ކޯވިޑްއަކީ އެކާވީސް ވަނަ ގަރުނުގައި ދުނިޔެ ދުށް އެންމެ ވަރުގަދަ ވައިރަހެވެ. ލޮލަށް ނުފެންނަ ކުޑަކުޑަ ވައިރަހެއް މުޅި ދުނިޔެ ފަތަޙަކުރަމުން އަންނައިރު ބައްޔާ ދެކޮޅަށް ކުރެވޭނެ މާބައިވަރު ކަމެއް ނެތެވެ. މިހާތަނަށް މިވައިރަހުން ރައްކާތެރިވުމަށް ބޭހެއް ހޯދިފައެއް ނުވެއެވެ. ހޯދިފައިވާ ވެކްސިންއަށް ވައިރަސް ނުގުޑުމުގެ ބިރުމިހާރުވަނީ ބޮޑުވެފައެވެ. ވެކްސިންގެ ޑޯޒްތައް ދިންނަމަވެސް ބައްޔާ ދެކޮޅަށް ދިފާޢީ ނިޒާމު ތައްޔާރުކުރުމަށް ނަގާވަގުތައްވުރެ ބާރަށް ވައިރަސް އަންނަނީ ފެތުރެމުންނެވެ.
މިއީ ސައިންސްވެރިން ލަފާކުރި ޙާލަތަކެވެ. މުޅި ދުނިޔޭގައި އެއްފަހަރާ ވެކްސިން ޕްރޮގްރާމް ފެށުމުގެ މައިގަނޑު ސަބަބަކީ ބައްޔާ ދެކޮޅަށް މުޖުތަމަޢު ތެރޭގައި ގިނަ ބައެއްގެ ދިފާޢީ ނިޒާމު އެއްފަހަރާ ތައްޔާރުކުރުން ނުވަތަ ހަރޑް އިމިއުނިޓީއަކަށް ދިޔުމެވެ. އެހެންނަމަވެސް ވެކްސިންއަށް އޭގެ ޒާތުގައި މަސައްކަތް ފަށައިގަތުމަށް ވަގުތު ބޭނުންވެއެވެ. އެވަގުތު ދިނުމަށް ސައިންސްވެރިންނާއި ކަމާބެހޭ ހުރިހާ ފަރާތްތަކުން ވަނީ އެދިފައެވެ. އެހެންނަމަވެސް ވެކްސިންއާއެކު ގިނަބަޔަކު މަގުތަކަށް ނުކުތުން ޢާއްމުކުރިއެވެ. އެއްވުންތައް ބޭއްވީ ގައިދުރުކަމެއް ނެތި ވައިރަހަށް އެކަކުގެ ގައިން އަނެކެއްގެ ގަޔަށް އެރޭހާ ގާތް ގާތުގައެވެ. މިއޮތީ ނަތީޖާ ފެންނާށެވެ. ރާއްޖޭގެ ސިއްޙީ ނިޒާމު މިވަނީ ބޮއްސުންލައިގެން ދިޔުމާ ދާދިގާތުގައެވެ. ބަޔަކު ކަށިން ހިތްވަރު ނެރެގެން އެހީތެރިވާން ރޭދުވާ އެއްކުރުމަކީ ސިއްޙީ ނިޒާމު ހިނގުމެއް ނޫނެވެ. އެއީ ގަދަ ބާރުން ހިންގުމެވެ.
ކޯވިޑް-19އަށް ޕޮޒިޓިވްވާ މީހުންނަށް ފަރުވާދެއްވުމުގައި ކުރީސަފުގައި ޙަރަކާތްތެރިވާ އައިޖީއެމްއެޗްގެ އެތެރެހަށީގެ ޑޮކްޓަރ ޑރ. މުޙައްމަދު އަލީ، މިބައްޔަށް މީހުން ޕޮޒިޓިވްވަމުން އަންނަ އިންސައްތަ ސިފަކުރައްވަނީ ބާރަށް ފެތުރެމުން އަންނަ އަލިފާންގަނޑެއްގެ ގޮތުގައެވެ. ރާއްޖެއިން ކޯވިޑްގައި ފުރަތަމަ މީހާ ނިޔާވިތާ އެއް އަހަރާ 17 ދުވަސްވީއިރު މިބަލީގައި ނިޔާވި މީހުންގެ ޢަދަދު މިހާރު ވަނީ 100އަށް އަރާފައެވެ. ނިސްބަތުން މިއީ ބޮޑު ޢަދަދެކެވެ. ބައްޔަށް ޕޮޒިޓިވްވެފައިވާ މީހުންގެ ޢަދަދު ސޯޅަހާހަށް އަރަނީއެވެ.
