގެ ސަލާމަތީ މަޖިލީހުގައި ވާހަކަދައްކަވަމުން ފަލަސްޠީނުގެ ޚާރިޖީ ވަޒީރު އަލްމާލިކީ ވިދާޅުވީ އިސްރާއީލުގެ ޢަމަލުތައް ހަނގުރާމައިގެ ޖަރީމާއާއި އިންސާނިއްޔަތާ ޚިލާފު ޖަރީމާތަކުގެ ގޮތުގައި ސިފަކުރުމަށް ބައެއް ފަރާތްތަކުން ފަސްޖެހޭކަމަށެވެ. ނަމަވެސް އެފަދަ ފަރާތްތަކަށްވެސް ހަޤީޤަތް އެނގޭނެކަމަށާއި ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް އިސްރާއީލުންދަނީ 1900ގެ އަހަރުތަކުގައި ދެކުނު އެފުރިކާއިން ގެންގުޅުން ނަސްލީގޮތުން ތަފާތުކުރަމުގެ ސިޔާސަތުތައް ބޭނުންކުރަމުންކަމަށް އޭނާ ވިދާޅުވިއެވެ. އަދި އިސްރާއީލުގެ އަނިޔާވެރިކަން ހުއްޓުމަކަށް ގެނައުމަށް މިހާރުން މިހާރަށް މަސައްކަތްކުރުމަށާއި މިނިވަންކަމަށް ބާރުއެޅުމަށް އޭނާވަނީ ގޮވައިލައްވައިފައެވެ.

ފާއިތުވި ހަފުތާގެ ތެރޭގައި އިސްރާއީލުގެ އިސްތިޢުމާރީ ފައުޖުތަކުން ދިން ޙަމަލާތަކުގައި 190އަށްވުރެ ގިނަ މީހުންވަނީ ޝަހީދުވެފައެވެ. އޭގެ ތެރޭގައި 50އަށްވުރެ ގިނަ ކުޑަކުދިންނާއި 30އަށްވުރެ ގިނަ އަންހެނުން ހިމެނެއެވެ. އަދި 1،200އަށްވުރެ ގިނަ މީހުންވަނީ ޒަޚަމުވެފައެވެ. އޭގެ އިތުރުން ފަލަސްޠީނުގެ ހުޅަނގު އައްސޭރިއަށް ދިން ޙަމަލާތަކުގައި 13 މީހުން ޝަހީދުވެ، 4،000އަށްވުރެ ގިނަ މީހުންވަނީ ޒަޚަމުވެފައެވެ. ރައްދުގައި ފަލަސްޠީނުގެ މުޖާހިދުން ދިން ޙަމަލާތަކުގައި އިސްރާއީލުގެ 10 މީހުންވަނީ މަރުވެފައެވެ.

ފަލަސްޠީނުގެ ޚާރިޖީ ވަޒީރު ވިދާޅުވީ ޣައްޒާގައި ވެރިކަންކުރަމުންދާ ޙަމާސް ޖަމާޢަތުން ދެމުންދާ ރޮކެޓު ޙަމަލާތަކުގައި އިސްރާއީލުގެ ބަޔަކު މަރުވުމުން އެކަމާ ހިތާމަކުރައްވައިކަމަށެވެ. ނަމަވެސް އިސްރާއީލުގެ އިސްތިޢުމާރީ ފައުޖުތަކާއި ޙަމާސާ ދެމެދު އޮތް އަސްކަރީ ބާރުގެ ބޮޑެތި ތަފާތުތަކަށް ބެލުން މުހިންމުކަމަށް އޭނާ ވިދާޅުވިއެވެ. އިސްރާއީލަކީ އެހެން ޤައުމުތަކުގެ ބިންތަކަށް އަތްގަދަކުރަމުންދާ މުއްސަނދި ޤައުމެއްކަމަށާއި އެ ޤައުމާމެދު އެނޫންގޮތަކަށް ދެކުމަކީ ވަކިކޮޅަކަށް ޖެހުންކަމަށް އޭނާ ވިދާޅުވިއެވެ.

ސަލާމަތީ މަޖިލީހުގައި ވާހަކަދައްކަވަމުން އދގެ ސެކެޓުރީ ޖެނެރަލް އެންތޮނިޔޯ ގުތޭޚެޝްވަނީ އިސްރާއީލާއި ފަލަސްޠީނާ ދެމެދު ޙަމަލާ ބަދަލުކުރުން ވަގުތުން ހުއްޓައިލުމަށް ގޮވައިލައްވައިފައެވެ. ފަލަސްޠީނުގެ ޙާލަތާ ގުޅޭގޮތުން މަޝްވަރާކުރުމަށް ފާއިތުވި ހަފުތާގެ ތެރޭގައި ސަލާމަތީ މަޖިލީހުންވަނީ 2 ފަހަރެއްގެ މަތިން ބައްދަލުކޮށްފައެވެ. ނަމަވެސް ފަލަސްޠީނުގެ މައްސަލައާ ގުޅޭގޮތުން އެ މަޖިލީހުން މިހާތަނަށް ބަޔާނެއް ނެރެފައެއް ނުވެއެވެ. ބައެއް ޚާރިޖީ ފަރާތްތަކުން ބުނާ ގޮތުގައި ސަލާމަތީ މަޖިލީހުން އެފަދަ ބަޔާނެއް ނެރުމަށް ހުރަސްއަޅަނީ އެމެރިކާއިންނެވެ. އެފަދަ ބަޔާނެއް ނެރުމުގެ އެއްވެސް ބޭނުމެއް ނެތްކަމަށް އިސްރާއީލުގެ ގާތް ބައިވެރިއެއްކަމަށްވާ އެމެރިކާއިން ދެކެއެވެ. އެމެރިކާއިން ބުނަނީ 2 ޤައުމުގެ ދެމެދުގައި ޙަމަލާ ބަދަލުކުރުން ހުއްޓައިލުމަށް އެއްބަސްވުމަކާ ހަމައަށް އައުމަށް ފަލަސްޠީނާއި އިސްރާއީލުން ނިންމައިފިނަމަ އެ ޤައުމުން އެކަމަށް އެހީތެރިވާނެކަމަށެވެ.

ފަލަސްޠީނުގައި ހިންގަމުންދާ ލާއިންސާނީ ޢުދުވާންތަކާ ގުޅޭގޮތުން ބަޔާނެއް ނެރުމަށް އެމެރިކާއިން އެކި ފަހަރުގެ ހުރަސްއެޅުމުން ޗައިނާއިންވަނީ އެކަން ކުށްވެރިކޮށްފައެވެ. އަދި ފަލަސްޠީނުގައި ހިންގަމުންދާ ލޭއޮހޮރުވުންތައް ނިމުމަކަށް ގެނައުމަށް ބައިނަލްއަޤްވާމީ އެއްބާރުލުން ބޭނުންވާކަމަށް އެ ޤައުމުންވަނީ ބުނެފައެވެ.