ކުޅިވަރު

ކޮމްޕެނީ ޓޭޕް ބޯލް ކްރިކެޓް މުބާރާތަށް ބަދަލު ގެންނަނީ


ކޮމްޕެނީ ޓޭޕް ބޯލް ކްރިކެޓް މުބާރާތަށް ބަދަލްތަކެއް ގެނައުމަށް ހަމަޖެހިފައިވާކަމަށް ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްއިން ބުނެފިއެވެ.

މާލޭގައި ކޯވިޑް-19ގެ ކޭސްތަށް އިތުރުވުމާއި ގުޅިގެން އެޗްޕީއޭއިން ވަނީ މާލޭގެ ސަރަހައްދުގައި ކުޅޭ މުބާރާތްތަކާއި ކުޅިވަރު ކުޅޭ ތަންތަންވެސް ބަންދުކޮށްފައެވެ. އޭގެ ތެރޭގައި ކްރިކެޓް، ސްވިމިން އަދި ދުވާ ޓްރެކް ފަދަ ތަންތަން ފާހަގަކޮށްލެވެއެވެ. މުބާރާތުގެ މެޗްތައް ހުއްޓާލާފައިވާއިރު، ކޮމްޕެނީ ޓޭޕް ބޯލް ކްރިކެޓް މުބާރާތަށް އަދި ބާކީ 14 މެޗް ނުކުޅެ އެބައޮތެވެ.

ކްރިކެޓް ބޯޑުގެ ސެކްރެޓަރީ ޖެނެރަލް އަޙްމަދު މުނާޒް ވިދާޅުވީ މާލޭގައި ކޯވިޑް ކޭސްތައް އިތުވުމާއި ގުޅިގެން އެންމެ ފުރަތަމަ މުބާރާތް ހުއްޓާލުމަށް އެންގުމާއެކު ޔޫތް މިނިސްޓްރީ މެދުވެރިކޮށް ހާއްސަ ގައިޑްލައިނެއްގެ ދަށުން މުބާރާތް ކުރިއަށް އެޗްޕީއޭގެ ހުއްދައަކަށް އެދުނުކަމަށާއި ނަމަވެސް އޭރުގައި އެހުއްދަ ލިބިފައިނުވާކަމަށެވެ. މުނާޒް ވިދާޅުވީ ކޮމްޕެނީ ޓޭޕް ބޯލް މުބާރާތުގައި ގިނަ މެޗްތަކެއް ނުކުޅެ ހުރުމުން، މުބާރާތަށް ބަދަލްތަކެއް ގެނައުމަށް ކޮމްޕެނީތަކާއެކު މަޝްވަރާ ކުރެވެމުންދާކަމަށާއި މިމަޝްވަރާތަކާއިއެކު މުބާރާތް ކުރިއަށް ގެންދިއުމަށް ދެ ގޮތަކަށް ވިސްނަމުންދާކަމަށް މުނާޒް ވިދާޅުވިއެވެ. ފުރަތަމަ ގޮތަކީ ދެ ދުވަހުގެ ތެރޭގައި ނޮކައުޓް މެޗްތަކެއް ގޮތަށް މުޅި މުބާރާތުގެ ހުރިހާ މެޗްއެއް ކުޅެ މުބާރާތް ނިންމާލުންކަމަށެވެ. އަދި ދެވަނަ ގޮތަކީ ކޮންމެ ހަފްތާއެއްގެ ބަންދުގައި މެޗްތަށް ކުޅުންކަމަށެވެ. ކްރިކެޓް ބޯޑުގެ ސެކްރެޓަރީ ޖެނެރަލް އަޙްމަދު މުނާޒް ވިދާޅުވީ ކޮންޕެނީތަކާއެކު މަޝްވަރާތަށް ކުރުމަށްފަހު، ކުރިއަށް އޮތް ދެ ދުވަހުގެ ތެރޭގައި މުބާރާތް ކުރިއަށް ގެންދާނެ ގޮތް ފައިނަލް ކުރެވޭނެކަމަށްވެސް މުނާޒް ވިދާޅުވިއެވެ. ކްރިކެޓް ބޯޑުގެ ސެކްރެޓަރީ ޖެނެރަލް އަޙްމަދު މުނާޒް ވިދާޅުވީ މިހާރު މާލެ ސަރައްހަދުގައި އަޅާފައިވާ ފިޔަވަޅުތަކަށް ލުއިދިނުމާއެކު، މުބާރާތް މެޗްތައް ކުރިއަށް ގެންދިއުމަށް އެޗްޕީއޭގެ ހުއްދައަކަށް އެދޭނެކަމަށްވެސް މުނާޒް ވިދާޅުވިއެވެ.

ރަމަޟާން ކްރިކެޓް ކާވިނަލަކީ ކޮންމެ ރޯދަމަހެއްގައިވެސް ވަރަށް ފޯރިއާއެކު ކުރިއަށްގެންދާ މުބާރާތެކެވެ. ރަމަޟާން ކްރިކެޓް ކާވިނަލްގެ އޯޕަން މުބާރާތާއި އޮފީސް މުބާރާތް މިހާރުވަނީ ނިމިފައެވެ.