ޚަބަރު

ލ އަތޮޅު ލިންކް ރޯޑުގެ މަސައްކަތް އަންނަ އަހަރުގެ މޭމަހު ނިމޭނެ


ހައްދުއްމަތި ލިންކް ރޯޑަކީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުގައި އަތޮޅުތަކުގައި ފަށާފައިވާ މަގު ހެދުމުގެ މަޝްރޫއުތަކުގެ ތެރެއިން އެންމެ ބޮޑު މަޝްރޫޢެކެވެ. ސަރުކާރުން މިހާތަނަށް ފެއްޓެވި މަގު ހެދުމުގެ އެންމެ ބިޔަ މަޝްރޫ، ލ. ލިންކް ރޯޑް ތަރައްގީ ކުރުމުގެ މަޝްރޫއަކީ 2014 އަހަރުގެ ސެޕްޓެމްބަރު މަހު ރާއްޖެ ވަޑައިގެން ޗައިނާ ރައީސް ޝީ ޖިންގ ޕިންގގެ  ދަތުރުފުޅުގައި ސޮއި ކުރެއްވި މަޝްރޫޢެކެވެ. ލ. ލިންކް ރޯޑަކީ، އެއަތޮޅު ފޮނަދޫ އާއި ގަން ގުޅުވައިދޭ 15.1 ކިލޯ މީޓަރުގެ މަގެކެވެ. ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ހައްދުންމަތީގައި ތަރައްގީކުރާ ލިންކް ރޯޑްގެ މަޝްރޫއު ރަސްމީކޮށް ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމިން ފައްޓަވައި ދެއްވާފައިވަނީ  2014 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ފަނަރަ ވަނަ ދުވަހު އެ އަތޮޅު ފޮނަދޫގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. މަސައްކަތް ފެށިތާ އަހަރަކާ ގާތްވެފައިވާއިރު، މަޝްރޫއުފެށުމަށް ބޭއްވި ރަސްމިއްޔާތުގައި  ރައީސް ޔާމިން ވިދާޅުވެފައިވަނީ، ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ގެ ގާނޫނުގެ ތެރެއިން، ލ. އަތޮޅަށް މަސައްކަތްތައް ގެންދިއުމަށް ސަރުކާރުން މަސައްކަތް ކުރާނެ ކަމަށެވެ. އަދި އެއަތޮޅުގައި ހެދިގެންދާ މަގުގެ ސަބަބުން ގިނަ ފައިދާތަކެއް ރައްޔިތުންނަށް ލިބިގެންދާނެކަން ރައީސް ފާހަގަކުރެއްވިއެވެ. ޗައިނާގެ ޖިއަންގްޒޫ ޕްރޮވިންޝަލް ޓްރާންސްޕޯޓް އިންޖިނިއަރިންގް ގްރޫޕާ ހަވާލުކޮށްގެން ޗައިނާގެ ސަރުކާރުން ތަރައްގީކުރާ މި ލިންކް ރޯޑަކީ ތާރު އަޅައިގެން ޒަމާނީ ފެންވަރެއްގައި ހެދުމަށް ހަމަޖައްސާފައިވާ މަގެއް. މިމަގުގެ ދެފަރާތު ޕޭމަންޓް ހެދުމާއި، ކާނުތައް ބެހެއްޓުމުގެ އިތުރުން ބިންގަނޑު އެއްވަރުކުރުމުގެ މަސައްކަތް މިހާރުވަނީ ނިމިފައެވެ.  އަދި އޭ.ބީ.ސީ ލޭޔަރގެ މަސައްކަތް މިހާރު ބާރަށް ކުރިއަށްދާއިރު، ފޮނަދޫ ކޮޅުން ތިންސަތޭކަ މީޓަރުގައި ތާރު އަޅާނިމިފައިވާކަން ފާހަގަކުރެވެއެވެ.ލ. ލިންކް ރޯޑު ތަރައްގީ ކުރަމުން އަންނަތާ އަހަރަކާއި ގާތްވެފައިވާއިރު، ކޮންޓްރެކްޓްގައިވާ 18 މަސް ދުވަހުގެ ކުރީން  ނިންމައިލެވޭނެކަމުގެ ޔަގީންކަން މަސައައްކަތް ކުރިއަށްގެންދާ ޗައިނާގެ ކުންފުނިން ދެއްވާފައިވާ ކަމަށް ހައުސިންގ މނިސްޓްރީން ވިދާޅުވެއެވެ. ޗައިނާގެ ސަރުކާރުން ދިވެހި ރައްޔިތުންނަށް ހިލޭ ހަދިޔާކޮށްދިން މި މަޝްރޫއުގެ ސަބަބުން ލ. އަތޮޅަށް ބޮޑު ތަރައްގީއެއް ލިބިގެންދާނެެއެވެ. މި މަގަކީ ލ. އަތޮޅުގެ އަތޮޅުގެ ތަރައްގީއަށް އެޅިގެންދާ ވަރަށް މުހިންމު ބިންގަލެއްކަމަށް ސަރުކާރާއި ރައްޔިތުންވެސް ގަބޫލުކުރައްވައެވެ.  އަދި މި މަޝްރޫއުގެ މަސައްކަތް 18 މަސް ދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމުގެ ޔަގީންކަން ޗައިނާގެ ކޮންޓްރެކްޓާރުން ވަނީ ދެއްވާފައެވެ.