ކުރިމަތިވެފައިވާ ހަމައެކަނި މައްސަލައަކީ ބައްޔަށް ފަރުވާދޭނެ އެނދު ނެތުމެއް ނޫނެވެ. ނުވަތަ ޑޮކްޓަރުންނާއި ނަރުހުން މަދުވުމެއްވެސް ނޫނެވެ. ކޯވިޑް-19އަކީ އިންސާނީ ވަޞީލަތަށް ބަރޯސާވާ ބޮޑު އޮޕަރޭޝަނެކެވެ. އެތައް ވޮލަންޓިއަރުންނެއް ޚިދުމަތުގައި ތިބި އިންސާނީ ބޮޑު ޚިދުމަތެކެވެ. އެހެންނަމަވެސް މި އޮޕަރޭޝަނަށް ގުޑުން އަރާވަރަށް މިހާރުމިވަނީ މީހުން ބައްޔަށް ޕޮޒިޓިވްވެފައެވެ. ރާއްޖޭގައި ނަގާ ކޮންމެ 5 ސާމްޕަލްއެއްގެ ތެރެއިން އެއް ސާމްޕަލް ބައްޔަށް ޕޮޒިޓިވްވުމަކީ ބިރުވެރިކަމެކެވެ. މިހުރިހާ ބައެއްގެ ކޮންޓެކްޓް ޓްރޭސިންގައި ޙަރަކާތްތެރިވާނެހާ ބަޔަކު އޮޕަރޭޝަނަކު ނެތެވެ.
100 deaths in COVID19.
— Dr. Mohamed Ali (@Moxamedalu) May 17, 2021
Cases are not reducing, it's spreading like wild fire.
Contact tracing is nearly impossible.
Staffs are stretched thin.
Some wards in IGMH has stopped functioning as nurses are pulled to covid care.
Duty of staffs to be increased to 12 hours/day
1/
އައިޖީއެމްއެޗްގައި މަސައްކަތް ކުރާ ނަރުހުން ކޯވިޑަށް ފަރުވާދިނުމުގައި ހަރަކާތްތެރިވާން ޖެހުމުން އައިޖީއެމްއެޗްގެ ބައެއް ވޯޑްތަކުގެ ވަނީ ހުއްޓުމަކަށް އައިސްފައެވެ. މުވައްޒަފުން މަދުވުމުގެ ސަބަބުން މިހާރު ތިބި މުވައްޒަފުން 12 ގަޑިއިރު މަސައްކަތްކުރަމުން އަންނަ ކަމަށް ޑރ.މުޙައްމަދު ޢަލީ ވިދާޅުވިއެވެ. އަދި މިހާރު އޮތް ޙާލަތު ބަދަލުކުރުމަށް އެހޮސްޕިޓަލްގައި ތިބި އެހެން ޕޭޝަންޓުން އެހެން ހޮސްޕިޓަލްތަކަށް ބަދަލުކުރުމަށްވެސް ޑރ.މުޙައްމަދު ޢަލީވަނީ ގޮވާލައްވާފައެވެ. އަދި ކޮޅަށް ހުރެވޭނެ ވަރުނުވެގެން ވެއްޓެންދެންވެސް ސިއްޙީ ޚިދުމަތްތެރިން މަސައްކަތްކުރައްވާނެކަމުގެ ޔަގީންކަންވެސް ޑރ.މުޙައްމަދު ޢަލީވަނީ ދެއްވާފައެވެ.
ކޯވިޑް ބަލީގެ ނުރައްކާ ބޮޑުވެފައިވަނީ އިއްޔެއަކު މިއަދަކު ނޫނެވެ. މިޙާލަތު ނުރައްކާވަމުން އަންނަތާ އެތައް ދުވެހެއްވަނީ ވެފައެވެ. މިޙާލަތުން އަރައިގަތުމަށް މިހާރު ހުރި ފިޔަވަޅުތައް ރަނގަޅަށް ތަންފީޒުވެ ވައިރަސް ރަށުތެރޭ ދަތުރުކުރުން ހުއްޓުވަން ވަގުތުދޭން ޖެހެއެވެ. އެވަގުތު ދިނުމާއެކު ބަލިން ސަލާމަތްކުރައްވާ ރައްކާތެރިކަން ދެއްވުން އެދި ދުޢާ ކުރުމާއެކު ފިޔަވަޅުތަކަށް ބޯލެނބުން ނޫންގޮތެއް މިހާރަކުނެތެވެ.